Support Us

ލޯބިވެރިޔާ އެހެން މީހަކާއެކު ގުޅުމެއް ހިންގީމާ…

އެހެން މީހުން ފަދައިން އަޅުގަނޑުވެސް ކައިވެނިކުރީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރެއްހައި ދުވަސް ފަހުންނެވެ. ކައިވެންޏަށް އަހަރުވެސް ނުވަނީސް ފިރިމީހާ އާއި އަވަށްޓެރި އަންހެނަކާ ދެމީހުން ލޯބިކުރަން އެ ގޭގެ ސޯފާގައި ތިއްބައި ފެނުމުން ވަރަށް އަސަރުކުރިއެވެ.

ވަދެފައި ބަހެއް ބުނުމުން އަންހެން މީހާގެ ބަހުގައި ކުށްވެރިވީ އަޅުގަނޑެވެ. އެއީ ހުއްދަ ނުނަގައި އެ ގެއަށް ވަދެގެންނެވެ. ފިރިމީހާގެ ކުރިމަތީގައި އަޅުގަނޑު ކުށްވެރިވީ އޭނާގެ މިނިވަންކަމާ ބެހުމުންނެވެ. ފިރިމީހާ އައިސްފައި ހުރި ރުޅިމަތީގައި އަޅުގަނޑު ފަދަ ހޭލުންތެރިކަން ކުޑަ އަންހެނަކާ އެކުގައި ނުއުޅެވޭނެ ކަމަށް ބުނެފައި ވަޤުތުން ވަރިކުރިއެވެ.

އަޅުގަނޑު ނުކުމެގެން ގެއަށް އައީއެވެ. ލޯތްބާއި ލޯބިވެގެން އުޅުމާއި ޒަވާޖީ ޙަޔާތަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަން ވިސްނުމުން އަސަރުތަކެއް ކުރިއެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ނިމޭނީ އެންމެ ރަނގަޅަށްކަން ޤަބޫލުކޮށް ވަރިކުރީތީ ކަންބޮޑެއް ނުވަމެވެ.

ކަންތައްވީ ވެސް ހަމަ އެގޮތަށެވެ. އަޅުގަނޑަށް ދެން ލިބުނީ ކުރީގެ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް މާރަނގަޅު ފިރިއެކެވެ. އަޅުގަނޑު ދެކެ މާބޮޑަށް ލޯބިވާ އަދި އަޅުގަނޑަށް ޤަދަރުކުރާ ފިރިއެކެވެ.

އަޅުގަނޑުމެންގެ ކައިވެންޏަށް ދެ އަހަރު ފުރެން އުޅެނިކޮށް ގެއަށް އައި ފިރިމީހާގެ އެކުވެރިއަކު ފިރިމީހާއަށް ކިޔައިދިނެވެ.

"ކަލޭގެ އަނބިމީހާގެ ކުރީގެ ފިރިމީހާއަށް އިހަކަށް ދުވަހަކު ވަރުގަދަ ލަގާއެއް ލިބިއްޖެއެވެ. ހިތާވެގެން ޚަރަދުކުރަމުން އައި އަންހެންމީހާ އެހެން ފިރިހެނަކާއެކު ލޯބިކުރަނިކޮށް ފެނުނީއެވެ. ރުޅިއައިސް ތިއައީ އެއްވެސް ގޮތެއް ނެތް އަންހެނަކު ކަމަށް ބުނުމުން ދިނީ ވަރުގަދަ ޖަވާބެކެވެ."

އޭނާ ބުންޏެވެ. "ކަލޭ ކައިވެނިކޮށްގެން ހުރެ އަހަރެންނާއެކު ގުޅުން ހިންގިއިރު އަހަރެން ކަމުދިއައެވެ. ކަލޭގެ ލޯބިވެރިއަކަށްހުރެ އެހެން ފިރިހެނަކާ ގުޅުމެއް ބާއްވައިލިއިރަށް އަހަރެން މިވީ ގޮތެއްފޮތެއް ނެތް އަންހެނަކަށެވެ. ކަލޭ އިންޞާފުގައި މިން އަޅަނީ ތިޔަ ގޮތަށްދޯއެވެ؟ ކަލެއާއެކު ގުޅުން ހިންގީމާ ގޮތާފޮތާ ހުރެއެވެ. އެހެން މީހަކާއެކު ގުޅުން ހިންގީމާ ގޮތާފޮތާ ނުހުންނަނީއެވެ."

މިއީ އަޅުގަނޑު ބެލި ފިލްމެއްގައި ދެއްކި ވާހަކައެވެ. މިވާހަކަކޮޅު ނާހިދު ލިޔާ ވާހަކަތައް ކިޔާ ކިޔުންތެރިންނަށް މި ގެނެސްދިނީ މިއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައިވެސް އިންޞާފުގައި މިންއަޅާ ގޮތް ކަމަށްވާތީ އެކަން ފާހަގަކޮށްލުމަށެވެ.

ކައިވެނިކޮށްގެން ހުރެވެސް އެމީހަކު ހިލޭ މީހުންނާ ގުޅުން ހިންގާފައި އެއީ ރަނގަޅު ކަމަކަށް ހަދައެވެ. ނަމަވެސް ބައިވެރިޔާއަށް ކަމެއް ކުރެވިއްޖެނަމަ އެކަންވަނީ ބޮޑު ކުށަކަށެވެ. މިނުބައި ޘަޤާފަތް ބަދަލުކުރާނީ ކޮން ދުވަހަކުންބާ ވައެވެ! ތިމާވެސް ތެދުވެރިވާންޖެހޭނެކަން ޤަބޫލުނުކުރަނީ ކީއްވެގެންބާވައެވެ؟

އަޅުގަނޑުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެއްވެސް މީހަކު އެއްވެސް މީހަކާ ކައިވެނީގެ ބޭރުން، ޚާއްޞަކޮށް ކައިވެނިކޮށްގެން ހުރެ ބަދަލުހިފަން ނަމަވެސް ގުޅުންހިންގަން ހިތްވަރުދިނުމެއް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ ތެދުވެރިވުމަށް ބުނުމެވެ. ތިމާ ތެދުވެރިނޫން ޙާލުގައި އަނެކާ ތެދުވެރިނުވެގެން ޝަކުވާ ނުކުރަން ބުނުމެވެ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *