...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އިލްމީ ތަޖުރިބާއަކާއި އޭގެ ނަތީޖާ

އެކި ކަންކަމަށް، ޖަނަވާރުން ތަމްރީނުކޮށް ތަޖުރިބާތައް ހިންގާ މުއައްސަސާއެއްގައި ރާމާމަކުނުތަކަކަށް އެކިއެކި ތަމްރީނުތައް ދިނެވެ. ގޭގައި، ބައެއް ކަހަލަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ތަމްރީނެވެ. އެއްޗެހި ދޮވެ، ކައްކަން ދަސްކޮށްދިނުމެވެ. ބާޒާރަށް ގޮސް، އެއްޗެހި ގަތުމުގެ ތަމްރީނެވެ. އަދި، ތަންކޮޅެއް ކުޅަދާނަ ކަމަށް ބެލެވުނު، މަކުނަކަށް ބަސް ދުއްވަން ދަސްކޮށްދިނުމުގެ ތަމްރީނު ވެސް ދިނެވެ.

މި ތަމްރީނުތައް ކާމިޔާބު ގޮތެއްގައި ނިންމާލެވުނު ކަމަށް، މި މަޝްރޫއާ ހަވާލުވެ ހުންނެވި އިސް ވެރިޔާ، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު، އެ ޚަބަރު ދެއްވިއެވެ. އަދި، ވަރަށް އަވަހަށް، މަކުނުލައްވާ ބަސް ދުއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ކުރެވުމުން، ބަސް ދުއްވުމުގެ ޚަރަދުތައް ކުޑަވެ، އާންމުންނަށް ވެސް، އަގު ހެޔޮކޮށް ބަހުގެ ޓިކެޓު ގަންނަން ލިބޭނޭކަމުގެ އުފާވެރި ޚަބަރު ވެސް އޭނާ ދެއްވިއެވެ.

މަކުނު ބަސް ދުއްވުމުގެ ވަގުތު އަތުވެއްޖެއެވެ. ކުޅި ބަލަން ވަރަށް ގިނަ މީހުން އެއްވެފައި އޮތެވެ. އަދި އެ ޚަބަރު ރިޕޯޓު ކުރުމަށްޓަކައި ގިނަ ނޫސްވެރިންތަކެއް ވެސް އެއްވެ ތިއްބެވެ. ދެން، ވަރަށް ނަލަ ހެދުމެއް އަޅުވާފައި މަކުނު ގެނެވުނެވެ. ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނަކާއި ކޯޓާ ގުޅޭ ޓައީއެއް ވެސް މަކުނު ކަރުގައި އަޅުވާފައެވެ.

މަކުނު ޑުރައިވަރުގެ ގޮނޑީގައި އިށީނެވެ. މަކުނު ކައިރީގައި ހުރި ގޮނޑިއެއްގައި މަކުނުގެ ތަމްރީނުގެ މަސައްކަތް، އޭނާ ދެކިލައްވާ ގޮތުގައި، ކާމިޔާބާއެކު ނިންމަވާލެއްވި ވެރިޔާ ވެސް އިންނެވިއެވެ. ބަހަށް އެރުމުގެ ކުރިން މަކުނާއެކު އޭނާ ފޮޓޯއެއް ވެސް ނެންގެވިއެވެ. އެ ފޯޓޮ މަތީގައި އެވަނީއެވެ.

މަކުނު ބަސް ދުއްވާލިއެވެ. މާ ގިނައިރުތަކެއް ނުވަނީސް ބަހަށްވީ ގޮތެއް ވެއްޖެއެވެ. ހަމަ ގައިމު ވެސް ބަހުގެ މަންޒިލަކަށް ނުދެވެއެވެ. ވެއްޓި ފުރޮޅާލައިފައި އޮތް ބަހުގެ ދަށުގައި ކަހަލަ ގޮތަކަށް އޮންނެވި، މަކުރު ތަމްރީނު ކުރުމުގެ މަޝްރޫއުގެ ލީޑަރު ނެގުނެވެ. ދެން، އޭނާ ހުންނެވި ގޮތުގެ ފޮޓޯއެއް ވެސް ކައިރީގައި ހުރި މީހެއްގެ ފޯނުގެ ކެމެރާއިން ކުރަހާލެވުނެވެ. ތިރީގައިވާ ފޮޓޯއިން އެ ފެންނަނީ އެވަގުތު އޭނާ ހުންނެވި ގޮތް އެ ކެމެރާ ބުނެދިން ގޮތެވެ!

އާދެ، މި "އިލްމީ ތަޖުރިބާ" ބުނެދެނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކޯޓު ފަޓުލޫނެއް ލެއްވިއެއް ކަމަކު މަކުނެއްގެ ހަގީގަތް ބަދަލު ނުކުރެވޭނޭކަމެވެ. އެއަށް ކުރެވޭނޭ ކަންކަމާއި ނުކުރެވޭނޭ ކަންކަމަށް ވެސް ބަދަލެއް ނާންނާނޭކަމެވެ. ބޭރު ފުށުގެ ސޫރަ ބަދަލުކޮށްލައިގެން، ހަގީގަތް ބަދަލުވީ ކަމަށް ނުބެލެވޭނޭ ކަމެވެ. މީހާގެ ބޭރުފުށުގެ ސޫރަ ބަދަލުކޮށްލުމަކުން އޭނާގެ ހަގީގަތް ބަދަލު ނުވާނޭ ކަމެވެ. އެ ގޮތަށް ކަންތައް ކޮށްގެން، ނުދަންނަ މީހުން، ދަންނަ މީހުން ކަމުގައި ނުހެދޭނޭ ކަމެވެ. ގިޔާދީ އެއްވެސް ހުނަރެއް ނެތް ބަޔަކު، ހެދުން ބަދަލުކުރުވައިގެން، ގައުމުގެ ބަސް ދުއްވުމަށްޓަކައި، މަސްއޫލު ގޮނޑިތަކުގައި ބޭންދުމަކުން، އެ ބަސް ކުރިއަކަށް ނުދާނޭކަމެވެ. އެ ގޮތަށް ހެދުން ބަދަލުކޮށްގެން، އެފަދަ ގޮނޑިތަކުގައި އިށީނުމުން، އެމީހުންނަށް، އެމީހުންގެ ހަގީގަތް ބަދަލުވެއްޖެ ކަމަށް ހީވިކަމުގައި ވިޔަސް ވެހެވެ.

އެހެން ހީވުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަކަށް ހެދެން ވެގެން، އަހުގެ އަސްގޮނޑި އޭގެ ބުރިކަށި މަތީގައި ބެހެއްޓުނު ހިމާރަށްވީ ގޮތެވެ. އަނގަ ހުޅުވާލައި އަޑެއް ލައްވާލާ އިރަށް އޭގެ ހަގީގަތް ހާމަވެ، އެއީ ހިމާރެއްކަން އެނގުނު ގޮތަށް، އެއްޗެެއް ބުނާއިރަށް އެ ފަދަ މީހުންގެ ހަގީގަތް ފާޅުވެއެވެ! މިފަދަ ގިޔާދީ ގޮނޑިތަކުގައި މަކުނު ފަދައިން، ރީތި ހެދުންތައް ލައިގެން ތިބެ، ގައުމުގެ ބަސް ދުއްވާލުމުން ނިކުންނަ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މަކުނުގެ ބަހަށް ޖެހުނު ދަތުރެވެ! އެ ކަން ތަސްވީރުން އެ އޮތީ ފެންނާށެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.