Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އަހަރެން ބުނާނީ އަހަރެން އިނީ މަސްތުވެގެން ކަމަށެވެ.

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކުރެވި، ކުދި ބަދަލުތަކަކާ އެކު ލިޔެފައިވާ ވާހަކައެވެ.

މި ހާދިސާ ހިނގީ ރާއްޖޭގައި 'ހަގީގީ' ޑިމޮކުރަސީއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ޒަމާނެއްގައެވެ.

ހިތަށް ގެންނަންވީ އާންމުންގެ ގިނަ ބަޔަކު ވަދެ އުޅޭ ހޮޓަލެކެވެ. އެ ހޮޓަލުގެ މޭޒެކެވެ. އެ މޭޒު ދޮށުގައި ސައިބޯން ތިބި އެކުވެރި ހައެއްކަ ޒުވާނުންނެވެ. އޭރާއި އަދި މިހާރު ވެސް، މިފަދަ އެއްވުންތަކުގައި އެންމެ ގިނައިން ދެކެވެނީ ސިޔާސީ ވާހަކައެވެ. މި އާންމު އާދައިގެ މަތިން، އެ މޭޒު ދޮށުގައި ތިބި ޒުވާނުން ވެސް ސިޔާސީ ވާހަކަ ދައްކަމުން ދިޔައެވެ. ވެރިޔާ ގޯސް ވާހަކައާއި އަނިޔާވެރި ވާހަކައެވެ. އޭނާގެ ސިޔާސަތުތައް ހަމަނުޖެހޭ ވާހަކައެވެ. އޭނާގެ ގާތް ތިމާގެ މީހުންނަށް ވަޒީފާތައް ދިނުމުގައި އިސްކަންދޭ ވާހަކައެވެ.

ވާހަކަ އެންމެ އޮލަވި ތަނުން، އެހެން މޭޒެއްގެ ދޮށުގައި އިން މީހަކު ޒުވާނުންގެ ކައިރިއަށް ޖެހިލައިފައި ބުންޏެވެ. "ކަލޭމެން އެންމެން އަހަރެން ދަންނަމެވެ. ކަލޭމެންގެ ވާހަކަ، ކަމާ ބެހޭ ފަރާތަށް ރިޕޯޓު ކުރާނަމެވެ."

އެމީހާ ދިޔުމުން، ޒުވާނުންގެ މެދުގައި ކޮންމެވެސް ވަރެއް ކަންބޮޑުވުމެއް ފާޅުވިއެވެ. ސަބަބަކީ އެފަދަ ރިޕޯޓެއް ކޮށްފި ނަމަ، ބަޣާވަތް ކުރުމުގެ ކުށުގެ ގޮޅިއަށް އެންމެން ފެތި ދިގު ހުކުމެއް އަތުވެދާނެތީއެވެ. އަދި، އެކަމުގެ ސަބަބުން، އެ ޒުވާނުންގެ އުމުރުން އަގުހުރި ބައެއް ގެއްލޭނެތީއެވެ. ދެން، އެ މަޖުލިހުގައި އިން އެއް ޒުވާނަކު ހީނލާފައި ބުންޏެވެ. "އަހަރެންގެ އެއްވެސް މައްސަލައެއް ނެތެވެ. ސިފައިންގެއަށް އަހަރެން ގެންގޮސްފި ނަމަ، އަހަރެން ބުނާނީ މޭޒުދޮށުގައި ދެއްކި އެއްވެސް ވާހަކައެއް އަހަންނަށް ނޭނގޭ ކަމެވެ. ސަބަބަކީ އަހަރެން އޭރު އިނީ މަސްތުވެގެން ކަމަށްވާތީއެވެ! އެހެންވީމާ އަހަންނަށް އަންނާނީ ގިނަވެގެން ހަ މަސް ދުވަހުގެ ހުކުމެވެ!

އާދެ، އެ ދުވަސްވަރު، ރާބޮއި މަސްތުވެގެން، އަރުވާލެވެނީ ހަ މަސް ދުވަހަށެވެ!