ޖަޕާނުގައި މިއަންނަ ހަފުތާގައި ބޭއްވޭ ޖަމާޢަތް 7ގެ ޚާރިޖީވަޒީރުންގެ ބައްދަލުވުން ޚާއްޞަކުރެވިފައި ވަނީ މެދުއިރުމައްޗަށް ކަމަށް ހުޅަނގުގެ ޑިޕްލޮމެޓިކު މަޞްދަރުތައް ބުނެފިއެވެ. އެއީ ސުޢޫދީ– އީރާން ގުޅުންތައް ހުޅަނގުން ހީވެސް ނުކުރާ ފަދަ ގޮތަކަށް ބަދަލުވަމުންދާތީ އާއި ޗައިނާގެ ނުފޫޒު މެދުއިރުމަތީގައި ވަރުގަދަވަމުން ފުޅައުވަމުން ފެތުރެމުންދާތީ އެކަމުގެ ސަބަބުން ހުޅަނގުގެ ނުފޫޒު ކަންފަތިވަމުން ދާތީއެވެ.
ހުޅަނގު ބުނާގޮތުގައި އެއީ އިސްތިރާތީޖީ ބަދަލުވުންތަކެކެވެ.
ބޭޖިންގުން ކުރި މަސައްކަތްތަކެއްގެ ސަބަބުން، މި ހުސްވި މާރިޗު މަހު ސުޢޫދީ ޢަރަބިއްޔާއި އީރާން ވަނީ ސިޔާސީ ގުޅުންތައް އިޢާދަކޮށް އެ ދެ ޤައުމުގެ އެންބެސީ ހުޅުވުމަށް އެއްބަސްވެފައެވެ. އެއަށްފަހު މި ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ޗައިނާގައި ބައްދަލުކުރައްވައިފައެވެ. އެ ދެ ޤައުމުގެ ފަންނީ ބޭފުޅުން އެ ޤައުމުގެ އެންބަސީއާއި ކޮންސަލް ހުޅުވުމުގެ މަސައްކަތް ވަނީ ފަށްޓަވައިފައެވެ. މާރިޗު އެއްބަސްވުމުގެ ސަބަބުން އެމެރިކާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ.
މީގެ އިތުރަށް ސުޢޫދީ ޢަރަބިއްޔާއިން ދަނީ ސޫރިޔާއާއެކު ގުޅުންތައް އިޢާދަކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއަދު ޖިއްދާގައި ގަލްފުގެ ޤައުމުތަކާއި މިޞްރާއި ޢިރާޤާއި އުރްދުނުގެ ޚާރިޖީ ވަޒީރުން ބާއްވަވާ ޖިއްދާގެ ޚާއްޞަ ބައްދަލުވުމުގައި ސޫރިޔާ އަރަބި ލީގަށް އަނބުރާ ގެނައުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. މިއީ ވެސް އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް ވަރަށް ބޮޑަށް ދެކޮޅުހަދާ ކމެކެވެ.
ޖަމާޢަތް 7ގެ މެންބަރުންނަކީ އެމެރިކާއާއި ޖަޕާނާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރްމަނާއި އިޓަލީއާއި ކެނެޑާއެވެ. މި ޖަމާޢަތުގެ ޚާރިޖީ ވަޒީރުންގެ ޖަޕާން ބައްދަލުވުން ބޭއްވޭނީ މި މަހުގެ 16 އިން 18 އަށެވެ.
ފަރަންސޭސި ޑިޕްލޕމެޓަކު ނަންފުޅު ހާމަނުކުރަން ޝަރްޠު ކުރައްވާ ވިދާޅުވިގޮތުގައި މިހާރު ވަނީ އަލުން ގަނޑުތައް ތަރްތީބުކުރާން ޖެހިފައެވެ.
އޭނާ ވިދާޅުވިގޮތުގައި "ސަރަޙައްދު ވަނީ ހަލަބޮލިވެފައެވެ. އީރާނުގެ ނިޔުކްލިއަރ މަސްއަލައާއި އީރާން ސުޢޫދީ ޢަރަބިއްޔާ ޗައިނާ އެއްބަސްވުމުގެ ސަބަބުން ތަވާޒުނު ވަނީ ގެއްލިފައެވެ. ބިންހެލުމުގެ ސަބަބުން ސޫރިޔާއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ."
އޭނާ ވިދާޅުވި ގޮތުގައި މެދުއިރުމަތީގެ ބައެއް އެކުވެރީންގެ ހިތުގައި އެމެރިކާގެ ދައުރާމެދު ވަނީ ޝައްކު އުފެދިފައެވެ. އެމީހުން ދެކޭ ގޮތުގައި އެމެރިކާ ވަފާތެރިއެއް ނޫނެވެ.ޔުކްރޭން ހަނގުރާމައިގެ މަސްއަލައިގައި އެ ޤައުމުތަކުން ރަޝިޔާ ކުށްވެރި ނުކޮށް "ވަކި އަތަކަށް ބުރަނުވެ" މި އޮންނަނީ އެހެންވެގެންނެވެ. މީގެ އިތުރަށް "އެ ޤައުމުތަކުން ހުޅަނގަށް އެކަނި ބަރޯސާވާކަށް ބޭނުމެއް ނުވެއެވެ. ހުޅަނގުގެ އިތުރަށް ޗައިނާއާއި ރަޝިޔާއާއެކުގައި ވެސް ގުޅުންތައް ބާއްވަން ބޭނުންވެއެވެ."
އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުން "މެދުއިރުމައްޗަށް އަޅައިލުން ކުޑަވުމާއި އިސްރާއީލުގެ އަތަށް އަބަދުވެސް ބުރަވުމަކީ މަސްއަލައެކެވެ. މިހެންވެ އެ ޤައުމުތަކުން އެހެން ޤައުމުތަކުގެ ކުރިމަތީގައި ވެސް ދޮރު ހުޅުވައިލީއެވެ."
ހުޅަނގުގެ އެހެން ޑިޕްލޮމެޓަކް ވިދާޅުވިގޮތުގައި "ޗައިނާ- ސުޢޫދިޔާ– އީރާން އެއްބަސްވުމަކީ އެއްވެސް ޤައުމަކުން ލަފާކުރި ކަމެއްނޫނެވެ. މިހެންވެ އަހުރެމެންނަށް އަހުރެމެންގެ ސަފުތައް ތަރްތީބުކުރަން އެބަ ޖެހެއެވެ."
ހުޅަނގުގެ ތިންވަނަ ޑިޕްލޮމެޓަކް ވިދާޅުވިގޮތުގައި "އޯޕެކުން އުފައްދާ ތެޔޮ މަދުކުރުމުގެ މަސްއަލައަކީ ވެސް އަހުރެމެންގެ އެދުމާ އިދިކޮޅު ކަމެކެވެ. މި ކަމަށް ޓަކައި އިތުރު ޙަރަކާތްތަކަކަށް ބޭނުންވެއެވެ."
ޖަމާޢަތް 7ގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުވުމަކީ މި އަންނަ މޭމަހު ހީރޯޝީމާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޤައުމުތަކުގެ ސަމިޓަށް ތައްޔާރުވުމަށް ބޭއްވޭ ބައްދަލުވުމެކެވެ.
އޭނާ ވިދާޅުވިއެވެ. "ދުނިޔޭގެ މަސްއަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ޖަމާޢަތް 7 އަށް ލިބިފައިނުވާނަމަ އެ ޖަމާޢަތުގެ ތެދުވެރިކަމެއް ނުދެއްކޭނެތެވެ."



advertisment