...

Support Us

ވާހަކަ: ތިލޯބި- 4

ކުޑަދައްތަ ގާތު ބުނެފައި އަނީމް ގާތަށް އަހަރެން ދިޔައީމެވެ. އަތިރިމަތި އޮތީ ވަރަށް ނަލަކޮށްލާފައެވެ. އެތަން ވައްތަރީވެސް ލޯބިވެރިންނަށް ތައްޔާރު ކޮށްފައިވާ ތަނަކާއެވެ. އަނެއްކާ މިރަށުގައި އުޅޭ ދެ ލޯބިވެރިއަކު ރައްޓެހިވާން އުޅެނީ ނޫންބާއެވެ؟ ކުއްލިއަކަށް އަނީމް މަތިން ހަނދާންވިއެވެ. އަތިރިމަތި ޗާލުކަމުން އައީ ކީއްކުރަންކަންވެސް ހަނދާން ނެތުނީއެވެ. އަނީމް ފެންނާކަށް ނެތެވެ. އަނެއްކާ އަހަރެންނަށް ސަމާސާ ކުރީ ނޫންބާއެވެ؟ މީހަކު ފެންނަން ނެތީމަ އަހަރެން ހުރީ އިންތިހާ ދަރަޖައަށް ބިރުގަނެފައެވެ. އަނީމް އަހަރެން ހެއްދީ ކަމަށް ބަލާފައި އަހަރެން ދެން އަވަސްވެގަތީ އެތަނުން ދިއުމަށެވެ. ނަމަވެސް ދާންވެގެން ފަހަތަށް އެނބުރުނު ވަގުތު އަހަރެންގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީނދެލައިގެން އިން އަނީމް ފެނިފައި އަހަރެންގެ ގާތަށް އައީ ހިންޏެވެ.

"މިފަހަރު ކާކު ޖެއްސި ޑެއާ އެކޯ؟" އަހަރެން އަހާލީމެވެ. ދެން އަނީމް ކޮށްލި ސުވާލުން އަހަރެންނަށް ހުރެވުނުތަން ވެސް ނޭނގުނެވެ. ގަބޫލު ކުރަންވެސް ދަތިވިއެވެ.

ތި ހީވީ ރަނގަޅަށެވެ. އަނީމްގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އަނީމްގެ ލޯބި އަހަރެންނަށް ހުށައެޅީއެވެ. އަހަރެންނަށް ޖަވާބު ދޭން ވެސް ދަތިވިއެވެ. ވެފައި ހުރި އުފަލެއްގެ ސަބަބުންނެވެ. ދުލުން އާނބަސް ދޭން ވެސް ނުކުޅެދުނެވެ. ނަމަވެސް ބޮލުގެ އިޝާރާތުން އަހަރެން އަނީމްގެ ލޯތްބަށް އާނބަސް ދިނީމެވެ. އަދި އަހަރެން އަނީމް ގައިގައި ވަރަށް ބާރަށް ބައްދާލީމެވެ. އެވަގުތު ބެރުގެ އަޑާއި މީހުން "ހޯ" އޭ ކިޔާ ގޮވަމުންދާ އަޑު އިވުނެވެ. ހަމަ އެ ހޯ ގޮވުމުގެ އަޑާ އެއްވަރަށް މީހުންގެ އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމާލިއެވެ. ކުޑަވަރެއްގެ ކެއުމެއްވެސް އޮތެވެ. ބޮޑުބެރާ އެކުއެވެ. އެހެން މީހުންނަށް ކުޑަ ކެއުމަކަށް ނޫނީ ކުޑަ އުފާ ފާޅުކުރުމަކަށް ވީނަމަވެސް އެއީ އަހަރެންނަށް ވަރަށް ބޮޑު ހަފްލާއެކެވެ. އެގޮތުގައި ސަކަރާތް ޖަހަމުން ގޮސް ދަންވަރު 12 ޖަހާ ބޮޑުވީ ފަހުން ގެއަށް ދިއުމަށް މިސްރާބު ޖެހީމެވެ.

ގެއަށް ގޮސް ފާހާނާއަށް ވަދެ ނިދަން ތައްޔާރު ވެލައިގެން ނިދަން އެރުނު އިރު އެކެއް ޖަހައިފިއެވެ. އަވަހަށް ނިދަން އޮށޯތީ ފަތިހު ހޭލުމުގެ ނިޔަތުގައެވެ.

އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު "ހަލޯ" އޭ ބުނެލުމުން އަނީމްގެ އަޑުން "ގުޑް މޯނިން ސަންޝައިން" އޭ ބުނެލި އަޑު އިވުނެވެ. އެވަގުތު އަހަރެންނަށް ހެވެން ވެސް ހެވުނެވެ. ލަދުން އޮވެ ނަމަވެސް "ގުޑް މޯނިން ސްވީޓްހާރޓް" އޭ ބުނެލުމަށްފަހު ގަޑި ބަލައިލީމެވެ. އޭރު ގަޑިން ފަތިހު 5:15 ވެއްޖެއެވެ.

"އަނީމް ފަހުން ހަބަރެއް ވާނަން އިނގޭ… މިހާރު މިދަނީ ނަމާދުކޮށްގެން ބަދިގެއަށް ދާން ކަމަށް.. އަނީމް ވެސް ދޭ ނަމާދުކޮށްލަން،" އަހަރެން ބުނީމެވެ. އަނީމް "އޯކޭ" އޭ ބުނުމުން ފޯނު ބޭއްވީމެވެ. އަދި ފާހާނާއަށް ވަދެ ނަމާދަށް އަރަން އަވަސްވެގަތީމެވެ. ނަމާދުކޮށް ނިމުނު ވަގުތު މައީ ފާހާނާއިން ނުކުމެގެން ނަމާދަށް އަރަނީއެވެ. އަހަރެން މައީ ގާތު ނަމާދުކޮށްގެން ބަދިގެ ފަރާތަށް އަންނައްޗޭ ބުނުމުން މައީ ޖަވާބުގައި އާނއެކޭ ބުނުމުން އަހަރެން ކޮޓަރީން ނުކުމެ ބަދިގެ ފަރާތަށް ދިއުމަށް ހިނގައިގަތީމެވެ.

ބަދިގެއާ ހަމައަށް ފޯރުން ތަނާހެން ޝައްމާ އަތުވެއްޖެއެވެ. އަދި ރޭގެ ވާހަކަ ފެށިއެވެ. ލަދުގަތް ނަމަވެސް އުފާވިއެވެ.

"ހޫން… ތިއެއް ނޫނޭ ކޮބާ ސައިއްކޮ؟" ސައިހާ ކޮބައިތޯ އަހަރެން އަހާލީމެވެ. "އެ މަންޖެ ދޯ… ދެން އޭނަ ގޮތް އިނގޭނުން… ބަދިގެ ނިންމާފަ އަވަހަށް ބޭރަށް ނިކުންނަ މީހެއް ނޫނޭނުން އެއީ… އުޅޭނެ ގޭގަ،" ޝައްމާ މަޖާވެފައި ބުނެލިއެވެ. އަހަރެންވެސް ހޫން އަޅުވާލީ ހެމުންނެވެ. ބަދިގެ ނިންމާލުމަށްފަހު އަހަރެން މަގުމަތި ކެހުމަށް ބޭރަށް ނުކުތީމެވެ. ޝައްމާ ވެސް ހުއްޓެވެ. ކުނި ކަހަން ހުއްޓާ މައީ ނިކުމެ އަނީމްގެ ފޯނެއް ކަމަށް ބުނެ އަހަރެންގެ އަތަށް އަހަރެންގެ ފޯނު ދިނެވެ.

"ހަލޯ!" ފޯނު ކަންފަތުގައި ޖައްސާލުމަށްފަހު ބުނެލީމެވެ. ހަމަ އެއާއެކު އަނީމް ބުނެލިއެވެ. "ޝައީ ގޭގަތަ؟ ގޭގަ އުޅެންޏާ ބޭރަށް ބޯދިއްކޮށްލަބަލަ،" މިހެން އަނީމް ބުނެލުމުން އަހަރެން މިއުޅެނީ ބޭރުގައި ކަމަށް ބުނެ ކީއްތޯވީ އަހާލީމެވެ. ޖަވާބެއްވެސް ނުދީ އަނީމް ފޯނު ބޭއްވިއެވެ.

އިރުކޮޅެއް ނުވަނީސް އަނީމް އައިސް ގޭ ފާރުކައިރީގައި ޝައްމާ ހުރި ހިސާބުގައި ހުއްޓިލިއެވެ.

"ހާދަ ބޮޑެތި ކުނި ކޮޅުކޮޅު ވެސް އެބަ އެނބުރެއޭދޯ މި ހިސާބުގަ… ދޯ!" އަނީމް އަހަންނަށް ޖެއްސުމަށް އެހެން ބުނެލުމުން ޝައްމާ ވެސް އަހަރެން ރުޅި އެރުވުމަށް އަނީމް އާ އެއްބައިވެލިއެވެ.

"އޭ އޭ… ބީރައްޓެހިން ރަށްރަށަށް އަރާފަ ތެޅޭ ވައްތަރަށް ތެޅިބަލަ!" އަހަރެން އެހެން ބުނެލި ހިނދު ދެން އިވިގެން ދިޔައީ ސައިހާގެ އަޑެވެ. "އާނއެކޭ… ސައިޒުގަ ހުރޭ އިނގޭ… އެ ނޫނީ ރަށުން ބާލުވަން ޖެހިދާނެ.." ސައިހާ ބުނެލިއެވެ. އެކަކަށް ވެސް ހިނިގަނޑު މަތައެއް ނުކޮށްލެވުނެވެ. ހެމުންހެމުން އަހަރެން ޝައްމާއި ސައިހާއި އަނީމަށް ހެނދުނުގެ ނާސްތާ އަށް ދައުވަތު ދިނީމެވެ. އެންމެން ވެސް ދައުވަތު ޤަބޫލުކުރީ އުފަލުންނެވެ.

ހަތަރު މީހުން އެއްކޮށް ގޯތިތެރެއަށް ވަދެ މިސްރާބު ހުރީ ކާގެއަށެވެ. ކާގެއަށް ވަދެފައި އަހަރެންނަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑިއާ ދިމާލަށެވެ. ގަޑިން ނުވައެއް ޖަހަނީއެވެ.

"މިހާރު އެ ނުވައެއް ޖަހަނީ… އިރުކޮޅެއް ވަންދެން ތިބެވިއްޖެ ދޯ ބޭރުގައި ވާހަކަ ދައްކަން.." މަޖާވެފައި އެހެން ބުނެލި ހިނދު އެކަކު ވެސް ހިނިތުންވުމެއް އަހަންނަކަށް ހިއްސާއެއް ނުކުރިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވުނީ ނޫން ބާވައެވެ؟ އެއްވެސް އެއްޗެކޭ ނުބުނެ އަހަރެން ސައިހާ ގާތުގައި ދޮރާ ފުރަގަސްވާ ގޮތަށް ހުރި ގޮނޑީގައި އިށީނދެލީމެވެ. އަހަރެން ނޫން އެންމެން ދިޔައީ ސައިބުއިމައިގެން ކުރިއަށެވެ. އެންމެން ސައިބޮއެ ނިންމައިފިއެވެ. އެންމެފަހުން ތެދުވީ އަނީމެވެ. އަނީމް އަތްދޮވުމަށްޓަކައި ބޭރަށް ނުކުތެވެ. އަހަރެން ޝައްމާއި ސައިހާއާ ވާހަކައިގައި ކާގެތެރޭގައި އިނީމެވެ. އެހެން އިންދާ ގޮދަންފުށާއި ކުލަ ފަދަ ތަކެތި އަހަރެންގެ ބޮލަށް މީހަކު އަޅާލިއެވެ. ކާކުތޯ ބަލައިލިއިރު ފަހަތުގައި ހުރީ އަނީމާއި އޭނާގެ ހަތަރު އެކުވެރީންނެވެ. އޭރުވެސް ވެގެން އުޅޭ ގޮތެއް އަހަރެންނަށް ރޭކާ ވެސް ނުލައެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.