Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ލޯޔަރު މަނިކުގެ "ދީލަތިކަން"

ޚައިރިއްޔާތުގެ ޖަމިއްޔާއަކުން، އެހީ ބޭނުންވާ މީހުނަށް އެހީ ފޯރުކޮށް ދިނުމުގެ ގޮތުން، ރޯދަ މަހު، ރަށުގެ ހެޔޮ އެދޭ މުއްސަނދިންގެ އަތުންސަދަގާތް ނެގުމުގެ ކެމްޕޭނެއް ފެށިއެވެ. ރަށުގެ މުއްސަނދިންގެ ލިސްޓަށް ބަލާލިއރު، މަޝްހޫރު ލޯޔަރު މަނިކުގެ ނަމުގައި އަޅައިގަތެވެ. ލޯޔަރު މަނިކާ ބެހޭ ގޮތުން، އާންމުން ބުނަނީ، އޭނާއަކީ އޭނާގެ ދުލުން ވިޔަސް، އަދި ގަލުމުން ވިޔަސް، ނިކުންނަ ކޮންމެ ބަހަކަށް ހާސް ރުފިޔާ ދައްކަން ބުނާ ލޯޔަރެކެވެ. އޭނާގެ މަހުގެ އާމްދަނީ އެއްލައްކައަށް ވުރެ މައްޗަށް އަރާކަމުގައި ވެސް ބެލެވެއެވެ. ނަމަވެސް، ދުވަހެއްގައި ވެސް، ޖަމިއްޔާއަށް ސަދަގާތެއް ކޮށްފައި އޮތް ކަމެއް، ޖަމިއްޔާގެ ހިސާބު ފޮތަކުން ނުދައްކައެވެ.

މިހެންވެ، ޖަމިއްޔާގެ ފަރާތުން، ލޯޔަރު މަނިކަށް ފޯނުކޮށްފައި، ޖަމިއްޔާއަށް ސަދަގާތެއް، ލޯޔަރު މަނިކު ދީފައި ނެތް ވާހަކައާއި އަދި ކޮންމެ ވެސް ސަދަގާތެއް ދިނުމަށް އޭނާގެ ކިބައިން އެދުނެވެ.

ދެން ޖަވާބުގައި ލޯޔަރު މަނިކު ބުންޏެވެ. "އަހަރެންނާ ބެހޭ ގޮތުން މައުލޫމާތު ހޯދި އިރު، ކެންސަރު ބައްޔަށް އަހަރެންގެ މަންމަ ފަރުވާ ހޯދަމުންދާކަމާއި އެކަމަށް ޚަރަދުވާ ބޮޑު ޚަރަދު ކަލޭމެން ނުބަލަން ހެއްޔެވެ؟"

ޖަމިއްޔާގެ ފަރާތުން ވާހަކަދެއްކި ޖަމިއްޔާގެ ސެކެޓެރީ ވަރަށް ވެސް ދެރަވެ، ލަަދުގެންފައި ބުންޏެވެ. "ތިކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. މަންމައަށް އަވަސް ޝިފާއަކަށް އެދެމެވެ."

ދެން ވެސް ލޯޔަރު މަނިކުގެ ވާހަކަ ކުރިއަށް ގެންދިއައެވެ. "އަހަރެންގެ އެއްބަޑު އެއްބަފާ އަޚަކީ، ލޯކަނު، ނުހިނގޭ ނުކުޅެދޭ މީހެކެވެ. ސައްވީސްގަޑިއިރުގެ އަޅާލުން އޭނައަށް ބޭނުން ވެއެވެ. މިކަމަށް ވެސް ވަރަށް ބޮޑު ޚަރަދެއް ހިނގައެވެ."

އަނެއްކާވެސް ޖަމިއްޔާގެ ސެކެޓެރީ މާފަށް އެދި ފޯނު ބާއްވަން އުޅުނުތަނާ ލޯޔަރު މަނިކު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެންގެ އަންހެނުންގެ ދައްތަގެ ފިރިމީހާ ވަނީ ކުއްލިއަކަށް މަރުވެފައެވެ. އޭނާގެ ހުވަފަތް ވެފައިވާ އަނތްބަކާއި ތިން ކުދިން އެބަ ތިއްބެވެ. މިއެންމެނަށް ވެސް ޚަރަދުކުރާނޭ ފައިސާ ބޭނުން ވެއެވެ."

ޖަމިއްޔާގެ ސެކެޓެރީއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ލޯޔަރު މަނިކަށް ފޯނުކޮށް، ސަދަގާތަކަށް އެދެވުނީތީވެ، އަނެއްކާ ވެސް، މާފަށް އެނދެން ފެށިއެވެ. ނަމަވެސް، ސެކެޓެރީއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް، ސެކެޓަރީގެ ވާހަކަ މެދުކަނޑާލާފައި ލޯޔަރު މަނިކު ބުންޏެވެ. "މިބުނި އެއްވެސް މީހަކަށް އަހަރެން ކުޑަ ލާރިއެއް ވެސް ދިއްކޮށްނުލާ އިރު، ކަލޭމެންނަށް އަހަރެން އެއްޗެއް ދީފާނޭކަމަށް ކަލޭމެން ތިހީކުރަނީ ކީއްވެގެން ހެއްޔެވެ؟"

ސެކެޓެރީގެ އަނގަ މުޅިން ބަންދުވެ ފޯނު ބޭއްވިއެވެ! އަދި ހިތާ ހިތާ ބުންޏެވެ. މިއީ ވެސް އަހަރުމެންގެ ތެރޭގައި އުޅެފާނެ ބައެއްކަން އަހަންނަށް ނޭނގުނީ ހަމަ އަހަރެންގެ ނާދާނު (ނުދަންނަ މޮޔަ، ނައީވް) ކަމުންނެވެ!