Support Us

"ނަދުރޭ ލިބޭނެތޯ އަދި ވެސް ގޮވަގޮވައި ހުރީ"

ބިންނާނަމޭ ހިތައި އެ މަލަށް ފާރަލައި ހުރީ
އަންނާނެ ވަގުތަކަށް ވިސްނައި ބަލަބަލައި ހުރީ

ފޮޅިފައި އެ އިން އެ ގޮފިކޮޅުގައި ނަލަކަމާއެކީ
ފޮޅި އިން އެ ޝާއްބަކަން ފެނި ހިތް ކިޔަކިޔައި ހުރީ

އެކި މާބުރާ ކޮކާ އެ އުޅޭ ޒާތަކުން ހިތަށް
އެކިވަރުގެ ތީރުތައް ހެރި، ކުދިކުދިވެފައި ހުރީ

އަންނާނެ ހަމަލައެއްގެ ދިފާޢަށް ސަމާލުގައި
ފެންނާނެހެން ފިލައި ދުރުގައި، ބޮނދަބޮނދައި ހުރީ

ވަގުތެއް އެ އިންތިޒާރުގެ އަންނާނެ ނިމުމަކަށް
މަގު ރީތި ފެނި ލިބޭނެކަމަށް ހިތަހިތައި ހުރީ

ނިދުމާ އަރާމަކުން ނެތި އުފަލެއް މި ހާލުގައި
ހިނދުހިނދުކޮޅާ ހިތާ ކުޅެ ހިތްފުރަފުރައި ހުރީ

އެކިއެކި ޝުޢޫރުތައް ދިރެމުން އާވަމުން އެދާ
އެކި ގޮތްގޮތަށް ޚިޔާލުތެރޭ ނަށަނަށައި ހުރީ

މި ޚިޔާލުގައި މިހެން ހުރެ ވާ ދައުރު ރޭދުވާ
މި ހަނދާނުގައި މިހެން ހުރެގެން ގުނަގުނައި ހުރީ

އައި ނައި ތަނެއް ނުވެސް އެނގި ތޫފާނުގައި އެ މާ
ވައިގައި އެ ބާރު ގެއްލުނުތަން ބަލަބަލައި ހުރީ

ފިނިފެންމަލަށް އެ ކުރެވުނު ފޮނި އިންތިޒާރަކުން
ފިނިކަން ފިލައި އުދާސްވެ ހިތޭ އަނދައަނދައި ހުރީ

ނުދެވޭ ދުރަށް އެ ގުލްޝަނަކާ އޭގެ ހިޔަލަކާ
ނަދުރޭ ލިބޭނެތޯ އަދިވެސް ގޮވަގޮވައި ހުރީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *