Support Us

ސޫދާނުގެ ހަނގުރާމަ ހުއްޓައިލުމަށް މިޞްރުން ގޮވައިލައިފި 

ސޫދާނުގައި ހަނގުރާމަކުރަމުންދާ ވާދަވެރި ދެ ފަރާތަށް ހަނގުރާމަ އަވަހަށް ހުއްޓައިލުމަށް މިޞްރުން ރޭ ގޮވައިލައިފިއެވެ.

މިޞްރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުގައި ސޫދާނުގައި ހަނގުރާމަކުރަމުންދާ ސަރުކާރު ސިފައިންނަށާއި ޙަމީދަތީގެ ފެތުރުން އަވަސް ބާރުތަކަށް މިޞްރުން އިއްޔެ ގުޅައި ހަނގުރާމަ ހުއްޓައި ވާހަކަދައްކައިގެން މަސްއަލަ ޙައްލުކުރުމަށް ފުރްޞަތު ދިނުމަށް ގޮވައިލިއެވެ. މިޞްރު ބުނާގޮތުގައި މިޞްރުން ދަނީ މި މަސްއަލައިގައި ސުޢޫދީ ޢަރަބިއްޔާއާއެކު ވިލަރެސްކުރަމުންނެވެ.

ޤާހިރާއިން ހާމަކުރި ގޮތުގައި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ފަރަޙާނާ ފޯނުން ބައްދަލުކުރައްވައި މި މަސްއަލައާ ބެހޭގޮތުން އެ ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ސޫދާނުގައި މި ދިޔަ ހޮނިހިރު ދުވަހު ފެށުނު ހަނގުރާމަ އަދި ވެސް ދަނީ ކުރިއަށެވެ. އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ. ސޫދާނުގެ މަގުތަކާއި ޢިމާރާތްތަކާއި މުހިއްމު ބިނާރުތައް ދަނީ ހަލާކުވަމުންނެވެ.

ޢަރަބި ލީގުގެ ބައްދަލުވުމެއް

ސުޢޫދީ ޢަރަބިއްޔާއާއި މިޞްރުގެ އެދުމަކަށް ޢަރަބިލީގުގެ ކުއްލި ބައްދަލުވުމެއް އިއްޔެ ޤާހިރާގައި ބޭއްވުނެވެ. މި ބައްދަލުވުން ބޭއްވުނީ ދާއިމީ މަންދޫބުންގެ ފެންވަރުގައެވެ. މި ކުއްލި ބައްދަލުވުމުން ހަނގުރާމަކުރަމުންދާ ދެ ފަރާތަށް ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ގޮވައިލިއެވެ.

ސުޢޫދީ ޚާރިޖީވަޒީރު ފައިޞަލް ބިން ފަރަޙާނުވެސް އިއްޔެ ސޫދާނުގެ ޢަސްކަރީ ވެރިޔާ ޢަބްދުލް ފައްތާޙުލް ބުރްހާނާއި ވާދަވެރި ފެތުރުން އަވަސް ބާރުތަކުގެ ވެރިޔާ ޙަމީދަތީއާ ފޯނުން ގުޅުއްވަވާ ހަނގުރާމަ ހުއްޓައިލުމަށް ނަސޭހަތް ދެއްވިއެވެ. ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ގިއުގަނޑުގެ ތެރެއަށް ވަޑައިގަތުމަށް އެ ދެ ބޭފުޅުންނަށް ވަޒީރު ފައިޞަލް ގޮވައިލެއްވިއެވެ.

ފެތުރިގަތުން އަވަސް ބާރުތައް އެކުލަވައިލެވުނީ 2013 ވަނައަހަރުއެވެ. އެއީ ދާރުފޫރު ސަރަހާއްދުގައި ހިނގަމުންދިޔަ އަހްލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ސޫދާނުގެ ޢަސްކަރިއްޔާއާށް އެހީވުމަށް ޤާއިމު ކުރެވުނު ބާރެކެވެ. ދާރުފޫރު މަސްއަލަ ނިމުމުން މި ބާރާ ޙަވާލު ކުރެވުނީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ މަސައްކަތެވެ.

ޙަމީދަތީގެ ބާރުތައް އުވައިލުން

ޙަމީދަތީގެ ބާރުތައް ސަރުކާރާ ދެކޮޅަށް ހޮނިހިރު ދުވަހު ބަޣާވަތްކޮށްފައިވާތީ ސޫދާނު ސަރުކާރުން އިއްޔެ ވަނީ މި ބާރުތައް އުވާލައިފައެވެ. އެއީ މި ބާރުތަކުން ސޫދާން އަނބުރާ މަދަނީ ވެރިކަމަށް ދިޔުމަށް ހުރަސްއަޅާތީކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ހަނގުރާމަ

ހަނގުރާމައަށް ބަލާއިރު ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ޢާންމުންގެ 97 މީހަކާއި ސިފައިންގެ 45 މީހަކު ވަނީ މަރުވެފައެވެ. އަދި ބަދަލުކުރެވެމުންދާ ޙަމަލާތަކުގެ ސަބަބުން 365 މީހަކު ވަނީ ޒަޚަމުވެފައެވެ.

ހަނގުރާމައިގެ މަންޒަރުތައް ދެކެމުންދާ މީހުން ބުނާގޮތުގައި ސަރުކާރު ސިފައިން ދަނީ ޙަމީދަތީގެ ބާރުތަކުގެ މަރްކަޒުތަކަށް ބޮން އަޅައި އެތަންތަން ސުންނާފަތިކުރަމުންނެވެ.

ސޫދާނުގެ ޢަސްކަރިއްޔާ ބުނާގޮތުގައި ޙަމީދަތީގެ ބާރުތަކުން ކުއްލިއަކަށް ދިން ޙަމަލާތަކުގެ ސަބަބުން ސިފައިންނަށް ލިބުނު ސިހުން މިހާރު ފިލައިގެން ހިނގައްޖެއެވެ. ސިފައިން ވަނީ ޓީވީއާއި ވައިގެ ބަނދަރުތައް ކޮންޓްރޯލުގެ ދަށަށް ގެނެސްފައެވެ.

ބޭރުން މި ކަމާ ނުބެހުމަށް ގޮވައިލާ

ބޭރު ޤައުމުތަކުން މި މަސްއަލައާ ބެހިފައިނެތީ ސޫދާނު ސަރުކާރުން ބޭރު ޤައުމުތަކަށް މި މަސއްއަލައިގެ ތެރެއަށް ނުވަނުމަށް ގޮވައިލައިފިއެވެ. ސޫދާން ސަރުކާރު ބުނާގޮތުގައި މިއީ އެ ޤައުމުގެ ދާޚިލީ މަސްއަލައެކެވެ. މި ކަމުގެ ތެރެއަށް ވަނުމުން މަސްއަލަ އިތުރަށް ދާނީ ތައުގީދުވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *