Support Us

ޕޯސްޓަރު ކުރެހުމުގެ މުބާރާތެއްގެ ވާހަކަ

ޖަނަވާރުންގެ ދޫ ރައްކާތެރި ކުރުމުގެ ގޮތުން، ކުރުން ހުއްދަ ކަންކަމާއި ކުރުން ހުއްދަނޫން ކަންކަމާއި އަދި ކިޔަންވާނެ އެއްޗިއްސާ ކިޔަން ނުވާނެ އެއްޗެހީގެ ލިސްޓެއް ހިމާރު ރަސްގެފާނު ކަނޑައަޅުއްވައި އިއުލާނު ކުރެއްވިއެވެ.

ކުރުން ހުއްދަ ކަންކަމުގެ ލިސްޓުގައި މިސްކިތްތަކުގެ ދައުރު ފުޅާކުރެވި، މިސްކިތްތަކުގައި އިތުރަށް ކުރެވޭނޭ ކަންކަން ހިމެނި ބަޔާން ކުރެވިފައި އޮތެވެ. އިހުގައި މިސްކިތް ބޭނުން ކުރީ އަޅުކަން ކުރުމަށާއި އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައެވެ. މީގެ އިތުރުން، މިހާރު މިސްކިތްތަކަކީ ބީމާރުޚާނާއެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނޭ ތަނެއް ކަމަށް ރަސްގެފާނުގެ ހަމަޖައްސަވައި ނިންމަވާފައި އޮތެވެ. މިނިންމެވުމާ ވިދިގެން، ސިކުނޑި ހަމަނުޖެހޭ މީހަކު، މިސްކިތަކަށް ވަދެ، އަރާމުކޮށްލަން މަޑުޖައްސާލުމަކީ ހަމަ އެންމެ ރަނގަޅު ކަމަކަށް ވީއެވެ. ޖަންގަލީގެ ބައެއް ޖަނަވާރުންގެ ނަޒަރުގައި، ބައެއް ޖަނަވާރުން ބައެއް ކަހަލަ ފަތް ކެއުމުގެ ސަބަބުން، މަސްތުވާ ގޮތް ވެއެވެ. އަދި، އެ ފަތް އިތުރަށް ކެޔުމަށް ދެވިހިފައި އާދަވެސް ވެއެވެ. މިފަދައިން ފަތުގެ މަސްތުގައި ޖެހިފައިވާ މީހުންނަކީ، ޖަނަވާރުންގެ ތެރޭގައި އުޅޭ ބައެއް ނަފްސާނީ އިލްމުގެ ޖަނަވާރުން ދެކޭ ގޮތުގައި ސިކުނޑީގެ ބަލި ތަހައްމުލުކުރަން ޖެހިފައިވާ ޖަނަވަރުންނެވެ. ނުވަތަ ނަފްސާނީ ބަލީގެ ޖަނަވާރުންނެވެ. އެހެންވީމާ، ޖަންގަލީގެ ރަސްގެފާނުގެ އެންމެ ފަހުގެ އަމުރުފުޅު ނިޔާކުރީ މަސްތުވުމުގެ ފަތް ކެއުމަށް އާދަވެފައިވާ ޖަނަވާރުންނަށް، މިސްކިތްތަކަށް ވަދެ، ފަތްކައި، އަރާމުކޮށްލުމުގެ ގޮތުން މިސްކިތްތަކުގައި މަޑުކޮށްލެވިދާނޭ ކަމެވެ. މިހެން މަޑުކޮށްލުމަކީ މިސްކިތުގެ ބަރަކާތުން، އެ ފަދަ ޖަނަވާރުންނަށް، ފައިދާކޮށް، އެޖަނަވާރުންނަށް ޖެހފައިވާ ބަލިން ޝިފާ ލިބުމަށް ހުޅުވޭ މަގަކަށް ވުމުގެ އެކަށޭނަކަން އޮތްކަމަށް ވެސް ބެލެވުނެވެ. ހިމާރުގެ އެންމެ ފަހުގެ ނިންމެވުމަކީ ވަރަށް ވެސް މޮޅު ނިންމެވުމެއްކަން ފާހަގަކޮށް، ޚުޝާމަދުކޮށް ދޮގު ތައުރީފުގެ ބެރުތައް ޖަހައި ލީޑަރުތަސްބީހައިގެ ތަރާނާތައް ކިޔައި އުޅޭ ނިފާގުގެ އަހުލުވެރިން، ހިމާރު ރަސްގެފާނުގެ މޮޅުކަމާއި ހިކުމަތްތެރި ކަމުގެ ވާހަކަދައްކަމުން ދިޔައެވެ. އާދެ، ނިފާގުގެ އަހުލުވެރިންގެ ނަޒަރުގައި ހިމާރަށް ވުރެ ވަކިން ބުއްދިވެރި ޖަނަވާރެއް ނޫޅެއެވެ. އަދި އެހެންވެ، ބުއްދިވެރިވާން ބޭނުން ކޮންމެ ޖަނަވާރަކަށް ވެސް އޮތީ ހަމަ ސީދާ ހިމާރަކަށް ވުމެވެ.

މިލިޔުމުގެ މައިގަނޑު ވާހަކައަކީ މިއެއް ނޫނެވެ. ޖަންގަލީގެ ހިމާރު ރަސްގެފާނުގެ ނަޒަރުގައި މިސްކިތްތަކަކީ އެހާ ބޮޑު އަހައްމިޔަތު ކަމެއް ދޭންޖެހޭނޭ ތަންތަނެއް ވެސް ނޫނެވެ! ކޮންމެ އަކަސް، މި ލިޔުމުގެ މައިގަނޑު ވާހަކައަކީ ނުކިޔޭ އެއްޗެހީގެ ލިސްޓަށް ހިމާރު ރަސްގެފާނު އިތުރު ކުރި އިތުރު ކުރުމެއްގެ ވާހަކައެވެ. ހިމާރު ރަސްގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ހުރިހާ ޖަންގަލިތަކެއްގެ މެދުގައި ވެސް ސުލްހަވެރިކަން އޮންނަން ޖެހޭނެއެވެ. މިއީ އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ވަަރަށް ވެސް ރަނގަޅު ކަމެކެވެ. ހިމާރެއްގެ ދުލުން ނިކުތް ކަމަކު، މިއީ ހެޔޮ ބަހަކެވެ. އެ މަގުސަދު ހާސިލުކުރެވޭތޯ އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. މިކަން އަދައިގެން، ހިމާރު ރަސްގެފާނު ނިންމެވީ، އުސޫލެއްގެ ގޮތުން، އެހެން ހުރިހާ ޖަންގައްޔެއްގެ ޖަނަވާރުންނަށް ވެސް، ހިމާރު ރަސްގެފާނުގެ މަމްލަކާގައި އުޅުމުގެ ފުރުސަތު ހުޅުވާލުމަށެވެ. މިކަމުގައި އިސްތިސްނާ ކުރެވޭނީ ހިމާރު ރަސްގެފާނުގެ ބޮޑުވަޒީރު ހިޔަޅު އިސްތިސްނާ ކުރާ ބައެކެވެ. އެހެންވީމާ، އެއްވެސް ޖަނަވާރަކަށް، އެހެން ޖަންގަލީގެ ޖަނަވާރުތައް ހިމާރު ރަސްގެފާނުގެ މަމްލަކާއިން ބޭރު ކުރުމުގެ އިޚްތިޔާރެއް ނޯންނާނެއެވެ. އަދި، ބޭރަށް ނެރެން ދުލުކުރިން ބަސް ބުނުމުގެ ވެސް އިޚްތިޔާރެއް ނޯންނާނެއެވެ.

ހިމާރު ރަސްގެފާނުގެ ޖަންގަލީގައި މަކުނު ފަދަ ލާނެއް ޖަނަވާރުން ވެސް އުޅެއެވެ. އެހެންވެ، ހިމާރު ރަސްގެފާނުގެ ޖަންގަލިން، އެހެން ޖަންގަލީގެ ޖަނަވާރުން ބޭރަށްލާން، އެކި ފާޑުފާޑުގެ އުކުޅު ބޭނުންކޮށް، އެހެން އިބާރާތްތައް ވެސް ބޭނުން ކޮށްފާނެކަމަށް ހިމާރު ރަސްގެފާނު ދެކެވަޑައިގަތެވެ. އައްސަލާމު އަލައިކުމްއޭ، ކަލޭމެންނަށް ސުލްހަ މަސަލަސްކަން ވެއޭ ބުނާ ގޮތް ދެއްކުމުގެ ގޮތުން، ސާމު އަލައިކުމްއޭ، ގޮވައި ކަލާމެންނަށް އޮތީ މަރޭ، ބުނާ ފަދައިންނެވެ. ކޮންމެއަކަސް ހިމާރު ރަސްގެފާނު ގަސްދުކުރެއްވީ ޖަންގަލީގެ ޖަނަވާރުންގެ މެދުގައި ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ބާއްވާށެވެ. ހިމާރު ރަސްގެފާނުގެ ޖަންގަލިން، އެހެން ޖަންގަލިތަކުގެ ޖަނަވާރުން ނެރުމަށް، ސީދާ އެ ވާހަކަ ނުބުނެ، އެހެން އިބާރާތެއް ބޭނުންކޮށްގެން މަކުނު ފަދަ ލާނެއް ޖަނަވާރުން އެވާހަކަ ބުނެފާނޭ ގޮތެއް ދެނެގަތުމަށެވެ. މިކަން ހޯދައި، ޖަންގަލީގެ ޖަނަވާރުންގެ ދުލުން ބޭނުން ކުރުން މަނާ އިބާރާތްތަކުގެ ލިސްޓުގައި އެފަދަ އިބާރާތްތައް ވެސް ހިމަނާލުމަށެވެ.

އާދެ، ހިމާރު ރަސްގެފާނުގެ ހުރިހާ ވެސް އެދުމަކީ ސުލްހަވެރިކަމާއި މަސަލަސްކަމެވެ. އެ މަގުސަދު ހާސިލުކުރެއްވުމަށްޓަކައި، ހިމާރު ރަސްގެފާނު ހުންނެވީ، އޭނާގެ ރަސްކަން ގުރުބާންކޮށް ނުލެއްވިއެއް ކަމަކު، ހަމަގައިމު ވެސް އޭނާގެ ދޭޝް ވެސް ފިދާކޮށްލައްވާށެވެ! އެހެން، ނުހެއްދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާގެ ދޭޝްއަކީ އޭނާގެ ކާބަފައިންގެ ފަރާތުން ސީދާ އޭނާއަށް ވާރުތަވި ހަރު މުދަލުގެ ތެރޭގައި ހިމެނުނު ހަަރު މުދާގަނޑެކެވެ. ކޮންމެ އަކަސް، އެ މުބާރާތަށް ހުށަހެޅުނު ހުށަހެޅުންތައް މަތީގައިވާ ތަސްވީރުން ފެންނާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ދޮރު އޮތީ އަދި ހުޅުވިފައެވެ. އެހެންވެ، ކޮންމެ މީހަކަށް ވެސް، ބޭރު ޖަންގަލިތަކުގެ ޖަނަވާރުން ބޭރުކުރުމަށް، މަކުނު ފަދަ ލާނެއް ޖަނވާރުން ބޭނުން ކޮށްފާނޭ އިބާރަތެއް ހިތަށް ގެނެސް، އެ އިބާރާތް އިތުރުކޮށްލާށެވެ! ބުނުން މަނާ ލިސްޓަށް އެ އިބާރާތްތައް އިތުރުކޮށް، ހިމާރު ރަސްގެފާނަށް އެޙިތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ގޮތުންނެވެ.