Support Us

އަޅެމީ ދޮގެއްތޯ؟

މުއްސަނދިކަމުން ނަންވިދާ، އަވަށުގެ ބޮޑު މީހެއް
މުށްބާރު މީހަކަށްވުން، ރަނގަޅެއް ނުވާނެޔޭ!

އަނބިމީހާ ކާނެ ބޯނެ، ފަދަ އެއްއަތުގައި ނެތަސް
ދެވަނަ އަނތްބަކު ހޯދުން، ރަނގަޅެއް ނުވާނެޔޭ!

ސާބިތުނުހިފޭ ވާހަކަ، ތަންތާނގައި ދެއްކުން
ސާހިބަކު ވިދާޅުވިޔަސް، ރަނގަޅެއް ނުވާނެޔޭ!

އަޑުގަދަ މޮޅު ތިލޭރަކު، ދަހިވެތިކަމުންވިޔަސް
ގަޑުބަޑުކުރުން ރަނާރިހި، ރަނގަޅެއް ނުވާނެޔޭ!

ހެޔޮކަމާއި ދީލަތިކަން ބޮޑު މީހަކަށްވިޔަސް
ތެޔޮނާށި ކާޅުގެންދަން، ވަގުތެއް ނުދޭނެޔޭ!

ދޯދޯމަގުން އިވޭ އެކި ވާހަކަތަކެއް އަހައި
ތޯތޯމަގުން އެފަތުރަން އުޅެގެން ނުވާނެޔޭ!

ފާނޫޒެއް ދިއްލުންވެސް، ޙަމަލައިގެ ވަގުތުގައި
ޤާނޫނަކުން މަނާނަމަ، ކޮށްގެން ނުވާނެޔޭ!

ޔޯގާ ހަދަން ފަށާއިރު، ވިސްނަންޖެހޭނެޔޭ
ބޯބަރުވެގެން ފަހުންބޭސް، ކައިގެން ނުވާނެޔޭ!

ޒީނަތުގެ ދުލިގަނޑެއްގައި، ތަރިބާލަދޭން އުޅޭއިރު
ޙީލަތުގެ ވިހަ މަޅީގައި، ޖެހިގެން ނުވާނެޔޭ!

ކޮއްތުލައި ބަރާކޮށް، އޮޑިއަށް ބޯފެނާ ދަރާ
ބޮއްކުރާ ދޮށަށް ކެނބުން، ރީއްޗެއް ނުވާނެޔޭ!

އުލްފަތުގެ ގުލްޝަނަށް ވަދެ، ބުލްބުލް އުދުހިއުޅޭ
މިލްޖުލްވެ ލަވަކިޔާއަޑު، ނާހައި ނުވާނެޔޭ!

ދުވާރު އޮންނަ މަގެއްގައި މަގު މެދުން ހިނގާނަމަ
ދުވާލަކަސް ރޭގަނޑަކަސް ދެރައެއް ވެދާނެޔޭ!

ނުރައްޓެއްސަކަސްވެސް، ރައްޓެއްސަކަސްވެސް
ފުރައްސާރަކޮށް އުޅުން، ރަނގަޅެއް ނުވާނެޔޭ!

މީހެއްގެ އެކަނި ގޯސްފަޅި، ބުނެދީފައި ނުނިންމާ
އޭނާގެ ރަނގަޅު ފަޅިވެސް، ބުނެދޭން ޖެހޭނެޔޭ!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *