Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފުރިހަމަ އިރުކޭތައެއް މާދަމާ! ރާއްޖެއަށް ފެންނާނެތަ؟

އިރުކޭތައަކީ، ހަނދު، ދުނިޔޭގެ ވަށައިގެން ޖަހާ ބުރުގައި ދުނިޔެއާއި އިރާ ދެމެދުން ހުރަސްކުރާ ކުރުމުގައި އެއްއުއިވާ ވަގުތު ތަކުގައި އިރާއި ހަނދާ ފުށުއަރާ ފުށުއެރުން، ނުވަތަ ހަނދު، އިރާއި ދުނިޔެއާ ދެމެދުން އިރާ އެޅިގެން ހަނދު ހުރަސްކުރާ ހުރަސް ކުރުމުގައި، ދުނިޔެއަށް ނުވަތަ ދުނިޔޭގެ ވަކިތާކަށް ފެންނަ ފެނުމަށް ކިޔާނަމެވެ.

އިރުކޭތައަކީ، ހިނގަމުންދާ ހަނދުމަހެއްގެ ނިމުމާއި ފެށުމުގެ ވަގުތު ކަށަވަރުކޮށްދޭ ލޮލަށް ފެންނަ ޤުދްރަތީ ފާހަގައެވެ. އިރުކޭތައެއް ކިތަންމެ ކުރަސް ކިތަންމެ ދިގަސް ކޭތައެއް ފުރިހަމަވާ ވަގުތަކީ، ހިނގަމުންދާ ހަނދުމަހެއްގެ ނިމުމާއި އައު މައްސަރެއްގެ ފެށުން، އެ ސިކުންތަކާ ގުޅިފައިވާ ހިނދުކޮޅެވެ. ކޭތައެއް ފުރިހަމަ ވުމުން ޤުދްރަތީ ގޮތުން ހަނދުމައްސަރެއް ނިމުނީއެވެ. އެފަދައިން ހަނދުމައްސަރެއް ފެށުނީއެވެ.

ކޭތައަކީ ހިފާއެއްޗެއް ނޫނެވެ. ކޭތައަކީ ފެންނަ އެއްޗެކެވެ. ކޭތަ ފެންނާނީއެވެ. އިރާ އެޅިގެން ހަނދު ހުރަސްކުރާ ކުރުމުގައި އެ ދޭތި އެވަގުތު ހުންނަ އޭންގަލްގެ ގޮތުން ދުނިޔެއަށް ނުވަތަ ދުނިޔޭގެ ވަކިތާކަށް އެ ދޭތި ފުށުއަރާފައި ހުރިހުރުން ނުވަތަ ފުށުއަރާފައި ހުންނަ މިންވަރު ފެންނަ ފެނުމެވެ.

ކޭތަހިފުމޭ ކިޔެނީ، އެކަމުގައި ކަން ހިނގާ ގޮތް ނޭނގޭ ޒަމާން ތަކުގައި ކޭތައަކީ، އިރުގައި ނުވަތަ ހަނދުގައި ރޫޙާނީ އެއްޗެއް ހިފައިގަންނަ ހިފައިގަތުމެއް ކަމުގައި ބަލައި، އެހެން ހީކުރެވުނު ޒަމާން ތަކުގައި އެ މަފްހޫމުގެ މައްޗަށް ބުރަވެ ކިޔުން އާދަވެ ހަރުލާފައިވާ ނަމަކަށް ވާތީއެވެ.
އެކަމަކު، "ކޭތަހިފުން" މިހާރު އެވަނީ ބަހަވީގޮތުން ދިވެހިބަހަކަށް ވެފައެވެ. އިރުކޭތައާއި ހަނދުކޭތައަކީ ވެސް، ކަންހިނގާ ގޮތުގައި ވަރަށް ތަފާތު ދެގޮތަކަށް ހިނގާ ދެކަމެކެވެ.

މާދަމާ، އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހިފާ އިރުކޭތައަކީ މި ރޯދަމަސް ނިމުމާއި ޝައްވާލުމަސް ފެށުމުގެ ޤުދްރަތީ ފާހަގައެވެ.
މި އޭޕްރީމަހުގެ 20 ވަނަ ދުވަހު ފެންނަ އިރުކޭތައަކީ ފުރިހަމަ އިރުކޭތައެކެވެ. އިރާއި ހަނދާއި ދޭތީގެ ސައިޒު އެދުވަހު ދުނިޔެއަށް ފެންނަ ބޮޑުމިނުގައި އެއްވަރުވާތީ އިރާއި ހަނދު ފުށުއަރާ ވަގުތު ކޭތަ ފުރިހަމައަށް ފެންނަ ސަރަޙައްދު ތަކަށް ފެންނާނީ ފުރިހަމަ ކޭތައެކެވެ.

ބުރާސްފަތި ދުވަހު މާލޭގަޑިން ހެނދުނު 06:43:26 ގައި ހިފާން ފަށާނެއެވެ. އަދި 09:16:53 ގައި ކޭތަ ފުރިހަމަވެ 11:59:22 ގައި ކޭތަ ވީއްލާނެއެވެ. މިކޭތަ ހިފާ ވަގުތު އިރުގެވެސް ހަނދުގެވެސް ބޮޑުމިނަކީ 15.9 ދަގީގެވެ.

އިންޑޮނޭޝިޔާގެ މެދުތެރެއަށާއި އޮސްޓްރޭލިޔާގެ ހުޅަނގު އުތުރުގެ ސަރަޙައްދަށް %100 އަށް މި ކޭތަ ފެންނާނެއެވެ. މަޑަގަސްކަރައިގެ އިރުމަތިން ފެށިގެން އިންޑިޔާ ކަނޑުގެ ބޮޑު ބަޔަކަށާއި ޕެސިފިކް ކަނޑުގެ ހުޅަނގު ބައިގެ ބޮޑުބަޔަކަށް މި ކޭތަ ފެންނާނެވެ. ކޭތައިގެ ދިގުމިން ފަސް ގަޑިއިރާއި 25 މިނެޓަށް ދެމިގެން ދާނެއެވެ. އެކަމަކު ރާއްޖެއަށް މިކޭތައެއް ނުފެންނާނެއެވެ.