...

Support Us

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ހާފިޒު، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ގުނޫތު ދުޢާ ވިދާޅުވަނީ.. -އަދިވެސް ފޮޓޯ

ޑރ. ޝަހީމުގެ އަސަރުގަދަ ޤުނޫތު ދުޢާގެ ވާހަކަ

ހުޅުމާލޭ މަސްޖިދު ރަޝީދު އޮތީ ފުރި ތޮއްޖެހިފައެވެ؛ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއަކަށް ވާތީ އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ؟ ރަމަޟާން މަހުގެ 25 ވިލޭރޭގެ ދަމުނަމާދުގައި، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ހާފިޒު، ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ހިތްފަސޭހަ ކިޔަވާ ވިދާޅުވުމާއި އަސަރުން ފުރިގެންވާ ޤުނޫތު ދުޢާގައި ބައިވެރިވުމަށް ވެސް މެއެވެ.

ކުރީގެ އިސްލާމިކް އެފެއާޒު މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީމު، 46، މި އަހަރުގެ ރަމަޟާން މަހު ތަރާވީހު ނަމާދު ކުރައްވަނީވެސް މިދިޔަ އަހަރު ހުޅުވި ތިން ބުރީގެ، ހިތްގައިމު، މަސްޖިދު ރަޝީދުގައެވެ. (އެއީ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، އާރް.ސީ.ސީގެ ބާނީގެ ނަންފުޅުގައި އެ އާއިލާއިން ބިނާކުރި އެންމެ ޒަމާނީ ފެންވަރުގެ މިސްކިތެކެވެ.)

މިއީ 12 އަހަރަށްފަހު ޑރ. ޝަހީމު އިމާމުވެ ތަރާވީހު ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، އެ މަނިކުފާނު މިނިސްޓަރުކަމުގައި ހުންނެވި އިރުވެސް، އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރެއްވިއެވެ.

ކުރިއާއި މިހާރުގެ މިނިސްޓަރުންގެ ތެރެއިން ވެސް އިމާމުވެ ތަރާވީހު ނަމާދާއި ދަމުނަމާދު ކުރައްވާ އެހެން ބޭފުޅެއް ޑރ. ޝަހީމު ފިޔަވައި ނެތެވެ.

"މި ފަހަރު ދެން ވަރަށް އަޒުމާއެކު އިމާމްކަން ކުރަން ނިންމީ، މައިގަނޑު ބޭނުމަކީ ގުރުއާން މުރާޖައާ ކުރުން،" ރޭގެ ދަމު ނަމާދަށްފަހު "އަދިވެސް" އާ ވާހަކަ ދައްކަވަމުން ޑރ. ޝަހީމު ވިދާޅުވިއެވެ. "ހިޔެއްނުކުރަން ހަޔާތުގައި ދެން މިދުވަސް އަތުވެދާނެ ކަމަކަށް. އެހެންވެ ވަރަށް އުފާވި."

ޑރ. ޝަހީމު ވިދާޅުވީ ގުނޫތުގައި އޭނާ ވިދާޅުވާ ދުއާ އަކީ ސުންނަތުން ސާބިތުވާ އެކިއެކި ދުއާތައް ކަމަށާއި އަދި އެއީ މާތްވެގެންވާ ދެ ހަރަމްފުޅުގައި ވެސް ކިޔާ ދުއާތައް ކަމަށެވެ.

ގއ. މާމެންދުއަށް އުފަން ޑރ. ޝަހީމު ގުރުއާން ހިތުދަސްކުރެއްވީ ޕާކިސްތާނުގައި ކިޔަވާވިދާޅުވާން ހުންނެވިއިރު، އުމުރުން 15 އަހަރުގައެވެ. ގުރުއާން ހިތުދަސްކުރެއްވީ 15 މަހުންނެވެ. އެ މަނިކުފާނު ގުނޫތު ދުއާ ހިތުދަސް ދަސްކުރެއްވީ 2001 އިން 2004 އަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވާން ހުންނެވި އިރުއެވެ.

ޑރ. ޝަހީމު ކުރައްވާ ތަރާވީހު ނަމާދާއި ދަމުނަމާދުގައި ބައިވެރިވުމަށް މަސްޖިދު ރަޝީދަށް ދަނީ ހަމައެކަނި ހުޅުމާލޭގައި ދިރިއުޅޭ މީހުން އެކަންޏެއް ނޫނެވެ. މާލެއިން ވެސް އެތައް ބަޔަކު ކޮންމެ ރެއަކުހެން އެ މިސްކިތަށް ދެއެވެ. އަދި ބޭރުގެ ބައެއް ޤާރީން ވެސް ކިޔަވާ ވިދާޅުވާ ހުޅުމާލޭގެ ބައެއް މިސްކިތްތަކަށް ކުރިން ދިޔަ އެތައް ބަޔަކު، ޑރ. ޝަހީމު ކިޔަވާވިދާޅުވާ އަޑު އަހާލުމަށް މަސްޖިދު ރަޝީދަށް މިހާރު ދެއެވެ. ވަކިން ޚާއްސަކޮށް ދަމުނަމާދަށެވެ.

ޕާކިސްތާނުގެ ޤާރީއެއް އިމާމުވެ ތަރާވީހު ނަމާދާއި ދަމުނަމާދު ކުރާ ހުޅުމާލޭ މިސްކިތަކަށް މިހާތަނަށް ދިޔަ ނާޒި ބުނި ގޮތުގައި އޭނާ ރޭ މަސްޖިދު ރަޝީދަށް ދިޔައީ ޑރ. ޝަހީމު ކިޔަވާވިދާޅުވާ އަޑު އަހާލުމަށް، އާއިލީ މީހެއްގެ ދައުވަތަކަށެވެ.

"ހާދަ ރީއްޗޭ ޑރ. ޝަހީމު ކިޔަވާވިދާޅުވިލެއް. އަނެއްކާ އެހާ އަސަރު ގަދަ ގުނޫތު ދުޢާއެއް މީގެ ކުރިއަކުން ނާހަން،" އޭނާ ބުނެލިއެވެ. "އެހެން ތަންތަނުގެ ދުއާ ވަރަށް ކުރު. ޑރ. ޝަހީމު ވިދާޅުވި ދުޢާ 10 މިނިޓަށް ވުރެ ވެސް ދިގު. މުސްލިމުންނަށް ކާމިޔާބީއަށް އެދި އަދި އަލް މަސްޖިދުލް އަގުސާގެ ވާހަކަ އައިސް އެންމެ އަސަރު ގަދަވި ހިސާބަށް ދިޔަތަނާ ދުޢާ ނިންމަވާލެއްވީ."

މި ގޮތަށް މި ވާހަކަ ދައްކާ އެތައް ބަޔަކު ތިއްބެވެ.

މި ވާހަކަތައް ދެއްކުމުން، ހީވާ ގޮތުން، ތިބާ ވެސް މިހާރު ކެތް މަދުވެފައި ތި އިނީ، ޑރ. ޝަހީމުގެ އަސަރުގަދަ ޤުނޫތު ދުޢާ އަޑުއަހާލާށެވެ. އެހެންވެ އެކަމަށް ހުރަސްއަޅާކަށް ނެތީމެވެ. އަޑު އަހާލާށެވެ. ގިނަގިނައިން އަޑު އަހާށެވެ. ހިތުން ވެސް ދަސްކޮށްލާށެވެ.

މި ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމަ އާއި ސަވާބާއި ޖަންނަތުލް ފިރުދައުސް، ތިބާއަށާއި އަޅަމެން އެންމެނަށް މިންވަރުކުރައްވާށިއެވެ! އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ޝުކުރިއްޔާ ޝަހީބް. އަދިވެސް ޝަހީބު ވަރެއް ނެތް. ރައްޔިތުންގެ ވިންދު އެނގޭ ނޫސްވެރިއެއް ތިޔައީ. ޑރ. ޝަހީމް ގެ ކިޔެވުމަކީ އެފަދަ ދެވަނައެއްނެތް ކިޔެވުމެއް. ވަރަށް ފުރިހަމަ. އެތައް ބަޔަކަށް ހިތްހަމަޖެހުން ގެނެސްދޭ. މި ވީޑިއޯ އަބަދަށް ފެންނަން ހުންނާނެ ގޮތަށް ޕޯސްޓް ކުރެއްވީތީ ޝުކުރިއްޔާ.

  2. މި ވީޑިއޯ ހިއްސާ ކޮއްލަދިނީތީ ވ ބޮޑަށް ޝުކުރިއްޔާ..
    ޝަހީމު ކިޔެވުން ވ ވެސް އަސަރުގަދަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.