Support Us

ކޮލަމް ކޯދު: ރޯދަމަހުގެ ވާހަކަ- މުނާފިގުންނާއި ނިފާގުގެ ބައެއް އަމަލުތަކުގެ ވާހަކަކޮޅެއް

يَحْذَرُ الْمُنَافِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَةٌ تُنَبِّئُهُم بِمَا فِي قُلُوبِهِمْ ۚ قُلِ اسْتَهْزِئُوا إِنَّ اللَّهَ مُخْرِجٌ مَّا تَحْذَرُونَ (64) وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ (65) لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ إِن نَّعْفُ عَن طَائِفَةٍ مِّنكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ (66) الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ (67) وَعَدَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا ۚ هِيَ حَسْبُهُمْ ۚ وَلَعَنَهُمُ اللَّهُ ۖ وَلَهُمْ عَذَابٌ مُّقِيمٌ (68) (سورة التوبة)

އެމީހުންގެ ހިތްތަކުގައި (މުއުމިނުންނާ މެދު) އޮތް އެއްޗެއްގެ ވާހަކައާއިގެން ސޫރަތެއް ބާވާލައްވައިފާނެތީ، މުނާފިގުން ޖެހެލުންވެ ތިބެއެވެ. ކަލޭގެފާނު (އެބަހީ މުހައްމަދުގެފާނު) ވިދާޅުވާށެވެ! ކަލޭމެން (މުނާފިގުން) ފުރައްސާރަކުރަމުން ގެންދާށެވެ! ހަމަކަށަވަރުން ކަލޭމެން (މުނާފިގުން ފަޅާއަރާފާނެތީ) ޖެހިލުންވެ ތިބޭ ކަންތައްތައް މާތްރަސްކަލާނގެ (އެންމެންގެ ތެރެއަށް) ނެރުއްވައި (ހާމަ ކުރައްވާނެ) އެވެ. (64) (އެމީހުންގެ ފުރައްސާރައާއި މަލާމަތް ކުރުމާ ބެހޭ ގޮތުން) އެމީހުންނާ ކަލޭގެފާނު ސުއާލުކުރައްވައިފިި ނަމަ، އެމީހުން ބުނާނެއެވެ. ހުސްއަނގަތަޅައި މަޖާކޮށްލުމުގައި އަހަރުމެން އުޅެލީއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން (އަނގަތަޅައި މަޖާކޮށް) ފުރައްސާރައާއި މަލާމަތްކޮށް ތި ހަދަނީ މާތްރަސްކަލާނގެއަށާއި އެކަލާނގެ އާޔަތްތަކަށާއި އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ (65) ކަލޭމެން (މުނާފިގުން، ތިޔަފަދައިން ގަސްދުގައި ފުރައްސާރަ ކޮށްފައި) ދެން، މާފަށް އެދޭން ނޫޅޭށެވެ. ކަލޭމެންގެ އީމާންކަން (ބޭރުފުށުން ދައްކާލުމަށް) ފަހު، ހަމަކަށަވަރުން، ކަލޭމެން ކާފިރުވެއްޖެއެވެ. ކަލޭމެންގެ ތެރެއިން ބަޔަކަށް މާތްރަސްކަލާނގެ އަފޫކުރެއްވިޔަސް އަނެއް ބަޔަކަށް އެކަލާނގެ އަޒާބުދެއްވާނެއެވެ. އެހެނީ އެމީހުން ކުށްކުރާ ބައެއްގެ ގޮތުގައި ދެމިތިބީމައެވެ. (66) މުނާފިގު ފިރިހެނުންނާއި މުނާފިގު އަންހެނުން އެއްބަޔަކު އަނެއް ބަޔަކާ އެކުގައި ވެއެވެ. މުންކަރާތްތައް ކުރުމަށް ހިތްވަރުދީ އަމުރުކޮށް، ހެޔޮކަންތައް ކުރުން މަނާކޮށް ހުއްޓުވަން އެ މުނާފުގު އެންމެން އުޅެއެވެ. އަދި، (އެމީހުންގެ ދަހިވެތިކަމުން) އެމީހުންގެ މުއްތަށްކަވައި ބާރުކޮށް ހިފަހައްޓައެވެ. މާތްރަސްކަލާނގެ މަތިން އެމީހުން ހަނދާންނައްތައިލިއެވެ. އަދި އެހެންވެ، މާތްރަސްކަލާނގެ ވެސް އެމީހުންގެ މަތިން ހަނދާން ނައްތާލެއްވިއެވެ. ހަމަކަށަވަރުން މުނާފިގުންނަކީ (ނުބައި އަމަލުތައްކުރާ) ފާސިގުންނެވެ. (67) މުނާފިގު ފިރިހެނުންނާއި މުނާފިގު އަންހެނުންނާއި އަދި ކާފިރުވެއްޖެ މީސްތަކުންނަށް ނަރަކައިގެ އަލިފާން އޮތް ކަމުގެ ވައުދު މާތްރަސްކަލާނގެ ދެއްވައެވެ. އެތާނގައި އެއެންމެން ވެސް ދެމި ތިބޭނެއެވެ. އެމީހުންނަށް އޮތް ގޮތަކީ އެއެވެ. މާތްރަސްކަލާނގެ އެމީހުންނަށް ލައުނަތް ލައްވައި (އެކަލާނގެ ރަހުމަތުން ބޭރުކުރެއްވި)އެވެ. އަދި، ދެމިހުންނަނިވި އަޒާބެއް އެމީހުންނަށް ވެއެވެ. (68)

މިއާޔަތްތަކުގައި އިޝާރަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ ދުވަސްވަރު، މުސްލިމުންނަށް ހެދިގެން އުޅުނު ބަޔަކަށެވެ. މުސްލިމުންނަށް ހެދިގެން، މާތްރަސްކަލާނގެއަށާއި އެކަލާނގެ ފޮތަށާއި އެކަލާނގެ ރަސޫލާއަށް ޖެއްސުމުގެ ބަސްތައް ބުނެ، ފުރައްސާރަކޮށް މަލާމަތްކޮށް އުޅުނު ބަޔަކަށެވެ. އެމީހުންގެ ހަގީގަތް ފާޅުކުރައްވާނެ ކަމާއި، ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވެސް އެމީހުން ނިކަމެތިކުރައްވާނޭ ކަމުގެ އިންޒާރުގެ ވާހަކަވެސް މިއާޔަތްތަކުގައި ވެއެވެ.

ދެފުށް ދެގޮތް މުނާފިގުންނަކީ ހުރިހާ ޒަމާނެއްގައި ވެސް އަދި ހުރިހާ ތަނެއްގައި ވެސް އުޅޭ ބަޔެކެވެ. ޚާއްސަކޮށް، އިސްލާމީ ޝިއާރުތައް ފާހަގަކުރެވޭ ދުވަސްވަރުވަރު މިކަން އިތުރުވެގެން ދެއެވެ. މިއީ ރޯދަމަސް ކަމަށް ވުމުން، މިމައްސަރުގައި ނިފާގުގެ މިފަދަ އަމަލުތައް އިތުރުވެގެން ދާތަން ފެނިދާނެއެވެ. ރޯދައިގެ ކަންކަމާ ގުޅުވައިގެން ހަޖޫކިޔުމެވެ. އެކަމުން ސިއްހީ ގެއްލުން ލިބެއޭ ކިޔައި ވެސް އެފަދަ މުނާފިގުން ވާހަކަ ދައްކަފާނެއެވެ. ރޯދައަކީ އެކަމަށް ކެރިކުޅަދާނަވެގެންވާ މީހުން ކުރަން އޮންނަ އަޅުކަމެއް ކަމަށް ކަނޑައެޅިފައި އޮންނަ އިރުވެސް މެއެވެ. ރޯދަ ނުހިފައި ދޫކޮށްލުން ހުއްދަ ކުރާ އެކިއެކި އުޒުރުތައް ހުރެއެވެ. ދަތުރުވެރިއަކަން ވުން ނުވަތަ ބަލިވުމެވެ. އަދި، މިނޫނަސް ރޯދަ ހިފުން އެއީ ބުރަކަމެއް ކަމަށް ހަދާލާ ކަންކަމެވެ. ބަގަރާ ސޫރަތުގެ 183ވަނަ އާޔަތް ބަލާލުމުން މިކަން އެނގޭނެއެވެ.

އަޅުކަމުގެ ޝިއާރުތަކަށް މަލާމަތްކޮށް ހަޖޫކިޔުމުގެ އިތުރުން، ކީރިތި ރަސޫލާގެ ޝަޚްސިއްޔަތަށް ރައްދުވާ ގޮތަށް ހަޖޫކިޔައި ވާހަކަދެއްކުން ވެސް މިފަދަ ދުވަސްވަރުގެ ނިފާގުގެ އަމަލުތަކުގައި ހިމެނެއެވެ. އެކަލޭގެފާނަކީ ކުޑަކުދިން ފަހަތުން އުޅުއްވާ، ކުޑަކުދިންނާ ބެހޭ ބޭކަލެއްކަން ނުސީދާ ގޮތެއްގައި ބުނެއެވެ. ފަންސާހުން މަތީ ފިރިހެނަކު ކައިވެނި ކުރަން އެންމެ އެކަށީގެންވާ އަންހެނާގެ އުމުރަކީ ކޮބައިހޭ ކިޔައި ސުއާލުކުރެއެވެ. މި އިޝާރަތްކުރާ މައްސަލައިގެ މައްޗަށް ތަންކޮޅެއް ކުރިން ތަފްސީލީ ގޮތެއްގައި ބަލައިލީމެވެ. ކީރިތި ރަސޫލާ އައިސްތުގެފާނާ ކައިވެނި ބެއްލެވިއިރު، އެކަމަނާގެ އުމުރުފުޅާ ބެހޭ ގޮތުން ދެ ރިވާޔަތެއް އޮންނަކަމާއި އެއް ރިވާޔަތެއްގައި ދިހަ އަހަރުފުޅަށް ވުރެ ހަގު ކަމާއި އަނެއް ރިވާޔަތެއްގައި 18 އަހަރުފުޅަށް ވުރެ ހަގު ނުވާނޭކަން އެނގެން އޮވެއެވެ. އެއްބަޔަކު އަޑު އަހަނީ، ނުވަތަ އަޑުއަހަން ބޭނުން ވަނީ މީގެ ތެރެއިން ފުރަތަމަ ރިވާޔަތެވެ. މި މައްސަލަ އިތުރަށް ބަލާލަން ވެއްޖެނަމަ އެކަމާ ބެހޭ ލިޔުންތައް ފޯރުކޮށްދެވިދާނެއެވެ. ނަމަވެސް، މިފާޑުގެ މަލާމަތް ކުރުމުގެ ބޭނުމަކީ ހައްގު ހޯދުމެއް ނޫނެވެ. އޭގެ މައިގަނޑު މަގުސަދަކީ މަލާމަތްކޮށް ފުރައްސާރަކުރުމެވެ.

މިފަދައިން މަލާމާތްކޮަށް ފުރައްސާރަކުރުމުގެ ވާހަކަދައްކާ މީހުން އެކަމުގެ ބަހަނާއަކަށް ބުނާނޭ ވާހަކަ މި އާޔަތްތަކުގައި ލިޔެވިފައި އެ އޮތީއެވެ. "މިއީ މަޖަލަކަށް ކުރާ ކަމެކެވެ." އެއަށް އޮތް ރައްދުވެސް އެ އާޔަތްތަކުގައި އެއޮތީ ފެންނާށެވެ. "ކަލޭމެން ހަޖޫ ކިޔަނީ މާތްރަސްކަލާނގެއަށް ހެއްޔެވެ؟ ނޫނީ އެކަލާނގެ ފޮތްތަކަށް ހެއްޔެވެ؟ ނޫނީ އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ ކޮންމެހެން ބަހަނާއެއް ދައްކައި އުޒުރުދައްކަން އުޅޭނޭ ކަމެއް ނެތެވެ!"

މި އާޔަތްތަކުން މުއުމިނުންނަށް އޮތް ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ފުރަތަމަ ފިލާވަޅަކީ މިފަދަ މުނާފިގު ފިރިހެނުންނާއި އަންހެނުން ހުރިހާ ޒަމާނެއްގައިވެސް އަދި ހުރިހާ ތަނެއްގައި ވެސް އުޅޭނޭކަން ދެނެގަތުމެވެ. އާދެ، މިއީ އާކަމެއް ނޫންކަން ދެނެގަތުމެވެ. ދެވަނަ ކަމަކީ، މިކަން ހިތުގެ އަޑިން ކުށްވެރިކޮށް، ހިތުން އިންކާރުކުރުމެވެ. އަދި، އެފަދަ އަމަލުތަކާއި ދުރުވުމެވެ. އެފަދަ އަމަލުތަކުގައި ބައިވެރި ނުވުމެވެ. ހަޖޫ ކިޔައި މަޖާކުރާނޭ މައިދާންތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި މާތްރަސްކަލާނގެއާއި އެކަލާނގެ ފޮތްތަކާއި އެކަލާނގެ ރަސޫލާ ނުހިމެނެއެވެ. ތިންވަނަ ކަމަކީ، ހިތުގެ އަޑިން އެކަން އިންކާރުކުރުމަށް ފަހު، އެކަމާ އަޅާ ނުލުމެވެ. ނިފާގުގެ މިފަދަ ވާހަކަތައް ދައްކާ މީހުންގެ އެއް ބޭނުމަކީ މީސްތަކުންގެ ސަމާލުކަން ހޯދުމެވެ. މީސްތަކުން ހިލުވާލުމެވެ. އެފަދަ ވާހަކަތަކަށް ޖަވާބުދޭނޭ ބަޔަކު ހޯދައި އެމީހުންގެ ރައްދު ފިއުލު ދެކި އެކަމަށް ވެސް މަލާމަތްކުރުމެވެ. އެހެންވެ، އެފަދަ ނިފާގުގެ ވާހަކަތަކަށް ދޭން އޮތް އެންމެ ރަނގަޅު ރައްދަކީ އެކަމާ އަޅާނުލުމެވެ. އަދި، އެކަމުގެ ރައްދުދިނުން މާތްރަސްކަލާނގެ ކިބަފުޅަށް ދޫކޮށްލުމެވެ. ނިފާގުގެ އަމަލުތަކުން، އެކަން ކުރާ މީހުން ދުރު ނުވެއްޖެ ނަމަ، އެކަމުގެ ހައްގު ޖަޒާ އެމީހުންނަށް ދޭނީ އެހެން މީހުންނެއް ނޫނެވެ. އެކަމުގެ ހައްގު ޖަޒާ ދޭނީ ކާކުކަމާއި އެ ޖަޒާއަކީ ކޮބައިކަން ވެސް މިއާޔަތްތަކުގައި ބަޔާންކޮށްފައި އެބަ އޮތް ނޫން ހެއްޔެވެ؟ އެހެންވެ، މުއުމިނުން، އެކަމަށް އެއްވެސް ރައްދެއް ދޭކަށް ނުޖެހެއެވެ.