Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބިސް ނޭޅުނު ހާލުގެ ވާހަކަ

ތަންކޮޅެއް ކުރީގެ ޒަމާނުގައި އުޅުނު ހާލެކެވެ. އޭގެ ވާޖިބަކީ ފަތިހު ބަންގިދޭ ވަގުތު ގޮވައި މީސްތަކުން ހޭލެއްވުމެވެ. މި ގޮތަށް ކަންތައް ކުރަމުން ދުވަސްތައް ވޭތުކުރަމުން ދަނިކޮށް، އެއްދުވަހު ހާލުގެ ވެރިމީހާ އައިސް ހާ ގާތު ބުންޏެވެ. މިހާރު ކަލެއާ ހުރެ އުނދަގޫ ވެއްޖެއެވެ. ކަލޭ އަޑުގަދަ ކުރާވަރުން، ފަތިހު ރަނގަޅަށް ނުވެސް ނިދެއެވެ. އެހެންވީމާ މީގެ ފަހުން ފަތިހު އެއްގޮތަކަށް ވެސް ގޮވައިގެން ނުވާނެއެވެ. ގޮވައިފި ނަމަ ކަލޭގެ ހުރިހާ ފަތެއް އުފުރާނަމެވެ.

ދެން، ހާ ބިރުގަނެ ހިތާހިތާ ބުންޏެވެ. މަޖުބޫރު ހާލަތްތަކުގައި މަނާ ކަންކަން ވެސް ވަގުތީ ގޮތުން ހުއްދަވެއެވެ. އެހެންވީމާ މިއޮތީ މަޖުބޫރު ހާލަތެއް ދިމާވެފައެވެ. އެހެންވެ، ފަތިހު ބަންގިއަށް އަހަރެން ދެން ގޮވައި މީސްތަކުން ހޭލައްވާކަށް ނޫޅޭނަމެވެ. އެހެން ނޫނަސް އެހެން ހާހާ ވެސް އުޅޭނެއެވެ. އެވެރިން ގޮވައި ފަތިސް ނަމާދަށް މީސްތަކުން ހޭލައްވަފާނެތާއެވެ.

ދެން، އޭގެ ދުވަސްކޮޅެއް ފަހެވެ. އަނެއްކާ ވެސް ހާލުގެ ވެރިމީހާ ހާލަށް ޒިޔާރަތް ކުރިއެވެ. އަދި، ބުންޏެވެ. އޭ ހާލާއެވެ. ކުކުޅުހެން ގޮވަން ނުފަށާ ނަމަ، ކަލޭގެ ބޭނުމެއް އަހަރެންގެ ނެތެވެ. އަހަންނަށް ޖެހޭނީ ކަލޭ ކަތިލާށެވެ.

އަނެއްކާ ވެސް ހަމަ ކުރިން ވެސް ހިތާހިތާ ބުނިފަަދައިން ހާ ބުންޏެވެ. މަޖުބޫރު ހާލަތްތަކުގައި މަނާ ކަންކަން ވެސް ހުއްދަވެއެވެ. އަންހެންދުޅާވެ، ކުކުޅު އުޅޭހެން އަހަރެން އުޅޭނީއެވެ. މި ޖެހޭ ބޮޑު ރޯޅިން ސަލާމަތްވުމުގެ މަގު ހޯދުމުގެ ގޮތުންނެވެ. ދެން، ކޮންމެއަކަސް ކުކުޅު ހެދިގެން، އަންހެންދުޅާވެ، ކުސްކުސްތަޅަމުން ހާ އުޅެން ފެށިއެވެ. އަދި، މިހާރު ފެންނަ ފެނުމަށް، ބަންގިއަށް ގޮވި އެއްކަލަ ތަގުވާވެރި ހާ، މިހާރު ހީވަނީ ހަމަ ފައްކާ ކުކުޅެއްހެންނެވެ.

އަނެއްކާ ވެސް ދުވަސްކޮޅެއް ފަހެވެ. ހާލުގެ ވެރިޔާ ހާ ގާތަށް ޒިޔާރަތް ކުރިއެވެ. އަދި ހާ ގާތު ބުންޏެވެ. އޭ ހާލާއެވެ. މާދަމާއިން ފެށިގެން ކުކުޅު ފަދައިން ބިސް ނާޅާ ކަމަށް ވަންޏާ އަހަންނަށް މަޖުބޫރުވާނީ ކަލޭ ކަތިލާލާށެވެ!

އެދުވަހު ހާ ރޮވިފައި ބުންޏެވެ. ބަންގިއަށް ފަތިސް ނަމާދަށް ގޮވާ ހާލުގައި ހުރެ އަހަރެން މަރުވި ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

މިވާހަކައިން ލިބިދާނެ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ މީހުންނާ އެކީ އުޅޭއިރު، ކަންކަމުގައި ދޫދޭން ޖެހޭނެއެވެ. ނަމަވެސް، އެ ދޫދިނުމަށް ހުދޫދެއް ކަނޑައެޅިފައި އޮވެއެވެ. އެ ފަދަ ދޫދިނުން އޮންނަން ޖެހޭނީ ހަރުދަނާ އުސޫލުންތަކުންނާއި މަތިވެރި އަގުތަކާއި ރީތި އަޚުލާގީ ހަމަތަކުގެ އިމުގެ ތެރޭގައެވެ. މި އިމުގެ ތެރެއިން ބޭރުވެ، ދޫދޭ ނަމަ، އޭރުން ދޫދެވެނީކީ ނޫނެވެ. އޭރުން އެ ކުރެވޭ ކަމަކީ އަޅުވެތިވުމެވެ. ތިމާގެ މިނިވަންކަން ދޫކޮށް އެހެން މިހެއްގެ ބާރުގެ ދަށަށް ދެވެނީއެވެ. އެހެންވީމާ، ތިމާގެ ހަރުދަނާ އުސޫލުތައް ދޫކޮށްލާފައި މުނާފިގު ހެދިގެން ނުވާނެއެވެ. ތިމާގެ އިހުސާސުތަކާއި ޟަމީރުގެ ކޮށުންތަކަށް ބީރު ކަންފަތެއް ދީ، ތިމާގެ އަގުތަކާއި ރީތި އަޚުލާގީ ހަމަތަކަށް ޚިޔާނަތްތެރި ވެގެން ނުވާނެއެވެ. ތިމާ ވާންޖެހޭނީ ތިމާގެ އުސޫލުތަކާއި އަގުތަކާއި އަޚުލާގީ ހަމަަތަކުގައި ހިފަހައްޓައިގެން މިނިވަންކަމާއެކު ގޮތް ކަނޑައަޅާލާ މީހަކަށެވެ. އެހެންނޫނީ އެންމެ ފަހުން، ހާ ބުނިފަދައިން، ބަންގިއަށް ގޮވުމުގައި ހުރެ ކަތިލެވިދިޔަ ނަމައޭ ބުނަން ޖެހިދާނޭ ވަގުތު އަތުވެދާނެއެވެ.

(ތަރުޖަމާއެއް ކުޑަ ބަދަލަކާއެކު)