Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މި ރޯދަމަހަކީ 29 މަހެކެވެ!

އަންނަ ފިޠްރު ޢީދު ދުވަހަކީ ކޮބައިތޯ ދެނެގަތުމުގައި ފަލަކީ ޙިސާބުން ބަލާއިރު އޭޕްރީލް 21 ވާ ހުކުރު ދުވަހަކީ، އަންނަ ޝައްވާލު މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ފަލަކީ ޙިސާބުން ކަށަވަރުކަމާއެކު ދައްކައެވެ.

މުޅި އިސްލާމީ ދުނިޔެއަށް ވެސް، މި އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އިރު އޮއްސުމުގެ ކުރީގައި ހަނދު އޮއްސޭ އެއްވެސް އިސްލާމީ ގައުމެއް ނެތްކަން ވެސް ފަލަކީ ޙިސާބަށް އެނގި ކަށަވަރު ވެއެވެ.

އިސްލާމީ ދުނިޔެއަށް އޭޕްރީލްމަހުގެ 20 ވަނަ ދުވަހު ހަނދާއި އިރު އޮއްސުމުގައި ހުރި ތަފާތަށް ފަލަކީގޮތުން ބަލާއިރު ދުނިޔޭގެ އެންމެ އިރުމައްޗަށް އޮންނަ އިސްލާމީ ދައުލަތް ކަމުގައިވާ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއަށް އެދުވަހު ހަނދު އޮއްސެނީ އިރަށްވުރެ ނުވަ މިނެޓް ފަހުންނެވެ. ދުބާއީއަށް ހަނދު އޮއްސެނީ އިރަށްވުރެ 21 މިނެޓް ފަހުންނެވެ. މާތްވެގެންވާ މައްކާއަށް ހަނދު އޮއްސެނީ އިރަށްވުރެ 23 މިނެޓް ފަހުންނެވެ. ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ހަނދު އޮއްސެނީ އިރަށްވުރެ 24 މިނެޓް ފަހުންނެވެ. މިޞްރުގެ ވެރިރަށް ޤަހިރާއަށް ހަނދު އޮއްސެނީ އިރަށްވުރެ 27 މިނެޓް ފަހުންނެވެ. މޮރޮކޯގެ ވެރިރަށް ކަސަބުލަންކާއަށް ހަނދު އޮއްސެނީ އިރަށްވުރެ 35 މިނެޓް ފަހުންނެވެ. ސެނަގޯލްގެ ޑާކާރަށް ހަނދު އޮއްސެނީ އިރަށްވުރެ 31 މިނެޓް ފަހުންނެވެ.

ދިވެހިރާއްޖޭގެ ފުރަމާލެއަށް ހަނދު އޮއްސެނީ އިރަށްވުރެ 15 މިނެޓް ފަހުންނެވެ. އައްޑޫ ގަމަށް ހަނދު އޮއްސެނީ އިރަށްވުރެ 15 މިނެޓް ފަހުންނެވެ. އިހަވަންދިއްޕޮޅު ތުރާކުނަށް ހަނދު އޮއްސެނީ އިރަށްވުރެ 16 ފަހުންނެވެ. ތިލަދުންމަތީ މަކުނުދޫއަށް ހަނދު އޮއްސެނީ އިރަށްވުރެ 16 މިނެޓް ފަހުންނެވެ.

އެހެންކަމުން އިސްލާމީ ހުރިހައި ގައުމަކަށް ވެސް މި އޭޕްރީލްމަހުގެ 20 ވަނަ ދުވަހަކީ މި ރޯދަމަހުގެ އެންމެ ފަހު ދުވަސްކަމުގައިވެ 21 އޭޕްރީލަކީ އަންނަ ފިޠްރު ޢީދު ދުވަސްކަމުގައި ވާނެކަމާމެދަކު ފަލަކީ ގޮތުން ޝައްކެއް ކުރާނެ އެއްވެސް ޖަގައެއް ނެތެވެ.