Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް

ބައެއް ފަހަރު، ކާޅު، ބާޒާގެ ބުރިކަށިމައްޗަށް އަރައި، އޭގެ ގައިގައި ކޮށައިގަނެއެވެ. ނަމަވެސް، ބާޒު އަޅައެއްނުލައެވެ. ބާޒު ކަންތައް ކުރަނީ ވަރަށް ވެސް ޝަރަފުވެރި ގޮތެއްގައެވެ. އުުދުހި މައްޗަށް އަރަނީއެވެ. ބާޒަށް އެނގޭ ގޮތުގައި ކާޅުގެ ކިބަޔަކު ބާޒު އަރާހާ މައްޗަށް އެރުމުގެ ގާބިލިއްޔަތެއް ނުހުންނާނެއެވެ. މައްޗަށް އަރަން ފަށާއިރަށް ހާސްވެ، ބިރުން، ކާޅު ވެއްޓޭނެކަން ބާޒު ދަނެއެވެ. އެހެންވެ، އުދުހިފައި، ބާޒު މައްޗަށް އަރަނީއެވެ. ދެން، މާ ގިނައިރެއް ނުވަނީސް، ކާޅު ވެއްޓެއެވެ.

މި ތަސްވީރުން ލިބިދޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ތިމާގެ ގައިގައި، ކޮށައިގަންނަ ކާޅުކާޅާ ވެސް ހަޔާތުގައި ބައެއް ފަހަރު ދިމާވެދާނެއެވެ. ނަމަވެސް، ކާޅެއް ކޮށައިގަތުމަކުން، އެއަށް ރައްދު ދޭކަށް ނުޖެހެއެވެ. ސަބަބަކީ، ކާޅަކީ އެއަށް ރައްދެއް ދޭން، އެކަށީގެންވާ އެއްޗަކަށް ނުވުމެވެ. އެހެންވީމާ، އެންމެ ބުއްދިވެރި ގޮތަކީ، ބާޒު ހެދި ގޮތަށް، ޝަރަފުވެރިކަމާއެކު، 'މައްޗަށް އުދުހި އެރުމެވެ.' އެހެން ހެދުމުން، މާގިނަ އިރުތަކެއް ނުވަނީސް، ކާޅު އަމިއްލައަށް ވެއްޓޭނެއެވެ.

އާދެ، މި ތަސްވީރު ފެނުމުން، ހަނދާނަށް އައި ވާހަކައެއް ލިޔެލާނަމެވެ. ކޮންމެވެސް ވަރެއްގެ ގުޅުމެއް އެ ވާހަކައާއި ތަސްވީރު ގުޅުން ހުރި ކަމަށް ފެންނާތީއެވެ. އެވާހަކަ ލިޔެފައިވަނީ، އަރަބި މަޝްހޫރު އަދީބެއް ކަމުގައިވާ މަރްހޫމު ތާހާ ހުސައިން އޭނަގެ ޒާތި ސިޔަރަތުގެ ބައެއް ވާހަކަތައް އެކުލެވޭ ފޮތެއް ކަމުގައިވާ 'އަލްއައްޔާމު' (ދުވަސްތައް)، މި ފޮތުގައެވެ. ފަރަންސޭސިވިލާތުގައި އޭނާ ކިޔަވަން އުޅުއްވި ދުވަސްވަރު، އޭނާގެ ކިލާހަށް 'އަދަބީ ފާޑުކިޔުން’، މި މާއްދާ ކިޔަވައިދެއްވި އުސްތާޒުގެ ވާހަކަ ލިޔުއްވަމުންނެވެ. އެ އުސްތާޒަކީ ކުދިންގެ ލިޔުންތަކަށް ވަރަށް ފުންކޮށް ވިސްނަވައި ވަރަށް ބޮޑަށް ފާޑުކިޔުއްވާ އުސްތާޒެއް ކަމުގައި މަރުހޫމް ތާހާ ހުސައިނު ލިޔުއްވައެވެ. އެއް ދުވަހަކު، ކުލާހުގައި، ކުދިންގެ މަޒުމޫނުތަކާ މެދު، ފާޑުކިޔުއްވަމުން، މަރުހޫމު ތާހާ ހުސައިނުގެ ލިޔުއްވުމާ ޖެހުމުން، އުސްތާޒު ވިދާޅުވިހާ ވެސް އެއްޗަކީ 'މި ލިޔުން، އޭގެ މައްޗަށް ފާޑެއް ކިޔައި، އެއްޗެއް ބުނާ ދަރަޖައަކަށް' އަދި ނުދާ ވާހަކައެވެ.' އާދެ، ފާޑުކިޔޭނީ ފާޑު ކިޔޭ ވަރުގެ އެއްޗަކަށެވެ. ހަމަ ކޮންމެ ކޮންމެ އެއްޗަކީ ފާޑުކިޔޭ ފެންވަރެއްގައި ހުންނަ އެއްޗިއްސެއް ނޫނެވެ. ފާޑުކިޔައި އެއްޗެއް ބުނަންވާނީ، ފާޑުކިޔޭ ފެންވަރު އެ އެއްޗެއްގައި ހުރުމުންނެވެ.

ކަންކަން ބަހުސުކުރުމުގައްޔާއި، ލިޔެފައި ހުންނަ އެއްޗިއްސަށް ތައުލީގުކުރުމުގައި ވެސް މި ބާވަތުގެ ކަންތައްތަކާ ދިމާވެދާނެއެވެ. ބަހުސްކުރުމުގައި، ދައްކާ ކޮންމެ ވާހަކައަކީ އެއަށް ރައްދު ދޭންޖެހޭ ވާހަކައަކަށް ނުވެ ހިނގައިދާނެއެވެ. ހަމަ އެހެންމެ، ލިޔުން ލިޔުމަށް ދެވޭ ކޮންމެ ތައުލީގަކީ ރައްދެއް ދޭންޖެހޭ އެއްޗަކަށް ނުވެ ހިނގައިދާނެއެވެ. ރައްދު ދޭންޖެހެނީ، ބުނާ އެއްޗެއްގައި އޮއްޓަރެއް، ފެންވަރެއް، ހުރެއްޖެ ނަމައެވެ.

މީގެ އިތުރުން އެހެން ހުނަރުވެރި ފަންނީ މަސައްކަތްތަކާ ވެސް މިކަން ގުޅެއެވެ. މިސާލަކަށް އަތު ކުރެހުމާއި، ބިންވަޅުނެގައިގެން ކުރެހުން ފަދަ ފަންނީ މަސައްކަތެވެ. މިޔުޒިކާއި ލަވަ ފަދަ ފަންނީ މަސައްކަތްތަކެވެ. ރޭނުމާއި ވަޑާމާއި ދަގަނޑު ތެޅުމުން ފަދަ މަސައްކަތެވެ. އަދި، މިނޫންވެސް އެހެން މަސައްކަތްތަކެވެ. މިއިން ކޮންމެ ކަމަކީ ވެސް، ހުނަރުތަކެއް ލިބިގެން ކުރެވޭ މަސައްކަތްތަކެކެވެ. އެއާ މެދު، ކިޔޭ ކޮންމެ ފާޑުކިޔުމަކީ އެކަމަށް ރައްދުދޭން ޖެހޭނޭ ފާޑުކިޔުމަކަށް ނުވެދާނެއެވެ. އެހެންވެ، ރައްދު ދޭންޖެހޭނީ، އެކަމަށް ހައްގު ފާޑުކިޔުންތަކަށެވެ. މީހަކު ހަމަ ބުނާހާ އެއްޗަކަށް ރައްދު ދޭކަށް ނުޖެހެއެވެ. އެއްވެސް، ހަމައެއް، އޮއްޓަރެއް ނެތް ފަދަ، ރައްދު ދިނުން ހައްގު ނޫން، ފާޑުކިޔުންތަކާ ކުރިމަތިވުމުން، ކަންތައްކުރަން ޖެހޭނީ، ބާޒު، ކާޅާ މެދު ކަންތައްކުރި ގޮތަށެވެ. އެކަމާ އަޅާނުލައި، ދޫކޮށްލުމެވެ. އަދި، އުދުހިފައި މައްޗަށް އަރައި އަމިއްލަ ޝަރަފާއި މާތްކަން، ގަދަރާއި އަބުރު، ރައްކާކުރުމެވެ. ކޮންމެ ކާޅެއްގެ ކޮށުމަށް ރައްދު ދޭންވެއްޖެ ނަމަ، ކާޅުގެ ދަރަޖައަށް ވެއްޓިދާނެތީއެވެ!