...

Support Us

"ތާލިބުލް އިލްމު"ގެ ލަގަބު ހޯދާފައިވާ މީހެއްގެ ވާހަކަ

އެކަލޭގެފާނުގެ ނަންފުޅަކީ އަބޫ ޢަބްދުއްރަޙްމާން ބަޤިއްޔު ބިން މަޚްލާދު އަލް އަންދަލުސީ އަލް ޙާފިދު އެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 201 ވަނަ އަހަރު އެވެ. އަވަހާރަވީ ހިޖުރައިން 276 ވަނަ އަހަރުއެވެ. އުމުރުން ގާތްގަނޑަކަށް 20 އަހަރުގައި އަންދަލުސް އިން ބަޣްދާދަށް ފައިމަގުގައި ދަތުރުކުރެއްވިއެވެ. މި ދިގު ރާސްތާ އެކަލޭގެފާނު ކަޑައްތު ކުރެއްވީ ސަވާރުވާނެ އަހެއް، ޖަމަލެއް ނެތިއެވެ. ހަމައެކަނި އެދުމަކީ އިމާމް އަޙްމަދު ބިން ޙަންބަލްއާ ބައްދަލުކުރައްވައި އެކަލޭގެފާނުގެ އަރިހުން ޢިލްމު ޙާސިލްކުރެއްވުމެވެ.

އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ: އަހުރެން ބަޣްދާދާ ގާތްވިއިރު، އިމާމް އަހުމަދު ބިން ހަންބަލްގެ މައްޗަށް ދަޢުވާކޮށް ޝަރީއަތް ކުރެވެމުން ދާކަމުގެ ޚަބަރު ލިބުނެވެ. އަދި އެކަލޭގެފާނާ ބައްދަލުކުރުމާއި މުއާމަލާތްކުރުން ވެސް މަނާކޮށް، ގޭބަންދުކޮށް ކިވައިދެއްވުން ވެސް މަނާކޮށްފައި އޮތްކަމުގެ ޚަބަރު ލިބުނެވެ. މިކަމާ އަހުރެން ވަރަށް ބޮޑަށް ހިތާމަކުރީމެވެ. ކޮންމެއަކަސް ބަޣުދާދަށް ގޮސް އަހުރެން ކޮޓަރިއެއް ކުއްޔަށް ނެގީމެވެ. އެއަށްފަހު ފުރަތަމަވެސް އަހުރެން މިސްރާބުޖެހީ [ބަޣްދާދުގެ] ބޮޑު މިސްކިތާ ދިމާލަށެވެ. އެތަނުގައި އުނގަންނައިދޭ އެއްޗެއް އަަޑު އަހައި ދަސްކުރުމުގެ ނިޔަތުގައެވެ. ފަހެ އަހުރެން މިސްކިތަށް ދިޔައިރު ލައްވާލީ ޢިލްމީ މަޖްލީހަކާއެވެ. އޭރު އެތަނުގައި މީހަކު އުނގަންނައިދެމުން ދިޔައީ ބައެއް ރާވީންގެ ބަލިކަށިކަމާއި އަނެއް ބައެއްގެ ވަރުގަދަކަމުގެ ވާހަކައެވެ. އެހިނދު އަހުރެން އެތެރެއަށް ވަދެ ހަމަޖެހިލުމަށްފަހު ކައިރީގައި އިށީނދެގެން އިން މީހަކާ ސުވާލުކުރީމެވެ. "އެއީ ކާކު ހެއްޔެވެ؟" އެމީހާ ޖަވާބު ދިނެވެ. "އެއީ ޔަޙްޔާ ބުން މާޢީން" އެވެ.

އެއަށްފަހު ޔަޙްޔާއާ ތަންކޮޅެއް ކައިރިން ހުސް ޖާގައެއް ފެނުމުން އަހުރެން އަވަސްއަވަހަށް އެތަނަށް ޖެހިލާފައި ސުވާލު ކުރީމެވެ.

"އޭ އަބާ ޒަކަރިއްޔާ އެވެ. މާތްﷲ ކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ. އަހުރެންނަކީ ތިޔަބައިމީހުންގެ ތެރޭގައި ބީރައްޓެއްސަކީމެވެ. އަހަރެންގެ ބައެއް ސުވާލުތައް އެބަހުއްޓެވެ." އެހިނދު އެކަލޭގެފާނު އަހުރެންނަށް ސުވާލުކުރުމުގެ އިޛްނަ ދެއްވިއެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުންހިފައި އަހުރެންނާ ދިމާވި ބައެއް ޙަދީޘް ޢިލްމުވެރިންނާ ބެހޭގޮތުން ސުވާލުކޮށްފީމެވެ. އެކަލޭގެފާނު އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުންނަށް ތައުރީފު ކުރައްވައި، އަނެއްބައި ބޭކަލުންގެ ބަލިކަށިކަމުގެ ވާހަކަ ދެއްކެވިއެވެ. އަދި އަހުރެން އެކަލޭގެފާނުގެ އަރިހުން ވަރަށް ގިނަ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، ހިޝާމް ބިން އައްމާރާ ބެހޭގޮތުން ސުވާލު ކުރީމެވެ. އެހިނދު އެމަޖިލީހުގައި ތިބި މީހުން ބުނަން ފަށައިފިއެވެ.

"ތިބާ އަށް މިހާރު ފުދޭވަރަށް ސުވާލުކުރެވިއްޖެއެވެ. މާތްﷲ ތިބާއަށް ރަޙްމަތް ލައްވާށިއެވެ. އެހެން މީހުންގެ ވެސް ސުވާލު އެބަހުއްޓެވެ."

އެންމެ ފަހުން އަހަރެން އެމަޖިލީސް ދޫކޮށް ދިޔުމަށްޓަކައި ތެދުވެފައި ބުނީމެވެ.

"އަދި އެއް ބޭފުޅެއްގެ ވާހަކަ އަހަންނަށް އަންގަވައިދެވިދާނެތޯއެވެ؟ އަޙްމަދު ބިން ޙަންބަލް ކިހިނެއްތޯއެވެ؟" އެހިނދު ޔަޙްޔާ ބިން މާޢީން އަހަރެންނާ ދިމާއަށް ހައިރާންވެފައި ބަލާލަމުން ވިދާޅުވިއެވެ. "އަޙްމަދު ބިން ޙަންބަލް ފަދަ މީހެއް، އަހަރެމެން ކަހަލަ މީހަކަށް އިންސާފު ކުރެވިދާނެތޯއެވެ؟ އެކަލޭގެފާނަކީ މުސްލިމުންގެ އިމާމެވެ. އަހުރެމެންގެ ތެރޭގައި ހުރި އެންމެ މޮޅު އަދި އެންމެ ޝަރަފުވެރި އިމާމެވެ."

ފަހެ އެހިނދު އަހުރެން މިސްކިތުން ނިކުމެ ސީދާ އިމާމް އަޙްމަދު ބުން ޙަންބަލްގެ ގެކޮޅާ ދިމާލަށް މިސްރާބު ޖެހީމެވެ. އަދި އެކަލޭގެފާނުގެ ގެކޮޅުގެ ކައިރިޔަށް ގޮސް ދޮރުގައި ޓަކި ޖަހާލުމުން އިޖާބަ ދެއްވިއެވެ. ދެން އަހުރެން ބުނެފީމެވެ.

"އޭ އަބާ ޢަބްދުﷲ އެވެ. އަހުރެންނަކީ ދުރު ތަނަކުން މިތަނަށް އައިސް ހުރި ބީރައްޓެއްސަކީމެވެ. މިއީ އަހުރެން މި ބިމަށް އައި ފުރަތަމަ ފަހަރެވެ. އަހުރެންނަކީ ޙަދީޘް އުނގެނޭ ދަރިވަރަކީމެވެ. އަދި ސުންނަތަށް ލޯބިކުރާ މީހަކީމެވެ. އަހުރެން މިދަތުރުކުރީ ހަމަ އެކަނި ކަލޭގެފާނާ ބައްދަލުކުރުމަށެވެ."

އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "އެއްވެސް ލޮލަކަށް ނުފެންނަ ގޮތަށް ގޯޅިގަނޑުން އެތެރެއަށް ވަންނާށެވެ." އެއަށްފަހު އަހުރެން ވަނުމުން ސުވާލުކުރެއްވިއެވެ. "ކަލޭގެ ވަޒަނަކީ ކޮބައިހެއްޔެވެ؟" އަހަރެން ބުނީމެވެ. "ހުޅަނގު ފަރާތުގެ ދުރު ހިސާބެކެވެ." އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. "އެފްރިކާ ހެއްޔެވެ؟" އަހަރެން ބުނީމެވެ، "އެއަށްވުރެވެސް މާ ދުރެވެ. އަހަރެންގެ ވަޒަނުން އެފްރިކާއަށް ދިއުމަށްޓަކައި ކަނޑު ހުރަސްކޮށް ދަތުރުކުރަން ޖެހޭނެއެވެ. އެއީ އަންދަލުސް އެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަ ޔަގީނުންވެސް ތިޔައީ ވަރަށް ދުރު ހިސާބެކެވެ. އަދި ތިބާ ފަދަ ޢިލްމަށް ފެންބޮވައިގެންފައިވާ މީހަކަށް އެހީތެރިވުމަށް ވުރެ އަހުރެން ލޯބިކުރާ އެހެން އެއްވެސް ކަމެއް ނުވެއެވެ. އެހެނަސް ތިބާއަށް ވެސް އެނގޭނޭ ފަދައިން އެކަމަށްޓަކައި އަހަރެންގެ މައްޗަށް މިވަނީ ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައެވެ." އަހަރެން ވަގުތުން ޖަވާބު ދިނީމެވެ. "އަހުރެން ކަލޭގެފާނު އަރިހަށް އަންނަން، ބަޣުދާދާ ކައިރިވެފައި ހުއްޓައި ތި ޚަބަރު އަހަރެންނަށް ލިބުނެވެ.

"އޭ އަބާ ޢަބްދުﷲ އެވެ. މިއީ އަހަރެން މި ބިމަށް އައި ފުރަތަމަ ފަހަރެވެ. އަދި މި ބިމުގެ އަހުލުވެރިނަށް އަހުރެންނެއް ނޭނގޭނެވެ. ކަލޭގެފާނު އަހަންނަށް ހުއްދަ ދެއްވައިފި ނަމަ ކޮންމެ ދުވަހަކުވެސް ސަލާން ޖަހާ މީހެއްގެ ހެދުމުގައި އަހުރެން ކަލޭގެފާނު އަރިހަށް އައިސްދާނަމެވެ. އަދި އެމީހުން ވާހަކަ ދައްކާ ގޮތަށް އަހަރެން ވާހަކަ ދައްކާނަމެވެ. ދެން ކަލޭގެފާނު ދޮރުކޮޅު ކައިރިޔަށް ވަޑައިގެން ދުވާލަކު ހަދީޘެއް އަހުރެންނަށް އުނގަންނައިދެއްވިޔަސް އެވަރުން އަހުރެންނަށް ފުދޭނެއެވެ."

ދެންފަހެ އެކަލޭގެފާނު އެކަމަށް އެއްބަސްވެވަޑައިގަތެވެ. އެއީ އަހުރެން ބަޣުދާދުގެ ޢިލްމީ މަޖިލީސްތަކުގައި ބައިވެރިނުވުމަށާއި، ޙަދީޘް ޢިލްމުވެރިންނާ ބައްދަލުނުކުރުމަށް ޝަރުޠުކޮށްފައެވެ. އެއީ މީސްތަކުންނަށް އަހުރެންނަކީ ކާކުކަން އެނގުނަ ނުދިނުމަށެވެ. އެހެންކަމުން އަހަރެން ކޮންމެ ދުވަހަކުވެސް އަސާގަނޑެއް ހިފައިގެން ދުވަސްވެ ބާވެފައިވާ ފޮތިގަނޑެއް ބޮލުގައި އޮޅާލައިގެން، އަހުރެން ލިޔެކިޔުމަށް ބޭނުންވާ ކަރުދާސްތަކާއި ލިޔުމުގެ އާލާތްތައް އަހަރެންގެ ހެދުމުގެ އަތުކުރިޔަށް ލައި ފޮރުވައިގެން އެކަލޭގެފާނުގެ ގެކޮޅުގެ ދޮރުމައްޗަށް ގޮސް ގޮވާލަމެވެ.

"ﷲ އަށްޓަކައި އަހުރެންނަށް އެހީތެެރިކަމެއް ދެއްވާށެވެ. މާތް ﷲ ތިބާ އަށް ރަޙުމަތްލައްވާނެއެވެ." އެއީ އެތަނުގެ ސަލާންޖަހާ އެހެން މީހުންވެސް ކަންތައްކުރާ ފަދައިންނެވެ. ދެން އެކަލޭގެފާނު ނިކުމެވަޑައިގެން، ދޮރުކޮޅު ލައްޕަވައި އަހުރެންނަށް ދެތިން ހަދީޘް އުނގަންނައިދެއްވައެވެ. ބައެއް ދުވަސްދުވަހު އެއަށްވުރެ އިތުރަށެވެ. ފަހެ މިގޮތަށް އަހުރެން ތިންސަތޭކައެއްހާ ޙަދީޘް އެއްކުރީމެވެ. މިގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ގޮސް، އިމާމް އަޙްމަދަށް ތަކުލީފް ޖައްސައި އެކަލޭގެފާނަށް އަނިޔާވެރިވި ވެރިމީހާގެ ބަދަލުގައި ސުންނަތް މަޒުހަބަށް ތަބާވާ ބޭފުޅަކު އަތުވެއްޖެއެވެ. އަހުރެން އެގޮތުގައި ދެމިހުރީމެވެ. އެއަށްފަހު އިމާމް އަޙްމަދު އުނގަންނައިދިނުމަށް އެނބުރި ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ނަން މަޝްހޫރުވެ، މީސްތަކުންގެ ތެރޭގައި ޝަރަފުވެރިކަމާއި ލޯބި ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދަރަޖަ މަތިވެ، އުނގެނުމަށް އެތައް ބަޔަކު އެކަލޭގެފާނުގެ މަޖިލިސްތަކަށް ހާޒިރުވެ އުޅުނެވެ. ފަހެ އަހުރެން އެކަލޭގެފާނު އަރިހުން އުނގެނެން އުޅުމުގައި ކެތްތެރިވި ވަރާއި އެކަމަށް ފެންބޮވައިގެންފައި ހުރި މިންވަރު އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. އެހެންކަމުން އަހަރެން އެކަލޭގެފާނުގެ ދަރުސްތަކަށް ހާޒިރުވާއިރު އެކަލޭގެފާނުގެ ކައިރީގައި އަހުރެންނަށް އިށީނދެވޭނެ ޖާގައެއް ހައްދަވައިދެއްވައެވެ. އަދި އެހެން ދަރިވަރުން ގާތު އަހުރެންނަށް އިޝާރާތްކޮށްފައި ވިދާޅުވެއެވެ.

"މިއީ ތާލިބުލް އިލްމުގެ ލަގަބު ހޯދާފައިވާ މީހެކެވެ." އަދި އަހަރެންގެ ވާހަކަ ދަރިވަރުންނަށް ކިޔައިދެއްވައެވެ.

ކޮންމެއަކަސް މިގޮތުގައި ފޯރިޔާ އެކު ކިޔެވުން ކުރިޔަށް ގެންދަނިކޮށް އެއްދުވަހަކު އަހަރެން ބަލިވިއެވެ. އަދި އެކަލޭގެފާނުގެ ދަރުސްތަކަށް ހާޒިރުނުވެވި ދުވަސްކޮޅެއް ވިއެވެ. ފަހެ އެކަލޭގެފާނަށް އެކަން ފާހަގަކުރެވި ދަރިވަރުން ކުރެން އަހުރެންގެ ޚަބަރު އެއްސެވިއެވެ. އަދި އަހުރެން ބަލިވެއުޅޭ ކަމުގެ ޚަބަރު ދިނުމުން ވަގުތުން ތެދުވެވަޑައިގެން އަހަރެންނަށް ޒިޔާރަތްކުމަށް މިސްރާބުޖެއްސެވިއެވެ. އެކަލޭގެފާނު ފަހަތްޕުޅުން ދަރިވަރުން ވެސް އައެވެ. އޭރު އަހުރެން އޮތީ ކުއްޔަށް ހިފާފައިވާ ކޮޓަރީގެ ބިންމަތީގައި އޮތް ދެރަވަރު ރަޖާގަނޑެއްގެ މަތީގައި، ތުނިތުނި ފޮތިގަނޑެއް ގައިމަތީގައި އަޅައިގެންނެވެ. އަހަރެންގެ ފޮތްތައް އަހަރެންގެ ބޯކައިރީގައި ހުއްޓެވެ. އެއީ އޮށޯވެލައިގެން އޮވެ އަހުރެންނަށް ކިޔަވާލެވޭނެ ގޮތަށެވެ.

ދެންފަހެ އަހުރެންގެ ކޮޓަރީގެ ހަމަހިމޭންކަން ފޫއަޅުވާލީ އެތައް ބަޔަކު ވަދެގެން އަންނަ އަޑާއެކުއެވެ. އެމީހުން ބުނާ އަޑު އަހުރެންނަށް އިވުނެވެ. "އޭނާ އެއޮތީ އެކޮޅުގައެވެ." އެހިނދު އަހުރެން ހުރިތަނުގެ ކުލީ ކޮޓަރި ބަލަހައްޓާ މީހާ އަހަރެންގެ ގާތަށް ދުއްވެފައި އައިސް ބުންޏެވެ.

"ޔާ އަބުދުއްރަހްމާންއެވެ. އަބޫ އަބްދުالله އަހުމަދު ބިން ހަންބަލް، މުސްލިމުންގެ އިމާމް، ތިބާއަށް ޒިޔާރަތް ކުރަން އައިސްފިއެވެ."

ފަހެ އިމާމު އަހަރެންގެ ކޮޓަރިއަށް ވަދެވަޑައިގެން އަހަރެންގެ ކައިރީގައި އިށީނދެވަޑައިގަތެވެ. އޭރު ކޮޓަރި ފުރި ބާރުވެފައި އޮތީ އެކަލޭގެފާނުގެ ދަރިވަރުންނާއިގެނެވެ. އެންމެންނަށް އިށީނދެވޭނެ ގޮތެއް ނެތުމުން އެއްބަޔަކު ތިބީ ކޮޅަށެވެ. އެންމެން ތިބީ ގަލަން ހިފައިގެންނެވެ. އަދި އެކަލޭގެފާނު ވިދާޅުވާ ކޮންމެ ބަސްފުޅެއް ލިޔަން ގަލަންތައް ހަރަކާތް ކުރަމުން ދިޔަތަން އަހުރެން ދުށީމެވެ. އެޔަށްފަހު އެތައް އިރަކު މަޑުކޮށް އަހުރެންނަށް ހެޔޮ ދުއާ ކުރުރެއްވުމަށްފަހު އެކަލޭގެފާނު ވަޑައިގެންފިއެވެ. އޭގެފަހުން އަހުރެން ދިރިއުޅޭ "ކުލީކޮޓަރީގެ" ގެ މަސައްކަތްތެރިން އަހުރެންނަށް ވަރަށް އޯގާތެރިއެވެ. އަދި މެދުނުކެނޑި އަހުރެންގެ ޚިދުމަތުގައި ތިބެއެވެ. އޭގެ ތެރެއިން އެކަކު އަހަންނަށް އޮށޯންނާނެ ގޮދަޑިއެއް ގެނެސްދިނެވެ. އެހެން މީހަކު އަހަންނަށް ރަޖާގަނޑެއް ގެނެސްދިނެވެ. އަދި އަބަދުވެސް ރަނގަޅު ކާނާ ފޯރުކޮށްދެއެވެ.

އޭގެ ފަހުން އެމީހުން އަހަރެންނާ މެދު އާއިލާ މީހުންނަށްވުރެވެސް ރަނގަޅަށް ކަންތައް ކުރިއެވެ. އެހެނީ އެފަދަ ޞާލިޙު މީހަކު އަހަރެންނަށް ޒިޔާރަތް ކުރަން އައުމުންނެވެ.

ޢަބްދުއްރަޙްމާން ބަޤިއްޔު ބިން މަޚްލާދު އަލް އަންދަލުސީ އާ ބެހޭގޮތުން އެކަލޭގެފާނުގެ ދަރިވަރު އަބޫ ޢަބްދުލްމަލިކު އަޙްމަދު ބިން މުޙައްމަދު އަލްޤުރްޠުބީ ވިދާޅުވެފައި ވެއެވެ. "ބަޤީއްޔު ބުން މަޚްލާދަކީ އިސްކޮޅުން ދިގު، ވަރުގަދަ، ކެތްތެރި ބޭފުޅެކެވެ. އަހަރެން ދުވަހަކުވެސް އެކަލޭގެފާނު ސަވާރީއެއްގައި އުޅުއްވަނިކޮށް ނުދެކެމެވެ. އެކަލޭގެފާނަކީ ވަރަށް ހިތްތިރި ބޭކަލެކެވެ. އަބަދުވެސް ޖަނާޒާގެ ނަމާދަށް ހާޒިރުވެއެވެ. އެކަލޭގެފަަނުގެ ކެތްތެރިކަމާއި ޢިލްމަށް ހުރި ޝައުޤުވެރިކަމާއި، ޢިލްމު ޙާޞިލުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި އުފުއްލެވި ތަކުލީފަކީ ކޮންފަދަ ރީތި ނަމޫނާއެއް ހެއްޔެވެ؟"

މަސްދަރު: ސަފަޙާތު މިން ސަބްރް އަލް-ޢުލަމާ / ޝެއިޚް އަބުދުލް ފައްތާޙް އަބޫ ޣުއްދާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *