...

Support Us

ވާހަކަ: ކަޅު ހިޔަނި- 4

"އާވް.. ޔަން.. ނުރުހެނީތަ؟" ނާއިކްގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. ނާއިކް ހީވަނީ ވައިގެތެރެއަށް ގެއްލިގެން ހިނގައިދާނެހެންނެވެ. އެ ލޮލަށް ބައެއް ފަހަރު ނޫ އަދި ފެހިކުލަ އަރާގޮތް ޔަނާއަށް ފާހަގަކުރެވުނެވެ. ވަރަށް ގާތުން އެ ރީތި ދެލޮލަށް ބަލާލަން ޔަނާ ބޭނުމެވެ. އެ ލޮލުގެ ކުލަ ބަދަލުވާ ސަބަބު ވެސް އޮޅުންފިލުވަން ބޭނުމެވެ.

"ނޫނޭ.. ނާއިކް.. އެކަމަކު އަންހެން.. ކުދިން ބައެއް ފަހަރު ބޭނުންވާނެ އަމިއްލަކޮށް އުޅެން.. ދެންމެ އަހަރެން ހެދުން ބަދަލުކުރަނިކޮށް އައިނަމަ މުޅިން ސަކަރާތްވީހެއްނު.. އެހެންވީމަ ބުނިއެއްޗެކޭ އެއީ.." ޔަނާ ލޮލުގެ ކުޑަކޮޅުން ނާއިކްގެ މޫނަށް ބަލާލުމަށްފަހު އިސްތަށިގަނޑުގައި ދައްޗެއް ޖެހިއެވެ.

"އަހަރެން.. ސިއްރުން ނާންނާނަން.. މިބުނީ ޔަނާ އަމިއްލަކޮށް އުޅެނިކޮށް ނާންނާނަމޭ… މަށަށް ވަރަށް ރީތި ޔަނާގެ ބޮލުގައި.. ކުލަކުލައިގެ ދަތިކޮޅުތައް ޖެހީމަ.. މަލެއްޖަހާދެންތަ؟" ނާއިކް އެކަމަށްވެސް ހުއްދަ ހޯދަމުން ޔަނާއަށް ހީނގަނެވުނެވެ. ނާއިކްއަކީ ޔަނާގެ އުމުރަށްވުރެއްވެސް ހަގު ކުއްޖަކަށް ވެދާނެ ކަމަށް ހިތްބުނަށް ފަށަފިއެވެ. އެހެން ނަސްލެއް ވީމަ ބިޔަކޮށް ފުޅާކޮށް ހުއްޓަސް އަދި އުމުރުން ހަގުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނޫނަސް ނާއިކްގެ މޫނުގެ ތާޒާކަމާއި ރީތިކަމުން ހީވަނީ އެއީ ދުނިޔޭގެ ޕްރިންސްއެއްހެނެވެ.

"ޖަހާދީ.." ޔަނާ ބޯ އަރިކޮށްލަމުން އެދުނެވެ. ނާއިކް ކުޑަކޮށް ޖެހިލުންވެފައި ހުރެ ދަތީގައި ޖަހާލަދިނީ ކުޑަ އޯކިޑްމަލެކެވެ. ހުދުކުލައިގެ އޯކިޑްމަލުގެ މީރުވަސް ނޭފަތުގައި ބީހިލުމުން ޔަނާއަށް ލިބުނު އަރާމުގައި ލޯމަރާލެވޭގޮތްވިއެވެ.

"..ޝުކުރިއްޔާ.. ނާއިކް.." ޔަނާ ލޯގަނޑުން އޭނާގެ ސިފައަށް ބަލާލިއިރު ނާއިކް ލޯގަނޑަކަށް އަރާފައެއް ނެތެވެ. ނާއިކްގެ ތަސްވީރު ކެމެރާ އަދި މޮބައިލްއަށްވެސް ނާރާނެކަން ހިތައް އެރުމުން ޔަނާ ދެރަވިއެވެ. ޔަނާއަކީ ކުރެހުމަށް މޮޅު ކުއްޖަކަށްވާތީ ނާއިކްގެ ތަސްވީރެއް ފިހިގަނޑުން ހަގީގަތަކަށް ހަދަން އުނދަގުލެއްނުވާނެއެވެ. މާދަމާ ފަށަންވި މަސައްކަތަކީ އެއީ ކަންނޭނގެއެވެ. ނާއިކްގެ ތަސްވީރު ނެތިއްޔާ އޭނަ އެކަނިވާ ވަގުތު އުޅޭނީ ކިހިނެއްހެއްޔެވެ؟

"..ޔަނާ.. ހާދަ ވަރަކަށް ތިބަލަނީ.. އަހަރެންވެސް ލަދުގަނެއޭ.." ނާއިކް ވައިރޯޅިއެއްހެން ގޮސް ގޭގެ ވަލަށް ނިކުމެވެން ހުންނަ ދޮރުކައިރިއަށް ދިޔައެވެ. އެ ހަރަކާތްތައް ހަލުވިކަމުން ޖިމްނާސްޓެއް ފަދައެވެ. ނާއިކްގެ ރީތިކަމަށް ޔަނާގެ ހިތް ހާސް ފަހަރު ތައުރީފުކުރިއެވެ.

"..ފިރެހެންކުދިން ލަދުގަންނާނެކަން.. އެނގެޔޭ.. އަހަރެމެން އެކުވެރިކަން އެހެން މީހަކަށް އެނގިއްޖެއްޔާ.. ވަރަށް ސަކަރާތްވާނެދޯ؟" ޔަނާ ކޮންމެވެސް އެއްޗެއް ވިސްނާލައިފައި ބުންޏެވެ. ޔަނާ އެއްގޮތަކަށްވެސް އޭނަގެ ދިރިއުޅުމުން ނާއިކް ދެން ދިޔަދޭކަށް ބޭނުމެއްނޫނެވެ. އެކުވެރިއެއްގެ ގޮތުގައި ނަމަވެސް އޭނަ މިވަނީ ޔަނާގެ ހިތުން މަތީ މަގާމެއް ހޯދާފައެވެ. ދުވާލު ހަތަރުދަމުވެސް ނާއިކްގެ މަތިން ހަނދާން ވާއިރަށް ކިތަންމެ ފަހަރަކު ޔަނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދެއެވެ. އޭނަ ހުންނަނީ މިހާރަކަށް އައިސް ރޭގަނޑު ކޮޓަރީގައި އެކަނީވާ ވަގުތަކަށް ބަލަބަލައެވެ.

"ކޮންމެ ރެއަކު މިކޮޓަރިއަށް އަންނާނަން… ސިއްރުކުރަންވާނެ އިނގޭ… އަހަރެން ގެއްލިދާނެތީ ކަންބޮޑުނުވޭ.. މިހާރު ލަސްވެއްޖެ.. އަހަރެން ދިޔައީއޭ.." ނާއިކް ޔަނާއާ ދިމާލަށް އަތްހޫރާލުމަށްފަހު ކުއްލިއަކަށް ލޯމަތިން ޣައިބުވެގެން ހިނގައްޖެއެވެ. ޔަނާ އިރުކޮޅެއްވަންދެން އަނގަ ހުޅުވިފައި ހުއްޓެވެ. މިއީ ހެރީ ޕޮޓަރ ފަދަ ފިލްމެއް ކުޅެވޭ ކަހަލަ އިހްސާސްތަކެއް ކުރުވާ ފަދަ ކަމެކެވެ. ޔަނާއަކީ އެއްގޮތަކަށްވެސް ޚިޔާލީ ފޮލާއަށް ޝައުގު ހުރި ކުއްޖެއް ނޫނެވެ. އޭނަ އެއްގޮތަކަށްވެސް އެފަދަ ފިލްމަކަށް ފޯރިއެއް ނުހުރެއެވެ. ނަމަވެސް މިހާރު ޔަނާ ބޭނުންވީ ހެރީ ޕޮޓަރ ސީރީޒް އެއްކޮށް ގަނެލައިގެން ކިޔާލުމަށެވެ. އެ ސީޑީތައް ބަލާލުމަށެވެ.

ޔަނާ ނިދުމުގެ ކުރިން އޭނަގެ ބޭބެމެންނަށް މެސެޖުކޮށްލާފައި ވާހަކަ ފޮތްބައި ފުނުވުމަށް އެދުނެވެ.

****

ނަޒީރާ އާއި ޔަނާ ފިހާރައަށް ދިޔައީ ދޮރުގައި ދަމާ ފަދަ ފޮތިތައް ގަނެލުމަށެވެ. މިރަށުން ރީތި ފޮތިކޮޅެއް ނުލިބޭތީ ނަޒީރާ ހުރީ ކުދި ކިޔާލަކިޔާލައެވެ. އެންމެ ފަހުން ފަތްކޯނިތަކެއް ޖަހާފައިވާ ނޫކުލައިގެ ތަންކޮޅެއް ބޯ ފޮތިތަކެއް ގަނެގެން ނަޒީރާ ޔަނާ ގޮވައިގެން މަގަށް ނިކުތެވެ. މަގު ތަންކޮޅެއް އަނދިރި ނަމަވެސް ގެ ހުރީ ފުދޭ ވަރަކަށް ކައިރީގައެވެ. ދެމީހުންނަށް ދެ ކޮތަޅު އުފުލާލައިގެން އާދެވިދާނެތީ ބޭކާރު ހަރަދު ކުރާކަށް ނަޒީރާ ގަސްތެއް ނުކުރެއެވެ.

"މަންމާ.. އަލިގުޅައެއް.." އެތާއޮތް ހުސްބިމުގައި ފުދޭ ވަރަކަށް ތިރިން ދަތުރުކޮށްލާފައި އައި އަލިފާން ބޯޅައަކަށް އިޝާރަތް ކުރަމުން ޔަނާ ވައިއަޑުން ބުނެލިއެވެ. ނަޒީރާ އުމުރުގައި ދުވަހަކުވެސް އެ އެއްޗެއް ނުދެކެއެވެ. ނަޒީރާ ގަތީ އަމަށަކު ބިރެއްނޫނެވެ. ހޭކުޑަކޮށްލާފައި ދުއްވައިގަންއިރު އަމިއްލަ ދަރިފުޅުގެ ސަލާމަތްވެސް މުހިއްމުވިހެނެއް ހިޔެއްނުވެއެވެ. ނަޒީރާގެ އަތުގައިވާ ފޮތިކޮތަޅުވެސް އެއްލާލައިފައި ނަޒީރާ ފަޔަށްލެވުނުހާ ބާރެއްލާފައި ގޮސް ގޯޅިން ލަނބާލިއިރުވެސް ޔަނާ ހުރީ ހުއްޓިލައިގެންނެވެ.

"..މަންމަވެސް ހާދަ.. ގޯހޭ.. ޔަނާ.. އެކަނިކޮށްލާފައި.. ދިޔައީ.." ނާއިކް ގުދުވެ ފޮތިކޮތަޅު ނެގިއެވެ. މިލަ ހަނދުވަރުގެ އަލީގައިވެސް ނާއިކަ ފެންނަލެއް ފުރިހަމައެވެ. އުޑުގައި ވިދާ ތަރިތަކަށްވެސް މިރީތި ލޮލާ ވާދައެއް ނުކުރެވޭނެއެވެ. ވިހުރެން ދޫއްކޮށްލައިފައިވާ އިސްތަށިގަނޑަށް އަރާ ރަންކުލައިން ޔަނާ އަމިއްލަ އިސްތަށިގަނޑުވެސް ޑައިކޮށްލާހިތްވިއެވެ.

"..ނާއިކް މަންމަ.. ބިރުގަންނަވާލަން އަލިގުޅައަކަށް ވެގެން އުދުހެނީވިއްޔަ.." ޔަނާ ހީގަތެވެ.

"..މަންމަމެންނަށް އަހަރެން ފެނުނީ އަލިގުޅައެއްގެ ސިފައިގަ…. ދޯ؟ މަންމަ ބިރުގަތްކަން ވަރަށް ދެރަ.. މަންމައަށް ވިސްނައިދީ.. ބުނޭ އަހަަރެން މަންމައަކަށް ގޮތެއް ނަހަދާނެއޭ.." ނާއިކް ހޭންފެށުމުންވެސް ހީވީ މުޅި ފަޒާގައި މިއުޒިކެއް ކުޅެލިހެންނެވެ. ނާއިކް ހުރިއްޔާ އޭނަގެ ދިރިއުޅުމަކަށް މިއުޒިކެއްވެސް މުހިމެއްނޫނެވެ. ޔަނާ ހުރީ ހުވަފެނީ ގޮތަކަށް ނާއިކްއަށް ބަލަހައްޓައިގެންނެވެ. ނާއިކް ޔަނާ އަތުގައި ހުރި ފޮތިކޮތަޅުތައްވެސް އަތުލިއެވެ.

"..މަންްމަ އަންގައިގެން ހަވަރު ނިކުތުމުގެ ކުރިން އަހަރެމެން ގެއަށް ދަމާހިނގާ.." ނާއިކް ހިނގާލާފައި ދިޔައީ ޔަނާއާ އެއް ހަމައެއްގައި ހުރެގެންނެވެ. ޔަނާއަށް ލިބިފައިވާ ހަމަޖެހުން އެ މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ. ކުޑަކޮށް ފޮނިވެވެންވެސް ފަށައިފިއެވެ. މިފަދަ އެކުވެރިއަކު އޭނައަށް މިލިބުނީ ހާދަ ނަސީބު ރަނގަޅުވެގެންނެވެ.

"..ޔަނާ އަބަދު ތިވިސްނަނީ ކޯއްޗެއް؟ މަށަށްވެސް އަންގައިގެން… އުޅެބަލަ.. މިރޭ ކޯއްޗެއް ކެއްކީ؟" ނާއިކް އަހާލައިފިއެވެ. ޔަނާ ހުރީ ނާއިކްގެ އަތުގައި ހިފާލާހިތުންނެވެ. އެ އުމުރުގައި އަތުގަހި ފާލުން ފަދަ ކަންތައް ގައިމު ހުއްދަވާނެތާއެވެ.

"ނުވިސްނަމޭ.. މިރޭ ރޮށްޓާއި، ބަށިރިހައާއި.. ސަޓަނި ހުންނާނެ.. ނާއިކްވެސް އަހަންނާ އެކީގައި ކާން ހިނގާ… ވަރަށް ބޭނުން…" ޔަނާ ހިނިތުންވެލިއެވެ.

"ނޫން.. އަދި ނުކެރޭނެ ތިކަހަލަ ކަމެއްގައި އުޅޭކަށް… ޔަނާއަށް އަބަދު ހިނގެނީ.. ތިހާ މަޑުންތަ؟ އުފުލާލައިގެން ގެއާ ހަމަޔަށް ގެންގޮސްދެންތަ؟" ނާއިކްގެ ހުނުމުގެ އަޑުން ޔަނާގެ ހިތުގައި އެތައް ހާސް މާތަކެއް ފޮޅިގެންފިޔަހެން ހީވިއެވެ. ކޮން ފަދަ ރީތި ކަމެއްހެއްޔެވެ؟ ނާއިކްގެ ރީތިކަމާމެދު ވިސްނަމުންގޮސް އޭނަ މޮޔަނުވިއްޔާ ވެދާނެއެވެ.

"ކެރޭނެތަ؟" ޔަނާއަށް ނާއިކް ކިތަންމެ މައިސޫމްކޮށް އެ ސުވާލުކުރިޔަސް އެއީ ވަރަށް ބޮޑުކަމަކަށް ވިއެވެ. އެއްގޮތަކަށްވެސް ފިރެހެން ކުއްޖަކު ލައްވާ އުފުލާލައިގެން ދާކަށް އޭނައަކަށް ނުކެރޭނެއެވެ. އެއީ ދީނުގައި ހުއްދަ ކަމަކަށް ވެސް ނުވާނެއެވެ. މާމަމެން އެވަރަށް ދީން ކިޔަވާދީފައިވާއިރު ނަމާދާމެދު ފަރުވާކުޑަކުރިޔަސް ޔަނާއަށް ނޭނގޭ ކަމެއްނެތެވެ. އީސާއީ ދީނަށް ޔަނާގެ ހިތުގައި ދެން ޖާގައެއް ނޯންނާނެކަންވެސް އެނގެއެވެ.

"ހޫމް އެއީ.. އެވަރު ކަމެއް ނޫނެއްނު… އަހަރެންނަށް ޔަނާ އެއް އިނގިލިންވެސް އުފުލާލެވިދާނެ…. އެހާ ލުއިވާނެ.." ނާއިކް ބޭނުންވިޔަސް ޔަނާ ލަދުންހުރިކަން އެނގޭތީ އެފަދަ ހިތްވަރެއްކޮށްލާކަށް ނުކެރުނެވެ. ނާއިކް މިހާ ކައިރީގައި ހުރުމުން ދުވަނީ މަލެއްގެ މީރުވަހެވެ. ޔަނާ ނޭފަތް ދަމާލިއެވެ.

"..އެހެން ދުވަހަކު.. މިހާރު.. ގެއަށް.. މިއާދެވުނީ.. ނާއިކް ތި ކޮތަޅުތައް ހިފައިގެން ހުއްޓާ މަންމައަށް.. ފެނިއްޖެއްޔާ… ވާނީ ކިހިނެއްތަ؟ ގެނޭ އަހަރެން އަތަށް.." ޔަނާ ހުރީ ކަންބޮޑުވެފައެވެ.

"މަންމައަކަށް.. އަހަރެން ނުފެންނާނެ.. ޔަނާ މަންމަ ގޮވައިގެން އެތެރެއަށް ވަނީމަ އަހަރެން ފޮތިތައް ބޮޑުކޮޓަރިއަށް ވައްޓާލަދީފާނަން.." ނާއިކް ރަނގަޅު ހިޔާލެއް ދިނުމަށްފަހު ހީލި ގޮތުން ޔަނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޔަނާ ގެއަށް ވަންއިރު މަންމަ ހުރީ ފޯނުން ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. ޔަނާ ފެނުމުން ނަޒީރާ މޫނުގައިވާ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކެނޑިގެން ދިޔައެވެ.

"ޔަނާ.. ހާދަ ލަހުން ތިއައީ؟ ޔަނާ ބިރެއްވެސް ނުގަނޭތަ؟ ފަހަތުން ނާންނާނެތަ؟ ނަޒީރާ ފޯނު ބާއްވާފައި ފްރިޖުން ފެންތައްޓެއް އަޅައިގެން ބޯލިއިރުވެސް މޫނުގައި ދާތިކިތައް ވިދަވިދާ ހުރުމުން މަންމަ ނުތަނަވަސްކަމުގެ މިންވަރު ޔަނާއަށް ވިސްނި ހައިރާވިއެވެ. މަންމަ ފަދަ ޑޮކްޓަރުން ވެސް މިހާ ފިނޑިހެއްޔެވެ؟ އެންމެ ބޮޑަށް ޔަނާގެ ހިތަށް ހަމަނުޖެހުން ގެނުވީ އޭނައާއި ނާއިކްގެ ގުޅުން އެނގިއްޖެއްޔާ މަންމަ ކަންތައް ކުރާނެ ގޮތް ނޭނގިގެންނެވެ. ޖިންނި ކުއްޖަކަށް ވިޔަސް ނާއިކް ފަދަ ރީތި ޒުވާނެއްގެ ފަރާތުން އެކުވެރިކަން ލިބުނުކަމީ ނަސީބުކަން ކަމަށް މަންމަ ނުދެކެންވީ ކީއްވެހެއްޔެވެ؟

"އެއީ މަންމައަށް ހީވިގޮތެއް.. އަލިގުޅަ މީހުންގެ ފަހަތަކުން ނާންނާނެ.. އެވަރަކަށް ބިރެއްނުގަނޭ.." ޔަނާ މަންމަ ގާތުގައި އިރުކޮޅެއްވަންދެން ވާހަކަ ދައްކާލަން އިނުމަށްފަހު ކޮޓަރިއަށް ވަދެއްޖެއެވެ.

ހެނދުނު ސްކޫލަށް ދާން ޔުނީފޯމް ލައިގެން ޔަނާ ތައްޔާރުވާން ހުރިއިރު އޭނަގެ މޫނަށް ބަލާލައިފައި ކުޑަކޮށް ހިތުގައި ޖެހުނެވެ. ދޮންބެމެން ފަދައިން އޭނަގެ ސޫރަ ރީތިނުވީ ކީއްވެހެއްޔެވެ؟ ތުންފަތް ބޮޑުވެފައި ބުޅި އިސްޓަށިގަނޑެއް އޮތުމުން ޔަނާއަށް އޭނަ ފެންނަނީ އެފްރިކާ ކުއްޖެއްހެނެވެ.

ޔަނާގެ ނަސީބަކީ ހަމައެކަނި ދިގު އިސްކޮޅެވެ. އިސްކޮޅުގެ ސަބަބުން އޭނަ ސްކޫލުގެ ބާސްކެޓްބޯޅަ ޓީމުން ޖާގަ ލިބިފައިވެއެވެ. ސްކޫލަށް މަޝްހޫރުވާނެ ފުރުސަތެއް ލިބުމުން ޔަނާ ހުންނަނީ އުފަލުންނެވެ. ނަމަވެސް ދެރައީ ސްކޫލް އެއްވެސް ފިރެހެން ކުއްޖަކުވެސް އޭނައަށް ބަލާނުލާތީއެވެ. ކޮންމެ ކުއްޖެއްގެ ހާއްސަ ފިރެހެން ކުއްޖަކު ހުންނައިރު އޭނަ ހުންނަނީ ބާކީވެފައެވެ. އިޝާއަކީ ސްކޫލުގެ ރާނީވީމަ އޭނަގެ ފަހަތުގައި ދިގު ކިޔޫއެއް އަބަދު ޖައްސާފައިވި ނަމަވެސް ހިތް މޮޅުކަމުން އެއިން އެއްވެސް ކުއްޖަކާ އޭނައާ އެކަށީގެންވާ ކަމަކަށް އިޝާ ގަބޫލެއް ނުކުރެއެވެ. އޭނާ އިންތިޒާރުކުރަނީ ޕްރިންސްއަކަށެވެ.

***

އިރުއޮއްސުނުއިރުވެސް އިޝާއާއި ޔަނާ ތިބީ ސްކޫލުގައި ބާސްކެޓްބޯޅަ ކުޅޭށެވެ. އެ ހިސާބުގައި އިންދާފައިވާ ރީތިގަސްތަކުގެ ސަބަބުން މަންޒަރުތައް ވަކިން ފުރިހަމައެވެ. އެ ރަތްއޮރެންޖު ކުލައިގެ މާތަކަށް ބޮކިތަކުގެ އަލިއެޅިފައި ހުރުމުން ޖަވާހިރުތަކެއް ފަދައިން ވިދައެވެ. ބައެއް ދިމާލުން މާތައް ފައިބާ ބިންގަނޑު އޮތީ ރަތްވެފައެވެ. ދެތިން ފިރިހެން ކުއްޖަކު އިޝާއަށް ބަލާހިތުން ގަސްދޮށުގައި މަޑުކޮށްލައިގެން ހުއްޓެވެ.

ޔަނާ ބޯޅަ އެއްލާ ކޮންމެ ފަހަރަކު ނެޓުން ބޭރުގައި ޖެހެން ފެށުމުން ޔަނާ ހިތްވަރުގެއްލެން ފަށައިފިއެވެ. އިޝާ ޖަހާލާ ކޮންމެ ބޯޅައަކުން ފަސޭހަކަމާއެކު ނެޓްތެރެއަށް އޮއްސާލަނީ ރީތިކޮށެވެ.

"ސާބަހޭ.. އިޝާ.. މޮޅޭ މޮޅޭ.." ފިރެހެންކުދިންގެ އަތްތިލަބަޑިން އިޝާއަށް ހިތްވަރުދޭން ފަށައިފިއެވެ. ޔަނާ މާޔޫސްވި ނަމަވެސް އޭނަ އިޝާއާމެދު ހަސަދަވެރިވާކަށް ބޭނުމެއްނޫނެވެ. އޭނަ ބާސްކެޓްބޯޅައަށް ނަގައިފައި މިވަނީ އޭނަގެ މޮޅުކަމާއި ހުނަރަކުންނޫނެވެ. އިސްކޮޅެއް ހުރީމަ ކޯޗުގެ ލޮލުގައި އަޅައިގަނެގެންނެވެ. ކޯޗަށް ހަމައެކަނި އިސްކޮޅަކުން ބާސްކެޓްބޯޅަ ނުކުޅެވޭނެކަން ނޭނގެނީހެއްޔެވެ؟ އަޖައިބެކެވެ. ޔަނާގެ ހިތްވަރު މުޅިން ގެއްލިއްޖެވެ. މޫނުމަތިން ދާތައް ވިދަންފެށިއެވެ.

ޔަނާ ވަރަށް ހިތްވަރުކޮށްލާފައި ފޮނުވާލި ބޯޅަ މިފަހަރު ވަރަށް ރީތިކޮށް ނެޓްތެރެއަށް އޮއްސުނެވެ. ޔަނާ އަމިއްލަ ނަފުސާމެދު ހައިރާންވިއެވެ. މިފަހަރު އިޝާގެ ބޯޅަ ބޭކާރުވިއެވެ. ޔަނާ ދެވަނަ ފަހަރު އެއްލުމުންވެސް ބޯޅަ ކާމިޔާބުވުމުން ޔަނާއަށް ހިތްވަރު ލިބުނެވެ. މަސައްކަތްކުރުމުން ކާމިޔާބުވާނެކަން އެނގި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެދުވަހު ތިރީހަކަށް މިނެޓަށް ކުޅެވުނުއިރު ފިރެހެން ކުދިންވެސް ޔަނާއަށް ތައުރީފުކުރިއެވެ. ޔަނާގެއަށް އައީ އުފަލުންހުރެއެވެ.

ޔަނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް އުނދޯލީގައި އިނދެ ޓެނިސް ބޫޓްބާލަން ފެށިތަނުން ގެއިން އިތުރު އަންހެންކުއްޖަކު ފެނުނެވެ. އެކުއްޖާ ފެނުމުން ޔަނާ ދެވަނަ ފަހަރަށްވެސް އިސްއުފުލާލައިފައި ބަލާލިއެވެ. އެއީ އިސްކޮޅުން ކުރު ސޯޅަވަރަކަށް އަހަރުގެކުއްޖެކެވެ. ރީތި ގޮތެއް ހުއްޓެވެ. މޫނު އޮމާންވެފައި ލޮލުގައި ސީރިއަސް، ހަރު ގޮތެއްވެއެވެ. ޔަނާއާ ސިކުންތުކޮޅަކަށް ހަތަރުކަޅި ހަމަކޮށްލުމަށްފަހު އެކުއްޖާ ކޮޓަރިއަށް ދެމިގެންފިއެވެ.

"މަންމާ އެއީ ކާކުތަ؟" ޔަނާ ބަދިގެއަށް ވަންއިރު މަންމަ ތަރުކާރީ ރިހަކައްކަން ހުރިތަން ފެނުމުން ޔަނާ އަހާލައިފިއެވެ. ޔަނާ ފްރިޖްހުޅުވާލައިފައި ކުރިތައްޓެއް ބޯލުމަށްފަހު ރަތް އާފަލެއް އަނގައިގައި ޖެހިއެވެ.

"އެއީ ގޭގެ ކަންތައް ކޮށްލަން މަންމަ ރާއްޖެތެރެއިން ގެނައި ކުއްޖެއް… މަންމަ އެކުވެރި.. ނާމީ.. ބުނިގޮތުން ފިރިހެނުން ކުރާ މަސައްކަތްވެސް މި ނަޖުދާ ކޮށްލާނެ.. ކާށި ހެހެންވެސް މޮޅުކަމަށް ނާމީ ބުނި…. އެހެންވީމަ މަންމަ ވަރަށް ހިތްހަމަޖެހިފަ މިހިރީ.. ނަޖުދާގެ ހުރޭ ލަދުރަކި ގޮތެއް.. އަނގައިން ބުނީވެސް އެތައްވަރުން…. މަންމަ ހީކުރީ މަންމަނެއް ކަމަށް.. މަންމަނަކަށް ވިނަމަ ވަރަށް.. އުދަނގޫވާނެ… އޭރުން ބަންގްލަދޭޝްއިން ކުއްޖަކު ގެނައުމާ މާބޮޑު ތަފާތެއްނޯންނާނެ.." ނަޒީރާ ތެއްޔަށް ތަރުކާރީކޮޅު އަޅާލުމަށްފަހު ޔަނާއަށް ބަލާލިއެވެ. ޔަނާ އަމިއްލައަށް ދަނެގެން ރަނގަޅު ކާއެއްޗިހި ކާތީ ނަޒީރާ ހުރީ ހިތްހަމަޖެހިފައެވެ.

"ޔަން.. ފެނުނީމަވެސް މާ ބާރަކަށް ކޮޓަރިއަށް ވަދެގެން ދިޔައީ.. ވަރަށް ގޮތް ނޭނގޭ ކަހަލަ ގޮތެއް.." ޔަނާ ވިސްނުމެއްގެ ތެރޭގައި ހުރެ ބުންޏެވެ. ޔަނާ ކުޑަދޮރުން ބަލާލިއިރު އޭނައަށް ފެނުނީ ރީތި ގަސްދޮށުން ކުރިއަށް ދިޔަ ހިޔަންޏެވެ. ޔަނާ ހައިރާންކަމާއެކު ބަލަހައްޓައިގެން ހުރުމުން ނަޒީރާވެސް ބަލަން އުޅުނެވެ. ޔަނާ ފޮތިގަނޑު ވައްޓާލައިފިއެވެ. އެއްގޮތަކަށްވެސް މަންމައަށް ޝައްކު ވިޔަދީގެން ނުވާނެއެވެ. ނޫނީ އޭނަ ނާއިކްއާ ދުރުކޮށްފާނެއެވެ.

"ކޯއްޗެއް ފެންނަނީ؟" ނަޒީރާ ދެލޯބޮޑުކޮށްފައި ބަލާލިއިރު އެކަށްޗެއްވެސް ނުފެނުނެވެ.

"..އެއްވެސް އެއްޗެއް.. ނެތޭ މަންމާ.." ޔަނާ ވިސްނަމުން ދިޔައީ ނާއިކްއާ މެދުގައެވެ. މިރޭވެސް ނާއިކް އަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޭނައަށް އެބައޮތެވެ. ކޮންމެ ރެއަކު ނާއިކްއާ ދިމާވެ ވާހަކަދައްކަމުން ގޮސް ގާތް އެކުވެރި ގުޅުމެއް އެ ދެ މެދުގައިވާއިރު ނާއިކްގެ ފަރާތުން އެ ގުޅުން އިތުރުކުރަން އެންމެ ފިޔަވަޅެއްވެސް އަޅާފާނެކަމުގެ ނިޝާނެއް ނުފެނެއެވެ. އަނެއްކާ މިއީ ފެންނަ ރީތި ހުވަފެނެއް ހެއްޔެވެ؟ ނާއިކްވެސް އޭނަ ފަދަ އާދައިގެ ކުއްޖަކަށް ހިތެއް ނުކިޔާނެއެވެ. އިންސާނަކަށް ނުވިނަމަވެސް އޭނަވަނީ ރީތިކަން ހުސްކޮށްލާފައެވެ. ޔަނާގެ ކުޑަކޮށް އައިބުތައް ހުރީމަ ނާއިކްއަށް ކަމަކުނުދާނެއެވެ. ޔަނާގެ އަތުގައި ހަ އިނގިލި ހުރެފައި އެއް އަތް ކުރުކަމުން އޭނަ އެކަން ފޮރުވަން ކިތައްމެހާވެސް މަސައްކަތްކުރެއެވެ. ފޮރުވި ނަމަވެސް ނާއިކް ފަދަ އެހެން ނަސްލެއްގެ ޒުވާނަކަށް އޮޅުވައެއް ނުލެވޭނެއެވެ. ޔަނާގެ ހިތަށް ތަދުވިއެވެ. އަނެއްކާ އޭނަ ދެކެ ނާއިކް ފޫހިވީބާއެވެ؟ އެހެންވެއްޖެއްޔާ ހިތަށް ކެތްކުރެވޭނެހެއްޔެވެ؟ އޭނައަށް ހަމަ ރޮވޭނެއެވެ. ހިތަށް އެރި ބަސްތަކުން ޔަނާގެ ލޮލަށް ކަރުނަޖަމާވިއެވެ.

"..ނޫން މަންމައަށް ހީވި ހިޔަންޏެއް ފެނުނުހެން… ގަހުގެ ގޮތްޕެއްގެ ހިޔަނި ކަމަށް ވެދާނެ.." ނަޒީރާގެ ނުތަނަވަސްކަން ޔަނާ ފާހަގަކުރިއެވެ.

"ދެން މަންމަ ހަމަ.. ފާޑުފާޑުގެ.. ޝައްކުތައްކުރާނެ.. މިރަށަކު ނޫޅޭ އިންސާނުން.. ނޫން ބައެއް… ހަންޑި އުޅުނަސް އިންސާނުންނަކާ ނުބެހޭނެ.." ޔަނާ ހީލާފައި ކޮޓަރިއަށް ވަދެ ފާރުގައި ލެނގިލައިގެން ހުރީ އެންމެ ސޫރައެއް ދެކިލާހިތުންނެވެ. ނަމަވެސް ނާއިކްގެ އެއްވެސް ހިލަމެއްނުވިއެވެ. ކިރިޔާ ގަހެއްގެ ފަތެއް ހެލިލިޔަސް ނާއިކް ކަމަށް ހީކޮށް ޔަނާގެ ހިތް ތެޅިގަނެއެވެ. އެންމެ ފަހުން ޔަނާ މާޔޫސްވެފައި ހުރެ ކުޑަދޮރު ހުޅުވާލައިފައި ބޭރަށް ބަލައިލިއެވެ. އޭނަ ލޯބިން ގެންގުޅޭ ރަތްމާ އެޅި ގަސް ރޭގަނޑު އަލީގައި ހީވަނީ ކުދި ޖަވާހިރުތަކެއް ވިދާހެންނެވެ. އުޑުގައިވެސް ތަރިތައް ބަބުޅަމުން ދިޔައީ މިސާލެއް ނެތް ފަދައިންނެވެ. ކޮންފަދަ ރީތި ދުނިޔެއެއްހެއްޔެވެ؟ ޔަނާގެ ލޯ ހޯދަމުން ދިޔައީ އަލިގުޅައަކަށެވެ. ނާއިކްގެ ނިޝާނަކަށެވެ. ކުއްލިއަކަށް ޔަނާގެ ލޮލުގައި އަޅައިގަތީ ގަސްތަކުގެ ތެރެއިން ދިއްލިފައި ހުރި ރަތް ދެލޮލެވެ. ކިތަންމެ ވަރަކަށް ލޯ ބޮޑުކޮށްފައި ބެލިނަމަވެސް އެ ރަތް ދެލޯ ހަރަކާތެއް ނެތި ހަމަ ހުރި ދިމާލުގައި ހުރުމުން ޔަނާ ސިހި ބިރުގަނެއްޖެއެވެ. ގައިގައި ވާހާ ލޯލިތައް ކޮޅަށްޖެހުނެވެ. ޔަނާ އަވަހަށް ދޮރު ލައްޕާލުމަށްފަހު އަނެއް ފަރާތައް އެނބުރުނުއިރު އޭނަގެ ހިތް ތެޅެމުން ދިޔައީ ދިރޭ ފެންފޮދެއްހެންނެވެ. އެއީ ޔަގީނުންވެސް ނާއިކްއެއް ނޫނެވެ. ނާއިކްއަކީ ބިރުވެރި ސޫރައެއް ނޫނެވެ. އެއީ ނާއިކްއަށް ނުވާނަމަ ދެންމެ އެ ފެނުނީ ކޯއްޗެއްހެއްޔެވެ؟ ކޮންމެވެސް އެހެންކަމެއް މިގޭގައި އުޅެނީހެއްޔެވެ؟ ޔަނާއަށް އޮޅިއްޖެއެވެ. ވަރަށް ބޮޑަށް އޮޅިއްޖެއެވެ.

އެރޭ ނާއިކް ހަބަރެއް ނުވުމުން ޔަނާ ވަރަށް ބޮޑަށް ދެރަވެ ހިތުގައި ޖެހުނެވެ. ހަމަ ކުއްލިއަކަށް ނާއިކް ގެއްލެންވީ ކީއްވެހެއްޔެވެ؟ ވީގޮތެއް ނުބުނެ ގެއްލެންވީ ކީއްވެހެއްޔެވެ؟ ނާއިކް މިހެން ހަދަން ކުރިން ގަސްތުކޮށްފައިވާނަމަ ޔަނާއަށް ފެނިލައިގެން އެކުވެރިވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ހާދަ ދެރައެވެ. ޔަނާ ބާލީހުގައި މޫނު ޖައްސައިލައިގެން އޮތްއިރު ކަރުނަތަކުން ބާލީސް ތެމެމުން ދިޔައީ ބޭއިހުތިޔާރުގައެވެ. އެރޭ ޔަނާ ނިދީ ހުވަފެނުގައި ނަމަވެސް ނާއިކް އާ ބައްދަލުކުރުމުގެ އުންމީދެއްގައެވެ. ނަމަވެސް އެ އުންމީދުވެސް ފެނަށް ވެގެން ދިޔައީއެވެ.

ހެނދުނު ޔަނާ ބަދިގެއަށް ވަންއިރު ނަޖުދާ ސައިކައްކާފައި ރޮށިފިހެ މަސްހުނި މޮޑެ ނިންމާލައިފިއެވެ. އަތްމަތި އަވަސްކަމުން ޔަނާގެ ހިތުގައި ތައުރީފު އުފެދުނެވެ. ޔަނާ މަގަށް ފޯންޗުން ފެންތައްޓެއް އެޅުމަށްފަހު "ޔޭޔޭ" ޕެކެޓެއް ލައިފިއެވެ. ކޮފީ ބުއިމުން ޔަނާގެ ނިދިފިލާ ސިކުނޑި ހުޅުވޭތީ ޔަނާއަށް ކޮފީ ވަރަށް ހާއްސައެވެ. ކޮފީއާއި ޗޮކްލެޓަކީ ޔަނާގެ އެކުވެރިޔާއެވެ.

"ތީ ނަޖޫތަ..؟ އަހަންނަކީ ޔަނާ.." ޔަނާ ގޮނޑި ދަމާލަމުން ނަޖުދާގެ މޫނަށް ނަޒަރު ހުއްޓާލިއިރު އެ މޫނުގައި އެކުވެރިކަމުގެ ކުލަވަރެއްނެތެވެ. ޔަނާއާ ދިމާލަށް ބަލާލުމަކީ ނަޖުދާ ބޭނުން ކަމަކަށް ނުވިއެވެ. ހީވަނީ ކަމަކާ ހިތްހަމަނުޖެހިފައި ހުރިހެންނެވެ. ނޫނީ އެހެން ދުނިޔެއެއްގައި އުޅޭހެންނެވެ.

"ހޫމް.." ނަޖުދާ ފަރުވާކުޑަ ހޫމްއެއް އަޅުވާލުމަށްފަހު ހިނގައިގަތީ ވަލާ ދިމާލަށެވެ. ހުޅުވިފައިވާ ކުޑަދޮރުން ނަޖުދާ ކުރާ މަސައްކަތް ޔަނާއަށް ފެނެއެވެ. އޭނަ ކާށި ހެހެމުން ދިޔައީ ކުޅަދާނަކަމާއެކުގައެވެ. ފިރެހެނަކަށްވުރެ އެންމެ ތަންކޮޅެއްވެސް ދެރައެއްނޫނެވެ. ޔަނާ ހައިރާންވެ އަންތަރީސްވެފައި އިނދެ ސިއްރު ނަޒަރަކުން ބަލަމުން ދިޔައެވެ. ނަޖުދާ ކާށި ހެހެ ނިމުމުން ގޯންޏަކަށް ލައިގެން ބޯމައްޗަށް އުފުލާލިގޮތުން ޔަނާއަށް އިނގިލީގައި ދަތްއަޅައިލެވުނެވެ. ދެލޯ ބޮޑުކޮށްލެވުނު ގޮތަށް ނޭވައިނުލައި އިރުކޮޅަކު އިނދެވުނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.