Support Us

ކޮލަމް: އަލި

ކޮލަމް އަލި: ރަސްމީ ބަހަކީ ވެސް އަދި ޤައުމީ ބަހަކީ ވެސް ފަޚުރުވެރި ދިވެހިބަސް!

ދިވެހިބަހަކީ ދިވެހީންގެ ފަޚުރާއިޝަރަފެވެ! ދިވެހީންގެ އަމިއްލަވަންތަކަމުގެ ހަމައެކަނި ރަމްޒެވެ! ދިވެހީންގެ ސުލްހަޔާއި އެއްބައިވަންތަކަމުގެ އަސްލެވެ! ދިވެހި ގައުމިއްޔަތުގެ ފުރާނައެވެ! ދިވެހި ގައުމު ކުރިއަރާން ވާނީ ދިވެހިބަހާ އެކުއެވެ.

އިއްޒަތްތެރި މެމްބަރު އިކްރާމަކީ ދިވެހިބަހުގެ ކުރިއެރުމަށް ޓަކައި އުފެއްދުންތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ! އިކްރާމް ޓްރާންސްޕޯޓުގައި ހުންނެވި ދުވަސްވަރާއި އޭގެ ފަހުން މަޖިލީހަށް ވަޑައިގަތުމާ ދެމެދު ހުންނެވި ހުންނެވުމުގައި ދެތިން ފަހަރަކު ދިމާވެ ވާހަކަ ދެކެވުނެވެ. އޭރު ދެއްކެވި ވާހަކަފުޅުތަކުގެ މައުޒޫއަކީ ދިވެހިބަސް ދިރުވާން ކުރަން ޖެހޭ މަސައްކަތްތަކުގެ މުހިންމުކަމެވެ. ގައުމީ ބަހުގެ މުހިންމު ކަމެވެ. އޭރު އިކްރާމްގެ ގައުމީ މާ ބޮޑު ބާރުވެރިކަމެއް ނުވަތަ އެފަދަ ހައިސިއްޔަތެއް ނެތެވެ!

އެކަމަކު މިއަދު ބަސްފުޅު ވިދާޅުވެ ތަންފީޒުކުރެއްވޭނޭ ހައިސިއްޔަތު ލިބިވަޑައިގަތުމުން ދައްކަވާ ވާހަކަފުޅު މުޅީން ތަފާތެވެ!

މިއީ ދިވެހިބަސް ދަމަހައްޓަވާން ބާރު އަޅުއްވަން އިކްރާމަށް ﷲ ދެއްވި ފުރުސަތަކަށް ވެސް ވެދާނެއެވެ! ވަގުތު އަބަދަކު ދެމިއެއް ނޯވެއެވެ! ތިމާގެ އަމިއްލަވަންތަކަން ނަގައިލައި ހޯދޭނެ ކުރިއެރުމަކީ ކޮބައިތޯ ހަގީގީ ހިތްޕުޅަކުން މިފަދަ ބޭފުޅުން ވިސްނައިވަޑައިގަންނަވަން ޖެހެއެވެ! ފަހަރުގައި އިކްރާމް ވިދާޅުވެފައި މިވާ ފަދައިން ވެއްޖެ ނަމަ ވެދާނެ ގޮތަކާ މެދު އިކްރާމް ވިސްނައިވަޑައިގެންނެވިބާވައެވެ! ގައުމެއްގެ ނިސްބަތުގައި އެ ތަނެއްގެ އަމިއްލަބަހާއި އަކުރަކީ ކިހައިވަރެއްގެ އެއްޗެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅަކަށް އިކްރާމް ވެވަޑައިގަންނަވާ ހިނދު، މި ފަދަ ވާހަަކަފުޅު ދެއްކެވީމާ އެ ޖެއްސެވެނީ ގައުމީ ހިތުގައެވެ!

ބަހަކީ މާތް ﷲ ދެއްވައިފައިވާ ނިޢުމަތެކެވެ! މި ކަން ކީރިތި މާތް ކަލާމްފުޅުން ދަސްކުރައްވާށެވެ! ދިވެހީން ދިވެހީންގެ ގައުމިއްޔަތު އެއްލައިލައިފައި ހޯދަން އެދޭން އޮތީ ކޮން ކުރިއެރުމެއްތޯއެވެ! މިއީ "އޯކޭ" ނުވަތަ "ވަރިހަމަ" ކަމަކަށް ނުހައްދަވާށެވެ. މިއީ ސީރިޔަސް ކަމެކެވެ. މިއީ، ގައުމީ މަސްލަހަތާއި ސުލްހަޔާއި އަމަންއަމާންކަމާއި ގައުމީ އަމިއްލަވަންތަކަމުގެ އަގާއި ގަދަރާއި ހައިބަތު މުލުން ލުހެވި ގައުމީ އިމާރާތް ރޫޅި ވެއްޔާ މޮޑެވިގެން ހިނގައިދާން އިއްވުނު އިންޒާރެއްގެ ރަނގަބީލެއްގެ އަޑެކެވެ! ސަހަލުސަހަލުކޮށް މި ކަމާ މެދު ނުވިސްނަވާށެވެ!

ދައްކާން ޖެހޭ ވާހަކަތަކާއި ނުދައްކާން ޖެހޭ ވާހަަކަތައް ހުންނާން ޖެހެއެވެ. މިއީ ޒަމާންވީ ފަޚުރުވެރި އަމިއްލަވަންތަކަމެއްގެ ޝަރަފްވެރި އާދަކާދައެއް ހިއްސާ ކުރާ އަޅުގަނޑުމެން ފަދަ ދިވެހީން ދައްކާ ޒާތު ވާހަކައެއް ނޫނެވެ! އަޅުގަނޑުމެން ޖެހޭނީ ހައިސިއްޔަތެއް ލިބުމުން ގައުމީ ނިދާ ބާރަށް އިއްވާށެވެ! ގައުމިއްޔަތަށް މީރުމީރު ތާޒާތާޒާ ފެންދޭށެވެ! ފަޚުރުވެރި ދިވެއްސެއްކަމުގެ ހަގީގީ ލޯބީގެ ވިންދު މަޖިލީހުގެ ތެރެއިންނާއި ރާއްޖޭގެ އުތުރާއި މެދާއި ދެކުނުން ޖަހާ ކަމުގެ ހަގީގީ އުފާ ތިމަތިމާމެންނަށް ލިބޭނީ އޭރުންނެވެ! ބަހަށް ނެތް ލޯތްބެއް ވަޠަނަށް ހުރުން އެއީ މުސްތަހީލު ކަމެކެވެ!

ދިވެހި އަދަބު ދުށް ކުޅަދާނަ އަދީބު އައްޝައިޚް ޢުމަރު ޢީސާ ވިދާޅުވެފައިވާ ބަސްފުޅާމެދު ފިކުރު ހިންގަމާތޯއެވެ! އޭނާ ވިދާޅުވިއެވެ! "ކުރިއަރައިގެން ދިޔަ ކޮންމެ ޤައުމެއް ކުރިއަރަމުން ދިޔައީ އެމީހުންގެ ބަހާ އެކުގައެވެ. ވެއްޓެމުން، ވަޅުޖެހެމުން، ވަޅުލެވެމުން ދިޔަ ކޮންމެ ބަޔަކާ އެކު، އެމީހުންގެ ބަހަށް ވެސް ދިޔައީ އެ ވީ އެއްޗެއް ވަމުންނެވެ."

އާދޭހެވެ! ކުރިއަރައި ދިޔަ ގައުމުތައް ކުރިއެރި މަގުތަކާއި ކުރިއަރަމުން އަންނަ ގައުމުތައް ކުރިއަރަމުން އަންނަ މަގުތަކާއި ގޮތްފޮތް އަޅުގަނޑުމެން ހަގީގީ ލޯތަކުންނާއި ހިތްތަކުން ބަލަމާތޯއެވެ! ޚިޔާލުފާޅުކުރުމުގެ ކުރިން އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު އިސްނުކޮށް ގައުމީ މަސްލަހަތު އިސްކުރަމާތޯއެވެ! އިރާދަކުރެއްވިއްޔާ މި ލޮބުވެތި ގައުމު ދެމި އޮތްހައި ހިނދަކު މި ގައުމުގެ ރަސްމީ ބަހަކަށް ވެސް އަދި ޤައުމީ ބަހަކަށް ވެސް ވާނީ ހަމަ ފަޚުރުވެރި ދިވެހިބަހެވެ! ލޯބިވާ ދިވެހިބަހެވެ!