Support Us

ކޮލަމް ކޯދު: ޚުޝާމަދާއި ދޮގު ތައުރީފާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބަސްކޮޅެއް

ތިރީގައި މި ވަނީ ޚުޝާމަދާއި ދޮގުތައުރީފާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބަސްކޮޅެކެވެ.

  1. ޚުޝާމަދަކީ ޗުއިންގަމު ކަހަލަ އެއްޗެއްގެ ގޮތުގައި ދެކޭށެވެ. އެ ހަފާލައި އެއިން މަދު ހިނދުކޮޅަކަށް އުފާލިބިގަންނާށެވެ. ނަމަވެސް، ދިރުވާލަން ނުހަދާށެވެ!
  2. ކަލެއަށް ޚުޝާމަދުކޮށް، ހައްގު ނޫން ތައުރީފު ކުރާ މީހާ ހަގީގަތަކީ ކޮބައިކަން، ކަލެއަށް، އޮޅުވާލައިފިއެވެ. ނުވަތަ އޭނަ އެ މަސައްކަތްކުރަނީ އެކަން ކަލެއަށް އޮޅުވާލެވޭތޯއެވެ.
  3. އެންމެން ފަސޭހައިން ޚުޝާމަދުގެ ދަލުގައި ޖެހެނީ ބޮޑާ ކިބުރުވެރި މީހުންނެވެ. ހުރިހާ ކަމެއްގައި ވެސް އެ މީހުންނީ އެއްވަނަ ކަމުގައި އެ މީހުން ދެކެއެވެ. ހަގީގަތަކީ އެ ނޫން ކަމުގައި ވިޔަސް ވެހެވެ.
  4. ހައްގު ތައުރީފުގެ ބަހަކީ އަދާކުރެވޭ ދަރަންޏެކެވެ. ނަމަވެސް ޚުޝާމަދަކީ އަމިއްލަ އެދުމެއް ހާސިލުކުރުމަށްޓަކައި ދެވޭ ހަދިޔާއެކެވެ.
  5. މީހުންގެ ޚުޝާމަދާއި ފާޑުކިޔުމުގެ ދަލުގައި ވެސް ކަލޭގެ ނަފްސު ޖެހުނަނުދޭށެވެ. އެހެންވެއްޖެ ނަމަ، އެ ދެ ކަންތައް ވެސް ކަލޭގެ ކުރިއެރުމަށް ހުރަސްއަޅައެވެ.
  6. ޚުޝާމަދަކީ ކޯލާވާޓަރު ކަހަލަ އެއްޗެކެވެ. އޭގެ ވަސް ބަލައިލުން އެންމެ ރަނގަޅު ވިޔަސް އެ ބޯކަށް ކަމަކު ނުދާނެއެވެ.
  7. އަހަރުމެން އަހަރުމެންގެ އަމިއްލަ ނަފްސު މޮޅުކޮށް އަމިއްލަ ނަފްސަށް ޚުޝާމަދު ނުކުރާ ނަމަ، އެހެން މީހުންގެ ޚުޝާމަދު ކުރުމުގެ ދަލުގައި އަހަރުމެން ނުޖެހުނީހެވެ.
  8. ވެރިންނަށް ތައުރީފުކުރުމުން ދުރުހެލިވެ، އެއްޗެއް ނުބުނެ މަޑުން ތިބުން ބުއްދިވެރިއެވެ. އެހެނީ އެކަން، ވަރަށް ގިނަ ފަހަރަށް، ގާތްކުރަނީ ޚުޝާމަދުކުރުމާއެވެ. އަދި ވެރިންނަށް ފާޑުކިޔުމަކީ ނުރައްކާތެރިކަމަކަށް ވެދާނެއެވެ. އެ މީހުން މަރުވެ ދިޔުމުން އެ މީހުންނަށް ފާޑުކިޔުމަކީ އެންމެ ފިނޑިކަންކަމުގެ ތެރެއިންވާ ކަމެކެވެ.
  9. ޚުޝާމަދާއި އިހާނަތުގެ ބަސްތައް ވެސް މެދުވެރިކުރުވަނީ ހަމަ އެއް ސުއާލެކެވެ. 'އެކަން ކުރާ މީހުން ބޭނުންވެގެން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟
  10. ޚުޝާމަދަކީ އެކަން ކުރާ މީހާއާއި އަދި އެކަން ބަލައިގަންނަ މީހާ ވެސް ފާސިދުކުރާ ކަމެކެވެ.