Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދަންޖެއްސި ކުއްތާ

މިއީ އެންމެ އިހުގެ އެވޭލާ ޒަމާނުގެ ވާހަކައަކަށް ނުވިޔަސް، ތަންކޮޅެއް ކުރީގެ ވާހަކައެކެވެ. އެ ދުވަސްވަރުގެ ރަސްކަލަކު އޭނާގެ އާންމު ރައްޔިތުންގެ ހާލު އަހުވާލު ބައްލަވާލެއްވުމަށްޓަކައި ރަށުތެރެއަށް ނިކުމެވަޑައިގަތެވެ. އަދި، އިރު އޮއްސެން ކައިރިވެފައިވަނިކޮށް ރަށް ބޭރުގައި ހުރި ގެއެއް ފެނިވަޑައިގެން އެ ގެއާ ހަމަކުރައްވައި ސަލާން ގޮވާލެއްވުމަށް ފަހު، އިޒުނަ ލިބުމުން އެ ގެއަށް ވެދެވަޑައިގަތެވެ.

ރަސްގެފާނަށް އެގޭ ދޮރުމަތިން އާދަޔާ ޚިލާފު މަންޒަރެއް ފެނިވަޑައިގަތެވެ. އެއީ ދަންޖައްސައިފައިވާ ކުއްތާއެއްގެ މަންޒަރެވެ. ގޭގެ ފެންޑާގައި ވާގަޑެއް ޖަހައި އެ ކުއްތާ އެލުވިފައި ހުއްޓެވެ. ގޭގެ އަހުލުވެރިން ކުރެން އެމީހުންގެ ހާލު އަހުވާލު އެއްސެވިއެވެ. ގޭގެ ސާހިބު މީހާ ކަންކަން ރަނގަޅޭ ވެރިޔާއަށް ދެންނެވިއެވެ. ނަމަވެސް، އޭނާގެ ގެއަށް ޒިޔާރަތްކުރި މެހެމާނަކީ ކާކު ކަމެއް ގޭގެ ސާހިބުމިހާ އަކަށް ނޭނގެއެވެ. އޭނާ ހީކުރީ އެއީ ދަތުރުކުރަމުން ދިޔަ ބީރައްޓެއްސެއްކަމަށެވެ.

ކޮންމެއަކަސް ގޭގެ ސާހިބު މީހާ ރަސްގެފާނަށް ރޭގަނޑުގެ ކެއުމަށް ދައުވަތު ދިނެވެ. ދެން، ރަސްގެފާނު އެ ދައުވަތު ގަބޫލުފުޅުކުރައްވައި ގޭ މީހުންނާއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވެވަޑައިގަތެވެ.

ރޭގަނޑުގެ ކެއުން ނިމުމުން، ގޭގެ ސާހިބާއަށް ރަސްގެފާނު ޝުކުރުއަދާ ކުރެއްވިއެވެ. އެއަށް ފަހު، ގޭ ސާހިބާ ކުރެން އެއްސެވިއެވެ. "ގޭ ފެންޑާގައި ދަންޖައްސައިފައި އެވާ ކުއްތާގެ ޚަބަރަކީ ކޮބާ ހެއްޔެވެ؟ އެ ކުއްތާ ދަންޖެއްސުނު ގޮތުގެ ވާހަކަ ކިޔައިދެވިދާނެ ހެއްޔެވެ؟"

ޖަވާބުގައި ގޭގެ ސާހިބު މީހާ ރަސްގެފާނަށް ދެންނެވިއެވެ. "އެ ކުއްތާގެ ވާހަކައަކީ ދިގު ވާހަކައެކެވެ. އެހެންވެ، އެހާ ފަސޭހައިން އެ ވާހަކަ ކިޔައިދެވޭކަށް ނެތެވެ. އަދި، މީގެ ކުރިން އެ ވާހަކަ، އެއްވެސް މީހަކަށް ކިޔައެއް ނުދެމެވެ. އެހެންވެ، އެ ގޮތުގައި، ސިއްރުކުރެވިފައި އެ ވާހަކަ އޮތަ ދިނުން ބުއްދިވެރިއެވެ!"

ދެން، ރަސްގެފާނު އެނބުރި އޭނާގެ ގަނޑުވަރަށް ވަޑައިގަތެވެ. ނަމަވެސް، އެއްކަލަ ދަންޖައްސައި އެލުވައިފައި ހުރި ކުއްތާގެ މަންޒަރު ހިތްޕުޅުން ފިލުވައިލެއްވޭނޭ ގޮތެއް ނުވިއެވެ. އެހެންވެ، ގަނޑުވަރުން ބޭކަލަކު އެއްކަލަ ގޭގެ ސާހިބު މީހާ ކައިރިއަށް ފޮނުއްވައި ކުއްތާގެ ޚަބަރު އޮޅުން ފިލުވައިދިނުމަށް އެދިވަޑައިގަތެވެ. ނަމަވެސް، ގޭގެ ސާހިބާ އެކަމަށް އިންކާރުކުރިއެވެ.

ދެން، ޖެހިގެން އައި ދުވަހު، ރަސްގެފާނުގެ ސިފައިންގެ ބޭކަލުން އެ ގެއަށް ފޮނުއްވިއެވެ. އަދި، ގޭގެ ސާހިބު މީހާ ގެނެސް ރަސްގެފާނުގެ ކުރިފުޅު މައްޗަށް ހާޒިރުކުރުމަށް ސިފައިންނަށް އެންގެވިއެވެ.

ގޭގެ ސާހިބު މީހާ ރަސްގެފާނުގެ ކުރިފުޅުމައްޗަށް ހާޒިރުކުރެވުމުން، ގޭގެ ވެރި މީހާއަށް، އޭނާގެ ގެއަށް ޒިޔާރަތް ކުރީ އާދައިގެ މެހެމާނެއް ނޫންކަމާއި އެއީ ރަސްގެފާނުކަން އެނގުނެވެ. އެ ވަގުތު އޭނައާ މުޚާތަބުކުރައްވައި ރަސްގެފާނު ވިދާޅުވިއެވެ. "އިނބަ މިތަނަށް މިގެނެވުނީ އިނބަގެ ގޭގައި ދަންޖައްސައި އެލުވާފައި އޮތް ކުއްތާގެ ވާހަކަ ސާފުކުރުމަށެވެ! އެހެންވެ، އެ ވާހަކަ ކިޔައިދޭށެވެ!"

ދެން، ގޭގެ ސާހިބު މީހާ ރަސްގެފާނަށް ދެންނެވިއެވެ. "މިހާރު ދެން އެ ވާހަކަ ކިޔައިދޭންވީ ވަގުތު އައިސް ޖެހުނީއެވެ. ނަމަވެސް، އެކަން ކޮށްދެއްވޭނީ އަޅުގަނޑު ކަނޑައަޅާ ޝަރުތެއް ފުރިހަމަކޮށްދެއްވީމައެވެ."

އެ ޝަރުތަކީ ކޮބައިތޯ ރަސްގެފާނު އެއްސެވުމުން ގޭގެ ސާހިބު މީހާ ދެންނެވިއެވެ. "އެ ވާހަކަ ކިޔައިދެވެން އަންނަނީ ތިން ދުވަހަށް ރަސްގެފާނުގެ މަގާމު އަޅުގަނޑާ ހަވާލުކޮށްދެއްވުމުންނެވެ. އަޅުގަނޑުމެންގެ މި މަމްލަކާގެ ރަސްކަމަށް ތިން ދުވަހުގެ މުއްދަތަށް އަޅުގަނޑު އިސްކޮށް ދެއްވުމުންނެވެ."

ގޭގެ ސާހިބު މީހާ ހުށަހެޅި ޝަރުތާ މެދު ރަސްގެފާނު ކުޑަކޮށް ވިސްނާލެއްވިއެވެ. ގޭގެ ވެރިމީހާގެ ޝަރުތު ގަބޫލުފުޅުކުރައްވައިފި ނަމަ، ރަސްގެފާނުގެ ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ވެސް އޮތްކަން ރަސްގެފާނަށް ވިސްނިވަޑައިގަތެވެ. އެހެންވެ، ތިކަމާ ދޭތެރޭ ތިމަންނާ ވިސްނާލައްވާނަމޭ ގޭގެ ވެރިޔާއަށް ވިދާޅުވެފައި އޭނާ ފޮނުއްވާލެއްވިއެވެ.

އޭނާ ފޮނުއްވާލެއްވުމަށް ފަހު ވެސް، ދަންޖައްސައިފައި ހުރި ކުއްތާ މަތިން ހަނދުމަފުޅު ކުރެއްވުން ރަސްގެފާނަކަށް ދުލެއްކޮށެއް ނުލެއްވުނެވެ. އަދި، އެކަމާ ހުރެ، އެއްޗެއް ފަރިކުޅުވޭ ގޮތް، އަވަހާރަލެއްޕެވޭ ގޮތް ވެސް، ނުވެއެވެ. ދެން، އެންމެ ފަހުން ރަސްގެފާނު ނިންމެވީ ގޭގެ ސާހިބު މީހާގެ ޝަރުތު ގަބޫލުފުޅު ކުރައްވައި، ތިން ދުވަހަށް އޭނާ ރަސްކަމަށް އިސްކުރައްވައި ދަންޖައްސައިފައިވާ ކުއްތާގެ ޚަބަރު ސާފުކުރެއްވުމަށެވެ. އަދި، ރަސްގެފާނުގެ ސިފައިން ގޭގެ ވެރިޔާ ކައިރިއަށް ފޮނުއްވައި އޭނާގެ ޝަރުތު ރަސްގެފާނު ގަބޫލުކުރެއްވި ވާހަކައާއި އަދި ތިން ދުވަހަށް ރަސްކަމާ ހަވާލުވުމަށް ގަނޑުވަރަށް އައުމަށް އެންގެވިއެވެ.

ދެން ގޭގެ ސާހިބު މީހާ މަމްލަކާގެ ރަސްކަމާ ހަވާލުވިއެވެ. އަދި، ބައެއް ފިޔަވަޅުތައް އެޅިއެވެ. އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ މަމްލަކާގެ އިސް މަގާމުތަކުގައި ތިބި މީހުން އެ މީހުންގެ މަގާމުތަކުން ވަކިކުރުމެވެ. ވަޒީރުންނާއި އަމަން އަމާންކަން ބަލަހައްޓާ ސިފައިންގެ އިސް މީހުންނާއި ލަޝްކަރުގެ ބޮޑުން ވެސް މެއެވެ. އަދި، ވަކިން ޚާއްސަކޮށް، އިސް މަގާމުތަކުގައި ތިބެ، މަމްލަކާގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބޭރު ރާއްޖެތަކުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރާ މީހުންނެވެ. މީގެ އިތުރުން ވެސް، މަމްލަކާގެ އެކިއެކި އިދާރާތަކުގައި އިސް މަގާމުތަކުގައްޔާއިި އަދި އެނޫން ވެސް މަގާމުތަކުގައި ތިބެގެން ފަސާދައިގެ އަމަލުތައް ހިންގާ މީހުން ވެސް އެމީހުންގެ ވަޒީފާއިން ވަކިކުރިއެވެ. ދެން، އެ ހުރިހާ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، އެ މީހުންނާ މެދު ޝަރީއަތް ކޮށްފައި އެ އެންމެން އުމުރަށް ޖަލަށްލިއެވެ. އާދެ، 'އާ ރަސްގެފާނު' ދެކެވަޑައިންނެވީ މި މީހުންނަކީ ގައުމުގެ މިނިވަންކަމާއި ގައުމުގެ ޚަޒާނާ އެ މީހުންގެ އަމިއްލަ ފައިދާއަށާއި އަމިއްލަ އުފަލަށްޓަކައި ހުސްކުރާ މީހުންނެވެ.

ދެން، އާ ރަސްގެފާނު ކުރެއްވި އަނެއްކަމަކީ މަމްލަކާއާ ގުޅުން އޮންނަ އެހެން މަމްލަކާތަކަށް ސިޓީ ފޮނުއްވުމެވެ. އެ ސިޓީގައި، ރަސްގެފާނުގެ މަމްލަކާއާއި އެ މަމްލަކާތަކާ އޮތް ގުޅުން ހަމަ ކުރިއެކޭ އެއްގޮތަަށް އޮންނާނެ ވާހަކަ އޮތެވެ. މީގެ އިތުރުން، ކުރިން ދެ މަމްލަކާއާ ދެމެދު ވެފައި ހުރި އެއްބަސްވުންތަކަށް އިހުތިރާމުކުރާނޭ ވާހަކަ ވެސް އޭގައި ލިޔެފައި އޮތެވެ. ނަމަވެސް، މި އެއްބަސްވުންތައް، މަމްލަކާގެ ގާނޫނުތަކާ ފުށުއަރާ ނަމަ، ދެ މަމްލަކާގެ މީހުން ތިބެގެން އެކަން ފުށުނާރާނެ ގޮތް ހަދާނެ ވާހަކަ ވެސް އޮތެވެ. ސިޓީ ނިންމާލަމުން އޮތީ ރަސްގެފާނުގެ މަމްލަކާއާ އެހެން މަމްލަކާ މެދުގައި އަބަދުވެސް އޮންނާނީ ދެބައި މީހުން އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކޮށް، އެއްބަޔެއްގެ މައްޗަށް އަނެއް ބަޔަކު، ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް، ނުފޫޒާއި ބާރު ނުފޯރުވާ، މާތް ރިވތި އަޚްލާގީ އުސޫލަތަކުގެ މައްޗަށް ބިނާވާ ގުޅުމެކެވެ.

މިކަން ނިންމުމަށް ފަހު، ދެން އާ ރަސްގެފާނު މަމްލަކާގެ ކުދި ބޮޑެތި ކުންފުނިތަކަށް ފަރުމާނެއް، ރަސްކަމުގެ އަމުރުފުޅެއް، ނެރުއްވިއެވެ. އެ ފަރުމާނުގައި އޮތީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތަންތަނުގައި ވަޒީފާ އަދާކުރާ މީހުންގެ ހަތްދިހަ ޕަސެންޓު މީހުންނަށް ވާން ޖެހޭނީ މަމްލަކާގެ މީހުން ކަމެވެ. މިކަން ފަހިކުރުމުގެ ގޮތުން، މަމްލަކާގެ ކިޔަވައިދޭ މުއައްސަސާތަކަށް، މަމްލަކާއަށް ބޭނުންވާ އެކިއެކި ވަޒީފާތައް އަދާކުރެވޭ ހުނަރުވެރި މީހުން ތައްޔާރުކުރުމުގެ ކޯސްތަކާއި ޕުރޮގުރާމުތައް ފެއްޓުމަށެވެ. ހަމަ އެހެންމެ، މިކަމަށް ވާގިދިނުމުގެ ގޮތުން، މަމްލަކާގެ ރަށްރަށުގައި ބޭކާރުވެގެން އުޅޭ މީހުން ހޯދައި، މަސައްކަތްތަކަށް ހުނަރުވެރިވުމަށް ރަސްކަމުގެ އަމުރުފުޅެއް ގެސް ނެރުއްވިއެވެ. އަދި، މި ފުރުސަތުގެ ބޭނުން ނުކޮށް، ބޭކާރުކޮށް އުޅޭ މީހުންނާ މެދު ފިޔަވަޅު އެޅޭނޭ ކަން ވެސް އެންގެވިއެވެ.

މިކަންކަން ކުރުމަށް ފަހު، އަދި، ތިން ދުވަސް ވުމުން، އިހުގެ ރަސްގެފާނާއި ރަސްކަން ހަވާލުކުރުމަށް ފަހު، ގޭގެ ވެރިޔާ ރަސްގެފާނަށް ދެންނެވިއެވެ.

"ދެން ދަންޖެއްސުނު ކުއްތާގެ ވާހަކަ އަޑު އައްސަވާށެވެ! އަޅުގަނޑަކީ ގެރި ބަކަރި ގެން ގުޅޭ މީހެކެވެ. އަޅުގަޑުގެ ގެރިބަކަރިތައް ބަލަހައްޓަން ކުއްތާއެއް ވެސް ގެންގުޅެމެވެ. ނަމަވެސް، ކޮންމެ ދުވަހަކު، އަޅުގަނޑުގެ ޖަނަވާރުތަކުގެ ތެރެއިން ކުޑަ ކަންބަޅިއެއް ގެއްލެއެވެ. މަހެއްހާ ދުވަސް ފަހުން އެނގުނީ މިކަމުގެ އަޑީގައި ހުރީ، އަޅުގަނޑުގެ ގެރިބަކަރިިތައް ބެލެހެއްޓުމުގެ އަމާނަތް ހަވާލުކޮށްފައިވާ ކުއްތާކަމެވެ. އަޅުގަނޑު ކާންދީގެން ބަލަހައްޓާ މި ކުއްތާ ކުރާ ކަމަކީ އޭނާގެ ރައްޓެހި މިނިކާވަގަކަށް ކޮންމެ ދުވަހަކު ކަންބަޅިއެއް ހަދިޔާ ކުރަނީއެވެ. އެހެންވެ، އެ ކުއްތާ ގެނެސް ދަންޖައްސައި ގޭ ކުރިމަތީގައި އެލުވީއެވެ. ޚިޔާނަތްތެރިކަމާ ޣަދަރުވެރިކަމުގެ ޚިޔާލު ވެސް ގެންގުޅެފާނެ އެހެން ކުއްތާތަކަށް އިބުރަތެއްގެ ގޮތުގައެވެ. ރަސްގެފާނަށް އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ ރަސްގެފާނުގެ ބަޑިކޮޅުގައި ދިހަ އުންޑަ އޮތް ނަމަ، އޭގެ ތެރެއިން ނުވަ އުންޑަ ޚާއްސަކުރައްވަން ވާނީ މަމްލަކާގެ ޚިޔާނަތްތެރި ޣަދަރުވެރި ކުއްތާތަކަށެވެ. އަނެއް އުންޑައަކީ ބޭރުން އަތުވެދާނެ ބިރަކަށް ރައްކާކުރެވިފައިވާ އުންޑައެވެ. ނަމަވެސް، އަބަދުވެސް ހަނދުމަފުޅު ކުރައްވަންވާނީ ބޭރުގެ ނުރައްކާ އަންނާނީ މަމްލަކާގެ ޣަދަރުވެރި ޚިޔާނަތްތެރި ކުއްތާތަކުގެ ސަބަބުން ކަމެވެ."

(ދިވެހިކޮށްލުމެއް)