އިސްރާއީލުގެ ދަތިކުރުންތަކާއެކުގައި ވެސް އަޤްޞާ މިސްކިތުގައި މިއަދު ކުރެވުނު ހުކުރު ނަމާދުގެ ޖަމާޢަތުގައި 250 ހާސް މީހުން ބައިވެރިވެފައިވާ ކަމަށް ޤުދްސުގެ ވަޤްފާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
ފަލަސްޠީނު މީހުން އަޤްޞާ މިސްކިތަށް ދިޔުމަށް ދަތިކުރުމަށް ޓަކައި ޤުދްސުގެ ބައު ސަހަރުގެ މަގުތަކާއި ގޯޅިތަކުގައްޔާއި އަޤްޞާ މިސްކިތުގެ ދޮރުކޮޅުތައް ކައިރީގައި އިސްރާއީލުގެ ސަލާމަތީ ބާރުތައް އަތުރާލައި ވެއެވެ.
އިސްރާއީލުން ދަތިކުރާނެކަން ފަލަސްޠީނު މީހުންނަށް އެނގޭތީ އެމީހުން މިއަދުގެ ހުކުރުނަމާދަށް ޓަކައި އަޤްޞާ މިސްކިތަށް ފަތިސްނަމާދުކޮށްގެން ދާން ފެށިއެވެ. މިއަދު ހުކުރު ނަމާދަށް ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު ތަރާވީޙު ނަމާދު ކޮށްގެން މެނުވީ އެ މިސްކިތުން ނުފައިބާނެ ކަމަށް ބުންޏެވެ.
އިސްރާއީލު ސިފައިން ލަފާކުރާ ގޮތުގައި މިއަދު ހުކުރަށް ހުޅަނގު އައްސޭރީން 72 ހާސް މީހުން ދިޔައެވެ. އިސްރާއީލުން ވަނީ ޣައްޒާ މީހުންނަށް އިރުމަތީ ޤުދްސަށް ދިޔުން މަނާކޮށްފައެވެ.
މި ރަމަޟާން މަހަށް ހަނދު ބެލުމާއެކު އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގެ ފިރިހެނުންގެ ތެރެއިން 55 އަހަރަށްވުރެ ހަގު ފިރިހެނުން ޤުދްސަށް ދިޔުން ވެސް މަނާކޮށްފައެވެ.
އަޤްޞާ މިސްކިތުގެ ޚަޠީބު އައްޝައިޚު ޢިކްރިމަތު ޞަބްރީ މިއަދުގެ ޚުޠުބާގައި މިސްކިތަށް އެހާ ގިނަ ބަޔަކު އައީތީ އެކަމާމެދު އުފާފާޅުކުރައްވާ އެމީހުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިހާ ގިނަ ބަޔަކު ހުކުރަށް އައި އައުމުން "ޢަޤްޞާއަށް ދަހިވެތިވެފައިވާ މީހުންނަށް ރަނގަޅު މެސެޖެއް އެބަ ދެވެއެވެ."
ހުކުރުނަމާދަށް އައި މީހުންނަށް ޚިދްމަތް ދިނުމަށް ޓަކައި އަޤްޞާ މިސްކިތުގެ ފާރަވެރީންނާއި ފަލަސްޠީނުގެ ސްކައުޓް ކުދިން މިއަދު ހެނދުނުން ފެށިގެން ވަނީ ޙަރަކާތްތެރިވެފައެވެ.



advertisment