Support Us

ކޮލަމް ކޯދު: ރޯދަމަހުގެ ވާހަކަ- ބައްޕަގެ ހަނދާންކޮށްލަދިނުމެއް

އެއްދުވަހަކު އަހުމަދު، އޭނާގެ ބައްޕައާ އަދި ބައްޕަގެ ރަހުމަތްތެރިންނާއެކު، ދަތުރަކު ދިޔައެވެ. ދަތުރުގައި ރޭގަނޑު ދަންވަންދެން ހޭލައި ތިބެފައި، ދެން އެއަށްފަހު، ނިދައިފައި، ފަތިސް ނަމާދަށް ހޭލެވުނީ އަހުމަދަށާއި އޭނާގެ ބައްޕައަށާއި ދެބަފައިންނަށް އެކަންޏެވެ. ނަމާދު ނިމިގެން އަހުމަދު، އޭނާގެ ބައްޕަ ގާތު ބުންޏެވެ.

"ދަތުރު އައިސް މިއުޅޭ އެކަކުވެސް ނަމާދަކަށް ނުހޭލައެވެ. އެއީ މާ ރަނގަޅު ބައެއް ނޫންތާއެވެ!"

މިހެން ކިޔައި އެމީހުންނަށް ނުރުހުމުގެ ބަސްތައް އަހުމަދުގެ ދުލުން ބޭރުކޮށްލިއެވެ. ދެން، އަހުމަދުގެ ބައްޕަ ޖަވާބުގައި ބުންޏެވެ.

"ތިޔަހެން މީހުންނާ ދިމާއަށް އެއްޗެހި ކިޔާކަށް ނުވާނެއެވެ. ދަރިފުޅު ހެޔޮ ކަމެއް ކުރުމަކުން، އެހެން މީހުންގެ މައްޗަށް ބޮޑާވެގަނެ އެމީހުންނާ ދިމާއަށް ބަދުބަސް ބުނުމުގެ ހައްގެއް ދަރިފުޅަކަށް ނުލިބެއެވެ. އެ މީހުން ވެސް ތެދުވާނެއެވެ. ތެދުވެގެން ނަމާދު ވެސް ކުރާނެއެވެ. އަހަރުމެން، ކޮންމެހެން ވެސް، ހަނދާންކުރަންޖެހޭ ވަރަށް ވެސް މުހިއްމު ކަމެއް މަތިން ބައެއް ފަހަރު ހަނދާންނެތެވެ. އިންސާނާގެ ހިތަކީ ދާދި އަވަހަށް ބަދަލުވާ އެއްޗެކެވެ. ހެޔޮ ގޮތުގައި މިއަދު ހުންނަ މީހާ، އޭނާއަށް ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން، މާދަމާ އެހެން ގޮތަކަށް އެނބުރިދާ ގޮތް ވެދާނެއެވެ. ނުރަނގަޅު މަގެއްގައި ހުންނަ މީހާ، ހެޔޮ މަގަށް އެނބުރުން އޮންނަނީ ވެސް ދާދި ކައިރީގައެވެ.

"މިކަމަށް އިޝާރަތްކޮށް އޮންނަ ހަދީސެއް އޮވޭ ނޫން ހެއްޔެވެ؟ އިންސާނާގެ ހިތް އޮންނަނީ މާތްރަސްކަލާނގެ ބާރުގެ ދަށުގައި ކަމުގައި ބުނެފައި އޮންނަ ހަދީސެވެ. އޭނާގެ ހިތް އެގޮތް މި ގޮތަށް ބަދަލުވާން އިރާދަފުޅުކުރެއްވުމުގެ ކުޅަދާނަކަށް އެކަލާނގެއަށް ލިބިވޮޑިގެންވާ ވާހަކަ އެ ހަދީސްއިން ދޭހަވޭ ނޫން ހެއްޔެވެ؟ މީގެ މާނައަކީ މީހުން، ވަކި ގޮތެއް ޚިޔާރުކުރުމަށް ނުނީ ނުކުރުމަށް، މާތްރަސްކަލާނގެ މަޖުބޫރުކުރައްވަނީކީ ނޫނެވެ. ނަމަވެސް، އެ ހަދީސްގައި އެ ބުނަނީ، މީސްމީހުންނާ އެކިއެކި ސަބަބުތައް ކުރިމަތިވުމުން، އެ މީސްމީހުން އެކި ގޮތްގޮތަށް ބަދަލުވާން ނިންމުމުން، އެކަން އެގޮތަށް ވުމަށް އެކަލާނގެ ދޫކޮށްލައްވަވާ ވާހަކައެވެ. މީގެ އިތުރުން، މީސްމީހުން، ހެޔޮ ގޮތް ޚިޔާރު ކުރުމާއި ނުކުރުން، އެއީ އެހެން މީހެއްގެ ބާރުގައި އޮންނަ ކަމެއް ނޫންކަން އަންގައިދިނުމުގެ ގޮތުން، އެކަން އޮންނަނީ މާތްﷲގެ ބާރުފުޅުގެ ދަށުގައޭ ވެސް ހަދީސްގައި ބުނެފައިވަނީއެވެ."

އަހުމަދު ގާތު، އަދިވެސް ބައްޕަ ބުންޏެވެ. "މީހަކު ކުށެއް ކުރާހާ ފަަހަރަކު، ނުވަތަ ދީނީ ވާޖިބެއް އަދާ ނުކުރެވޭ ކަމަށް ތިމާއަށް ފެންނަ ތަނުން، ވަގުތުން، އެ މީހާއާ ދިމާއަށް، ސީދާކޮށް ވިޔަސް ނުވަތަ ނުސީދާކޮށް ވިޔަސް، ފާޅުގައި އެއްޗެހި ކިޔަނީ ކަމަށް ދޭހަވާ ގޮތަށް އެއްޗެއް ބުނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި، އެއީ އިސްލާމީ ރިވެތި އަޚުލާގީ އަދަބުތަކާ ފުށުއަރާ ކަމެއް ވެސް މެއެވެ. ކޮންމެ މީހަކުވެސް، މާތްރަސްކަލާނގެ ވޮޑިގެންވާ ކަމަށް އީމާންވުމަށް ފަހު، އޭނާ އެވަނީ ރޫހާނިއްޔަތުގެ މަގުގައެވެ. ނަފްސު ތާހިރުކޮށް އިސްލާހުވުމުގެ މަގުގައެވެ. އެމަގުގައި އެކި މީހުން ތިބެނީ އެކި ހިސާބުގައެވެ. އެއްބަޔަކު ކުރީގައެވެ. އަނެއް ބަޔަކު ތަންކޮޅެއް ފަހަތުގައެވެ. ނަމަވެސް، އެންމެން ވެސް ދަތުރުކުރަމުން އެދަނީ އިސްލާހުވުން އަމާޒުފަތްގަނޑަކަށް ހަދައިގެންނެވެ. އެހެންވެ، އުސޫލެއްގެ ގޮތުން، އޭނާގެ ނަފްސު އިސްލާހުކުރުމުގެ މަގުގައި އެމީހަކު ހުރި ހިސާބެއްގައި ހުރެ، އޭނާގެ އަމިއްލަ އިސްޕީޑުގައި، ބާރު މިނުގައި، ދަތުރުކުރަން ދޫކޮށްލުން ރަނގަޅު ކަމަށް ބައްޕައަށް ފެނެއެވެ. މިފަދަ ކަންކަމުގައި، އެއްވެސް ސިފައެއްގައި، މަޖުބޫރީ ގޮތް ދައްކައި، ތިމާ ދެކޭ ގޮތް އެހެން މީހުންގެ މައްޗަށް ފާކުރަން އުޅެއްޖެ ނަމަ، ހެޔޮލަފާ މީހުން އުފެދުމަށްވުރެ ގާތީ މުނާފިގުން އުފެދުމެވެ. މީހަކަށް ނަސޭހަތް ދޭން އެދޭ ނަމަ، ވަކިން، އެހެން އެއްވެސް މީހަކަށް ނޭނގޭ ގޮތުގައި އެމީހަކަށް ނަސޭހަތްދޭށެވެ!

"ދަރިފުޅަށް ތެދު މަގުގައި ހުރެވުނީތީ އެކަމަށް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް ޝުކުރު ކުރާށެވެ. އަދި އެ މަގުގައި ދެމި ހުރެވޭތޯ މަސައްކަތް ކުރާށެވެ. ދަރިފުޅު ސުވަރުގެ ދިޔުން ބިނާވަނީ ދަރިފުޅުގެ ހެޔޮ އަމަލުތަކުގެ މައްޗަށެވެ. އެހެން މީހުންގެ ހެޔޮ އަމަލުތަކުގެ މައްޗަކަށް ނޫނެވެ. އަދި، ދަރިފުޅު ސުވަރުގެ ދިޔުމަށްޓަކައި އެހެން މީސްމީހުން ނަރަކައަށްލާކަށް ވެސް ނުޖެހެެއެވެ. އެ ކަންކަމަކީ ދަރިފުޅުގެ އަތްމަތީ އޮންނަ ކަންކަމެއް ނޫނެވެ. އެ ކަންކަން އޮންނަނީ މާތްރަސްކަލާނގެ އިރާދަފުޅުގެ މަތީގައެވެ. އެހެން މީހުން އެ ކަންކަމަށް އެދި، އެކަންކަން ކުރުމުގެ މަތީގައެވެ. އެހެންވެ، ދަރިފުޅަށް ހެޔޮކަމެއް ކުރެވުމުން، އެހެން މީހުން އެކަން ނުކުރާކަން ފާހަގަކުރަން އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެން އެނގެނީ އަމިއްލައަށް ތިމާ ސޯލިހުވެ، އަމިއްލައަށް ތިމާއީ މާ ބޮޑު ތަގުވާވެރިއަކަށްވާން އުޅޭ ކަމެވެ. އެހެންވެ، ހެޔޮކަމެއް ކޮށްފައި، އެކަން ކުރެވުނު ކަމަށްޓަކައި ހަމްދުކޮށް ޝުކުރުކުރާށެވެ. އެހެން މީހުން އެކަން ނުކުރާ ވާހަކަ ދައްކަން ނޫޅޭށެވެ!"