...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އަޅުވެރި ޒުހުދުވެރިއަކާއި ސިޔާސީވެރި ބައެއްގެ ވާހަކަ

އެއް ދުވަހު، އަޅުވެރި ޒުހުދުވެރިއަކާއި ސިޔާސީވެރިއެއް އެކުގައި ދަތުރު ކުރަމުން ދިޔައެވެ. މެންދުރު ކެއުމުގެ ވަގުތު ޖެހުމުން، ސައިހޮޓަލެއް ކައިރިއަށް މަޑުޖައްސާލައި އެ ހޮޓަލަށް ވަދެ، ދެ މީހުން ވެގެން ތިން ކުޅި ފޮޅި ގަތެވެ. ދެން، މެންދުރު ނަމާދުގެ ވަގުތު ވެސް ޖެހިފައި ވުމުން، އަޅުވެރިޔާ، ކައިރީގައި ހުރި ފާޚާނާއަކަށް ގޮސް ވުޟޫކޮށްލައިގެން ނަމާދުކުރިއެވެ. އެއަށް ފަހު، މެންދުރުގެ ކެއުން އެވެރިން ގަތް ކުޅި ފޮޅިން ނިންމާލަން ގަސްދުކޮށް އަޅުވެރިޔާއާއި ސިޔާސީވެރިޔާ އިށީނެވެ.

އެ ވަގުތު އަޅުވެރިޔާއަށް ފާހަގަކުރެވުނީ ތިން ފޮޅީގެ ތެރެއިން އޮތީ ދެ ފޮޅިކަމެވެ. ދެން، އަޅުވެރިޔާ ސިޔާސީވެރިޔާކުރެން ތިން ވަނަ ފޮޅި ކޮބައިތޯ އެހުމުން ސިޔާސީ ވެރިޔާ ބުނީ އޭނައަށް ނޭނގޭ ކަމެވެ. އަޅުވެރިޔާ ފާޚާނާއަށް ދިޔަ ވަގުތު ކައިރީގައި ތިން ފޮޅި ބާއްވާފައި އޭނަ ވެސް ނަމާދުކޮށްލި ވާހަކައާއި ނަމާދު ނިމިގެން ބަލާލިއިރު ފެންނަން އޮތީ ދެ ފޮޅި ކަމުގައި އޭނަ އަޅުވެރިޔާ ގާތު ބުންޏެވެ. ނަމަވެސް، ހަގީގަތަކީ މިއެއް ނޫނެވެ. އަޅުވެރިޔާ ފާޚާނާއަށް ދިޔަ ވަގުތު ބަލާފައި ސިޔާސީވެރިޔާ އެއް ފޮޅި ކާލީއެވެ. ކޮންމެއަކަސް ބާކީ އޮތް ދެފޮޅި ދެ މީހުން ވެގެން ކެއުމަށް ފަހު، އެ މީހުންގެ ދަތުރައިގެން ކުރިއަށް ދިޔައެވެ.

މާ ގިނަ އިރުތަކެއް ނުވަނީސް، މަގުމަތީ އޮށޯވެލައިގެން އޮތް ވަރަށް ބަލި، ފަގީރު މީހަކާ ދިމާވިއެވެ. ދެން، އޭނާ ކައިރީގައި އަޅުވެރިޔާ މަޑު ޖައްސާލައި އޭނާގެ މޫނުމަތީ އަތް ޖައްސާލައިގެން އިނދެ އަޅުވެރިޔާ ދުއާކުރިއެވެ. ބަލި މީހާއަށް ފުރިހަމަ ސިއްހަތަކަށް އެދިއެވެ. އަޅުވެރިޔާ ދުއާކޮށް ނިމުނު ތަނާހެން، ބަލިމީހާއަށް ޝިފާ ލިބި، މުޅިން ރަނގަޅުވެގެން ތެދުވިއެވެ.

މި މަންޒަރު ފެނިފައި ސިޔާސީ މީހާ ވަރަށް ވެސް ހައިރާންވެ، އޭނާގެ ހިތުގައި އަޅުވެރިޔާގެ މައްޗަށް ގަދަރާއި އިހުތިރާމު އުފެދުނެވެ. ދެން، އަޅުވެރިޔާ ސިޔާސީ ވެރިޔާއަށް ބުންޏެވެ. އެ ފަރާތެއްގެ ބާރާއި ކުޅަދުންވަންތަ ކަމުގެ ސަބަބުން އެ ބަލި މީހާއަށް ޝިފާ ލިބުނު ފަރާތް ގަންދީ ބުނަމެވެ. އެ ތިން ކުޅި ފޮޅީގެ ތެރެއިން ގެއްލުނު ފޮޅިއަށް ވީ ގޮތް ބުނެދީބަލާށެވެ. ޖަވާބުގައި ސިޔާސީ ވެރިޔާ ކުރިން ވެސް ބުނި ވާހަކަ ކިޔައިދީފައި އެ ފޮޅިއަށް ވީގޮތް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.

ދެން، އަނެއްކާ ވެސް ދެ ވެރިން އެ މީހުންގެ ދަތުރައިގެން ކުރިއަށް ދާން ހިނގައިގަތެވެ. އަދި، ވަކި ހިސާބަކަށް ދެވުނު ތަނާ ކުރިމަތީ ކޯރެއް އޮތް ތަން ފެނުނެވެ. އަދި، މި ކޯރު ހުރަސްކޮށްފައި މެނުވީ ދަތުރައިގެން ކުރިއަށް ދެވޭކަން ނެތެވެ. ނަމަވެސް، އެ ކޯރު ހުރަސް ކުރެވޭނޭ އެއްވެސް ގޮތެއް ފެންނާކަން ނެތެވެ. ކޯރު ހުރަސްކުރަން، ބޮއްކުރާގަނޑެއް ނޫނީ ކަނދުފައްޗެއް ހިސާބު ވެސް ފެންނާކަށް ނެތެވެ. ދެން، އަޅުވެރިޔާ ކޯރު ކައިރިއަށް ހުއްޓި، ދެ އަތް އުފުލައި ދުއާކުރަން ފެށިއެވެ. ދުއާކޮށް ނިންމާފައި ކައިރީގައި އޮތް ދަނޑިބުރިއެއް ނަގައި ކޯރުގެ ފެންގަނޑުގައި ޖެއްސެވެ. ދެން، ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޯރުގެ ފެންގަނޑު އެއްކޮށް ގަނޑުވިއެވެ.

މިތަން ފެނުމުން، ސިޔާސީވެރިޔާ އަޖައިބުވެ އަންތަރީސްވިއެވެ. އަދި، އޭނާގެ ހިތުގައި އަޅުވެރިޔާއަށް އޮތް ގަދަރާއި އިހުތިރާމު އިތުރުވެ އޭނާ ގާތުގައި އަޅުވެރިޔާގެ މަގުބޫލުކަން ވެސް އިތުރުވެގެން ދިޔައެވެ. ދެން، އަނެއްކާ ވެސް އަޅުވެރިޔާ ހަމަ ކުރިން ކުރި ސުއާލު ސިޔާސީވެރިޔާއާ ކުރިއެވެ. އެ ފަރާތެއްގެ ބާރާއި ކުޅަދުންވަންތަ ކަމުގެ ސަބަބުން ކޯރުގެ ފެންގަނޑު ގަނޑުވި ފަރާތް ގަންދީ ބުނަމެވެ. އެ ތިން ކުޅި ފޮޅީގެ ތެރެއިން ގެއްލުނު ފޮޅިއަށް ވީ ގޮތް ބުނެދީ ބަލާށެވެ. ޖަވާބުގައި ސިޔާސީ ވެރިޔާ ކުރިން ވެސް ބުނި ވާހަކަ ކިޔައިދީފައި އެ ފޮޅިއަށް ވީގޮތް އޭނާއަށް ނޭނގޭ ކަމަށް ބުންޏެވެ.

ދެން، ހިނގާފައި ގަނޑުވެފައި އޮތް ކޯރު ހުރަސްކޮށް، ދަތުރާއިގެން އެ ދެވެރިން ކުރިއަށް ދިޔައެވެ. އަދި، މާ ގިނަ އިރުތަކެއް ނުވަނީސް، ކުރިމަތިން ބޮޑު މާ ސިންގާ ތިން ވެލިފުނި ފެނުނެވެ. އެ ވަގުތު، އަޅުވެރިޔާ އެ ތިން ވެލިފުނި ކައިރިއަށް ގޮސް، އަތް އުފުލައި ދުއާކުރަން ފެށިއެވެ. ދުއާކޮށް ނިމުނުތަނާހެން، އެ ތިން ވެލިފުނި ތިން ރަން ފުންޏަށް ބަދަލުވިއެވެ. މިތަން ފެނި، ސިޔާސީވެރިޔާ އަނެއްކާ ވެސް އަޖައިބުވެ އަންތަރީސްވިއެވެ. އަދި، އޭނާގެ ހިތުގައި އަޅުވެރިޔާގެ ގަދަރު ކުރިއަށް ވުރެ ވެސް ބޮޑަށް އުފުލި އޭނާގެ މަގުބޫލުކަން އިތުރުވިއެވެ.

ދެން، އަޅުވެރިޔާ ސިޔާސީވެރިޔާ ގާތު ބުންޏެވެ. "މި ތިން ރަންފުނީން އެއް ފުނި އެއީ ކަލެއަށެވެ. ދެވަނަ ރަންފުނި އެއީ އަހަންނަށެވެ." އެހެން ބުނުމުން، ސިޔާސީވެރިޔާ އަވަސް އަރައިގެންފައި ބުންޏެވެ. "އެހެން ވެއްޖިއްޔާ ތިން ވަނަ ރަންފުނި އެއީ ކާކަށް އޮތް އެއްޗެއް ހެއްޔެވެ؟" ޖަވާބުގައި އަޅުވެރިޔާ ބުންޏެވެ. "ތިން ވަނަ ރަންފުނީގެ ހައްގުވެރިޔަކީ ގެއްލުނު ކުޅި ފޮޅި ކޭ މީހާއެވެ." އެ ވަގުތު އެއްވެސް ޖެހިލުމެއް ނެތި، އަދި، ކުރިން އޭނާ ބުނި ހުރިހާ ވާހަކައެއް ވެސް ހަނދާން ނައްތާލާފައި، ސިޔާސީވެރިޔާ ބުންޏެވެ. "މާފުކުރާށެވެ! މާ ބޮޑަށް ބަނޑުހައިވެފައި ވުމުން، އަހަންނަށް އެ ފޮޅި ކާލެވުނީއެވެ." ދެން، އަޅުވެރިޔާ ބުންޏެވެ. "އެއީ މައްސަލައެއް ނޫނެވެ. އެހެންވީމާ ތިން ވަނަ ރަންފުނީގެ ހައްގު ވެރިޔަކީ ކަލެއެވެ." އަދިވެސް، އަޅުވެރިޔާ ބުންޏެވެ. "ދެން ކަލެއާ އަހަރެން ވަކިވުމުގެ ވަގުތު ޖެހިއްޖެއެވެ. އަހަންނާއެކު ދަތުރުކުރިކަމަށްޓަކައި ޝުކުރު އަދާކުރުމުގެ ގޮތުން، އަހަރެންގެ ރަންފުނި ވެސް ކަލެއަށް ހަދިޔާކުރަމެވެ." އެހެން ބުނެފައި އަޅުވެރިޔާ ސިޔާސީވެރިޔާއަށް ސަލާންކޮށްފައި ދިޔައެވެ.

ތިން ރަންފުނި ލިބި، އެ ރަންފުނި އޭނާގެ ގެއަށް ގެންދިޔުމުގެ ކަންތައް ހަމަޖައްސާނީ ކިހިނެއް ކަމާ މެދު ފިކުރުކުރަން ހުއްޓައި އެ ތަނަށް އެހެން ދެ ސިޔާސީ ވެރިޔަކު އަތުވެއްޖެއެވެ. އަދި، އެ ދެ މީހުންނަށް ރަން ފުނިތައް ފެނުމުން، އެއިން ބައެއް އެ މީހުންނަށް ވެސް ދިނުމަށް ކުރީގައި އެތާ ހުރި ސިޔާސީވެރިޔާ ގާތު ބުންޏެވެ. ދެން، އެތާނގައި އެންމެންނަށް ފުދޭ ވަރަށް ރަން އޮތުމުން، ތިން މީހުން ވެސް އެއްބަސްވީ އެންމެން އެ ރަންތައް ހަމަހަމަ ގޮތެއްގައި ހިއްސާކުރުމަށެވެ.

ރަންތައް ބަހައި، އެންމެން ވެގެން އެ މީހުންގެ ގެއަށް ގެންދިޔުމުގެ ކުރިން، އެންމެން ނިންމީ، އެ މީހުންގެ ހެޔޮ ނަސީބު، އިހުތިފާލުކޮށް ފާހަގަކުރުމުގެ ގޮތުން، ކުޑަ ޕާޓީއެއް ރަންފުނިތަކުގެ ކައިރީގައި ބާއްވާށެވެ. އެހެންވެ، ފަހުން އައި ދެ މީހުން ފުރަތަމަ ސިޔާސީވެރިޔާ ކުރެން އެދުނީ ކައިރި ސައި ހޮޓަލަކަށް ގޮސް، ހެދިކާއާއި ބޯ އެއްޗެއް ހިފައިގެން އައުމަށެވެ.

ދެން، ފުރަތަމަ ސިޔާސީވެރިޔާ، މިކަމާ ރުހި، ކާ އެއްޗެހި ބަލައި ދިޔައެވެ. އެ ވަގުތު އޭނާ ހިތަށް އެރިއެވެ. މި ރަންފުނިތަކަކީ އޭނާގެ އެއްޗެކެވެ. އަނެއް ދެ މީހުނަން މި ރަންފުނިތަކުން އެންމެ ރަންކޮޅެއް ވެސް ހައްގު ނޫން ކަމެވެ. އެހެންވެ، ހެދިކާ ހިފައިގެން އަންނަމުން، ކައިރީ ހުރި ބޭސްފިހާރައަކަށް ވަދެ، ވިހަ ބޭހެއް ގަނެ، ހެދިކާތަކުގައި ވިހަ އުނގުޅިއެވެ.

ކާ އެއްޗެހި ހިފައިގެން އަނެއް ދެ މީހުން ކައިރިއަށް ފުރަތަމަ މީހާ އައުމުން، އެ ދެ މީހުން ނިންމީ ފުރަތަމަ މީހާ މަރާލާށެވެ. އޭނައަށް ރަންތަކުން އެއްވެސް އެއްޗެއް ނުދޭން ވެގެންނެވެ. ކޮންމެއަކަސް، އެ ދެމީހުން ވެގެން، ފުރަތަމަ ސިޔާސީ ވެރިޔާ މަރާލިއެވެ. އަދި، އެއަށް ފަހު، ވަރަށް ހިތްހަމަޖެހިލައިގެން ތިބެ، އޭނަ ގެނައި ކާ އެއްޗެހި ކެއެވެ. ދެން ވީ ގޮތް އެނގޭ ނޫން ހެއްޔެވެ؟ އާނއެކެވެ. ކާ އެއްޗެހީގައި ލާފައި ހުރި ބާރު ގަދަ ވިހައިގެ ސަބަބުން އެ ދެ ސިޔާސީވެރިން ވެސް މަރުވީއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އެއްކަލަ އަޅުވެރިޔާ އެތަނަށް އައެވެ. އޭނާގެ ދަތުރު ނިންމައި އެނބުރި އޭނާގެ ގެއަށް ދިޔުމުގެ މަގުމަތީގައެވެ. އެ ވަގުތު އޭނައަށް ފެނުނީ ތިން ރަން ފުންޏާއި މަރުވެވެފައި ތިބި ތިން މީހުންގެ ހަށިގަނޑެވެ!

މި ވާހަކައިން ލިބޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟ އެކަން ކަނޑައަޅާލުން ކިޔުންތެރިޔާއަށް ދޫކޮށްލަމެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.