Support Us

މައްޔިތެއްގެ ބޮލުގައި ޒިނޭގެ ތުޙުމަތު އެޅުވުމުން ވީ ގޮތުގެ ވާހަކަ

އިމާމް މާލިކުގެފާނުގެ ޒަމާނުގައި މަދީނާގައި އުޅުނު އަންހެނެކެވެ. މި އަންހެންމީހާ މަރުވުމުން ކަަށުކަމާކެމީގެ ކަންތަކުގައި އުޅޭ އަންހެނަކު، މައްޔިތާ ހިނެވުމުގެ ކަންތަކާ ހަވާލުވިއެވެ. މި އަންހެންމީހާ މައްޔިތާގެ ހަށިގަނޑު މޭޒެއްގެ މަތީގައި ބާއްވާފައި، ފެން އަޅައި ދޮންނަމުން ގޮސް، މައްޔިތާގެ ލަދުވެތި ގުނަވަނާ ހަމަޔަށް ދެވުމުން ބުންޏެވެ. "މީނާ އަކީ އެވެނި މިވެނި މީހަކާ އެކު އެތައް ފަހަރަކު ޒިނޭކޮށްފައިވާ މީހެކެވެ."

ދެންފަހެ މިއަންހެން މީހާ މިހެން ބުނުމާ އެކު އޭނާގެ އަތް މައްޔިތާގެ ހަށިގަނޑުގައި ތަތްލެވިއެވެ. އުޅެއުޅެ އޭނާގެ އަތް މައްޔިތާގެ ހަށިގަނޑާ ވަކިކުރެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާ އަށް ދިމާވެފައިވާ މުޞީބާތް މީސްތަކުންނަށް އެނގިދާނެތީ އަވަސްއަވަހަށް މައްޔިތާ ބާއްވާފައި އޮތް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އޭރު ބޭރުގައި މައްޔިތާގެ އާއިލާ މީހުން ތިބީ އޭނާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި، ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ތައްޔާރުވެގެންނެވެ.

ފަހެ އެމީހުން އިންތިޒާރު ކޮށްކޮށް ވަރުބަލިވީއިރުވެސް އެއްވެސް ހިލަމެއް ނުވުމުން އެމީހުންގެ ތެރެއިން އަންހެނަކު އެތެރެއަށް ވަނެވެ. އަދި އެތެރެއަށް ވަތް އަންހެންމީހާ އަށް މިމަންޒަރު ފެނި ޚައިރާންވެ، އިތުރު އަންހެނުންވެސް އެތެރެއަށް ވަދެ މައްޔިތާގެ ހަށިގަނޑުން އޭނާގެ އަތް ނައްޓާލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހުރިހާ އަންހެނުން ވެގެން އެތަައް މަސައްކަތެއް ކޮށްގެން ވެސް އެކަން ވާގޮތެއް ނުވިއެވެ. އެގޮތުގައި ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް އެކަމަށް ޙައްލެއް ނުލިބި މީސްތަކުންގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދި އެއްބަޔަކު ބުނަންފެށިއެވެ. އެ އަންހެންމީހާގެ އަތް ބުރިކޮށްފައި މައްޔިތާއާ އެކު ވަޅުލަންވީ އެވެ. ނުވަތަ މައްޔިތާގެ ހަށިގަނޑުން ބައެއް ބުރިކޮށްފައި އަތް ސަލާމަތް ކުރަން ވީހެއްޔެވެ؟

އެންމެ ފަހުން މިކަންތަކާ ބެހޭގޮތުން ޢިލްމުވެރިންނާ ސުވާލުކުރެވުނުވެ. ނަމަވެސް ޙައްލެއް ނުލިބި މައްޔިތާގެ ހަށިގަނޑު ކުނިވެ ނުބައިވަސް ދުވަން ފެށުމުން، އިމާމް މާލިކުގެފާނާ ހިސާބަށް މިމައްސަލަ ގެންދެވުނެވެ. އެހިނދު އެކަލޭގެފާނު އެތަނަށް ވަޑައިގެން، އެކޮޓަރީގެ ދޮރުގެ ފަހަތުގައި ނިވާވެވަޑައިގެން ހުންނަވައި، މައްޔިތާ ހިނަވަން އުޅުނު އަންހެން މީހާއާ ސުވާލުކުރެއްވިއެވެ. އެ އަންހެން މީހާ ކަންތައްވީ ގޮތް އިމާމު މާލިކުގެފާނަށް ކިޔައިދިނެވެ. އަދި މައްޔިތާގެ ބޮލުގައި ޒިނޭގެ ތުޙުމަތު އެޅުވި ކަމަށް އިއުތިރާފްވިއެވެ.

އެހިނދު މާލިކުގެފާނު ސުވާލުކުރެއްވިއެވެ. "މި ތުހުމަތު ސާބިތުކޮށްދޭނެ ހެކިވެރިން އެބަތިބި ހެއްޔެވެ؟"

އަންހެން މީހާ ޖަވާބު ދިނެވެ. "ނޫނެކެވެ."

އިމާމް މާލިކު އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. "މި އަންހެންމީހާ ދިރިހުރި އިރު، އެކަހަލަ ވާހަކައެއް ތިބާ ގާތުގައި ދެއްކި ހެއްޔެވެ؟"

އަންހެން މީހާ ޖަވާބު ދިނެވެ. "ނޫނެކެވެ."

ދެންފަހެ އިމާމު މާލިކުގެފާނު ހުކުމްކުރެއްވީ، މައްޔިތާގެ ބޮލުގައި ޒިނޭގެ ތުޙުމަތު އެޅުވިކަމަށްޓަކައި އެ އަންހެންމީހާ ގައިގައި 80 އެތިފަހަރުން ހައްދު ޖެހުމަށެވެ. ފަހެ އޭނާ ގައިގައި ޙައްދުޖެހުމުން މައްޔިތާގެ ހަށިގަނޑުން އަތް ނައްޓާލެވުނެވެ.

މަސްދަރު: ޖެމްސް އެންޑް ޖެވެލް/ އަބްދުލް މާލިކު މުޖާހިދު އިތުރު މަޢުލޫމާތު/ ލައިފް އިން ސައުދިއަރަބިޔާ ފޭސްބޫކް ޕޭޖް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *