Support Us

ކޮލަމް ކޯދު: ރޯދަމަހުގެ ވާހަކަ- ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުއާއެއް

މި ދުއާއަކީ އޭގެ ސިޔާގައި (ކޮންޓެކްސްޓާ) ނުލައި ވަކިން ވެސް، އެ ދުއާގެ މާނަ ދެނެގަނެވިދާނޭ ދުއާއެކެވެ. ނަމަވެސް، މި ދުއާގެ މާނަ، މި ދުއާ ވާރިދުވެފައި އޮތް ސޫރަތް ކަމުގައިވާ ބަޤަރާ ސޫރަތާ ގުޅުވާލުމުން މި ދުއާގެ މާނަ އިތުރަށް ފަހުމުވެދެ ވެއެވެ.

ބަޤަރާ ސޫރަތުގެ މާނަ ކިޔައި، އޭގެ މައްޗަށް ވިސްނާ މީހުންނަށް އެނގޭނޭ ފަދައިން، ބަޤަރާ ސޫރަތުގެ މައިނގަނޑު މައުޟޫއަކީ ހިދާޔަތުގެ ވާހަކައެވެ. އިލާހީ ތެދުމަގުގެ ވާހަކަތަކެވެ. އިލާހީ ތެދުމަގު ގަބޫލުކޮށްގެން ތިބި މީހުންގެ ސިފަތަކަކީ ކޮބައިކަމާއި، އިލާހީ ތެދުމަގުގެ ވާހަކައަކީ ދުނިޔޭގައި އިންސާނާ ލެއްވީއްސުރެން އޮތް ވާހަކައެއްކަން އެ ސޫރަތުގެ ފުރަތަމަ ސާޅީސް އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ.

އެއަށް ފަހު، ދެން އޮތް އަށްޑިހަ ވަރަކަށް އާޔަތުގައި އިލާހީ ތެދުމަގު ދެވުނު ބައެއް ކަމުގައިވާ ބަނީ އިސްރާއީލު މީހުންގެ ވާހަކަ ގެނެސްދެވިފައި ވެއެވެ. އެމީހުންގެ ތާރީޚުން ފިލާވަޅު ލިބިގަތުމަށްޓަކައެވެ. ހިތްތިތރި ކަމާއެކު، އިލާހީ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ހަނދާންކޮށް ދިނުމުގެ ގޮތުންނެވެ. އަދި، އިލާހީ ތެދުމަގުންއެމީހުންގެ ފައިތިލަ ކައްސާލައިގެން ދިޔަ ގޮތަށް. މުސްލިމުންގެ ވެސް ފައިތިލަ ކައްސާލައިގެން ނުދިޔުމަށްޓަކައެވެ.

މިއަށްފަހު، ދެން އޮތް ސަތޭކަ ވަރަކަށް އާޔަތުގައި ދީނީ އަދި މުޖުތަމައީ ހިލާހީ ހިދާޔަތުގެ ހިއްސީ ބައެއް ވާހަކަތައް ބަޤަރާ ސޫރަތުގައި ގެނެސް ދެވިފައި ވެއެވެ. އަޅުކަމާ ބެހޭ، އާދެ، ނަމާދާއި ގިބުލައާއި އުމުރާއާއި ރޯދައާއި ބެހޭ ބައެއް ވާހަކަތަކެވެ. ކައިވެންޏާއި ވަރީގެ ވާހަކަތަކެވެ. ސަދަގާތް ދިނުމާ ބެހޭ ބައެއް ވާހަކަތަކެވެ. ވިޔަފާރިއާއި ރިބާއާ ބެހޭ ބައެއް ވާހަކަތައް ވެސް މެއެވެ.

އިލާހީ ހިދާޔަތުގެ މި ވާހަކަތައް ގެނެސް ދިނުމަށް ފަހު، ބަޤަރާ ސޫރަތް ނިންމާލެވިފައިވަނީ، އާދެ، ބަގަރާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތުގެ ތެރޭގައި ހިމެނޭ މި ދުއާއިންނެވެ. މި ދުއާގައި މާތްﷲގެ ހަޟުރަތުގައި މުއުމިނާ ދަންނަވަނީ އިލާހީ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށް ދެމި ތިބުމުގެ ތައުފީގު ދެއްވުމަށެވެ. އެގޮތުގައި ދެމި ތިބުމުގެ ހެޔޮ ގޮތް މެދުވެރިކޮށްދެއްވުމަށެވެ. އެ ގޮތުގައި ދެމި ތިބުމުގެ ގޮތް ފަސޭހަކޮށް ދެއްވައި، އެކަމަށް ބޭނުންވާ ހަކަތައާއި ބާރު ދެއްވުމަށެވެ. އާދެ، ދެން ދުއާއާއި ތަރުޖަމާ ހުށަހަޅާލަމެވެ.

****

رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ.

އޭ އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން ހަނދާންނެތިގެން ނުވަތަ އޮޅިގެން، (އަޅަމެންނަށް ކުރެވޭ ކުށްތަކަށް،) އަޅަމެން ހިއްޕަވައި، (އަޅަމެންނަށް އެކަމުގެ އުގޫބާތް) ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވި ފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް (ވެސް) އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް (ކުރަންޖެހޭ ކަމެއް ނުކުރެވިއްޖެ ނަމަ، އެކަން އަޅަމެނަށް) އަފޫ ކުރައްވާނދޭވެ! އަދި، (އަޅަމެން ކޮށްގެން ނުވާނޭ ކަމެއް އަޅަމެނަށް ކުރެވިއްޖެ ނަމަ، އެކަމުން ލިބިގަތް ފާފަ) އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، (ހައްގު އެނގި، އެކަން އިންކާރުކޮށް އެކަމަށް) ކާފިރު ވެގެންވާ މީސްތަކުންގެ މައްޗަށް އަޅަމެންނަށް ކާމިޔާބު ދެއްވާނދޭވެ!