...

Support Us

ކޮލަމް ކޯދު: ހިނި އެދޭ އެދުމެއްގެ ވާހަކަ

ހިނި ބުންޏެވެ، އެތް ގާތުގައެވެ.

ނުނިދައި ހޭލައި ތެދުވާށެވެ!

އަހަރެންގެ ދެފައި މޮޑެދޭން އަންނާށެވެ!

އައިސް އަހަރެން ގައިގައި ބައްދާ ވެސް ލާށެވެ!

ކޮއްޓައި ހެއްވާލައި ހިތް ހަމަޖައްސައިދޭށެވެ!

އަދި އަހަރެން މިއެދޭ ކަންތައް ވެސް ކޮށްދޭށެވެ!

އަހަރެންގެ މިގާތް އެކުވެރިނަށް ޖޮބު ވެސް ދޭށެވެ!

ދެން ވެސް އަހަރެން ނުރުހިއްޖިއްޔާ ހެއްޔެވެ؟

މުދަލާ ފައިސާއިން ވެސް ބޮޑު ބަދަލެއް ދޭށެވެ!

އަދި ގެދޮރުންނާ ފުލެޓުން ވެސް ހަމަ ދޭށެވެ!

އޭރުން، ހެވި، އަހަރެން ރުހިދާ ހުއްޓެވެ!

ވޯޓެއް ވެސް އަހުރެންނަށް ދެވިދާ ހުއްޓެވެ!

ހަމްދާއި ސަނާ ވެސް، އޭރުން ކިއިދާ ހުއްޓެވެ!

އިނބަގެ ތިހުރި ނަލަކަން ވެސް ފެނިދާ ހުއްޓެވެ!

 

ދެން، ބާރަށް އެތް ހޭން ފެށިއެވެ.

އެއްޗެއް ވެސް ބުނެވޭ ގޮތް ނުވިއެވެ.

ދެން، ކުޑަކުޑަ ހިނި ހެއްޔެވެ؟

ގަދަ ރުޅިއައިސް ބުންޏެވެ:

ތި މަލާމާތް ކުރަނީ ހެއްޔެވެ؟

އަހަރެން ކުޑަވީ މާ ހެއްޔެވެ؟

ބަލަ ކަލެއަށް ނުފެނޭ ހެއްޔެވެ؟

ގާނޫނުގެ ބޮޑުކަން ނޭނގޭ ހެއްޔެވެ؟

ކަލެއަށް ވުރެ ވެސް މާ ބޮޑު ނޫން ހެއްޔެވެ؟

އެ ކޮށާ ރުހެވޭ ގޮތަކަށް ކީހާ ނުމަށާ ހެއްޔެވެ؟

ބޭނުންވާ ގޮތަކަށް ބައްޓަން ނުކުރޭ ހެއްޔެވެ؟

ހިތުހުރި އަމުރެއް ނެރެ ހިންގާ ނުމެލާ ހެއްޔެވެ؟

އެކަމެއް ކުރަނީ ކޮންކޮން މީހުން ހެއްޔެވެ؟

ގާނޫނަށް ވުރެ ވަކި ބޮޑު މީހުން ހެއްޔެވެ؟

ވެއްޔާ އެ ބައެއް އެ މޮޑޭ ތަން ހަމަ ނުފެނޭ ހެއްޔެވެ؟

މަ އެދޭ ކަންކަން ވެސް ދެން ހަމަ ކޮށްދޭންވީ ނޫން ހެއްޔެވެ؟

ހިނީގެ އެދުމުގެ ވާހަކަ، ކިލާހު ކުދިންނަށް ކިޔައިދެއްވުމަށް ފަހު، މުދައްރިސު ބުނުއްވިއެވެ. "މިވާހަކައާ މެދު ވިސްނައި ފިކުރުކުރުމަށް ފަހު، ކަލޭމެން ކުދިންގެ ނަޒަރުގައި މި ވާހަކައިގެ މެސެޖަކީ ކޮބައިކަން ބުނެދޭށެވެ! ކޮންމެ ކުއްޖެއް ވެސް ހަނދާނުގައި ބެހެއްޓުން މުހިއްމެވެ. އަދަބީ ލިޔުން، ތަފާތު ގޮތްގޮތަށް މާނަކުރެވިދާނެއެވެ. އެހެންވެ، 'ގޯހެއް' ބުނެވިދާނޭ ކަމުގެ ބިރު ހީނުކޮށް، މިވާހަކައިގެ މެސެޖާ މެދު އެކުއްޖަކަށް ފެންނަ އެއްޗެއް ބުނެ ލިޔާށެވެ!"

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.