Support Us

އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް އަށް ސިފައިން ގާޑް އޮފް އޮނާއެއް އަރުވަނީ

ސިފައިންގެ 11 ބޭކަލެއްގެ މައްޗަށް ސާބިތުވި ބަޣާވާތުގެ ކުށާއި ކަނޑައެޅުނު ނިޔާތައް

ސިފައިންގެ ބަޔަކު ސިފައިންގެ ވެރީންނާ ދެކޮޅަށް ހިންގަން ރޭވި ބަޣާވާތެކެވެ. ސިފައިންގެ ބައެއް ވެރީންނާމެދު ހިތްހަމަނުޖެހިގެން އެ ބޭކަލުން މަސައްކަތްކުރީ ދެކޮޅުވެރިކަމުގެ ހަރަކާތެއް ހިންގައިގެން ބައެއް ވެރީން މަޤާމުތަކުން ދުރުކުރުމަށެވެ. މިކަން ފަޅާއެރި ހިސާބުން މިކަމުގައި ޝާމިލުވި އެންމެން ވަގުތުން ހައްޔަރުކޮށް، ސިފައިންގެ ވަޒީފާއިން ވަކިކޮށް، ތަހުގީގު ފެށިއެވެ. އެއަށްފަހު ޝަރީއަތަށް މައްސަލަ ހުށަހެޅުނެވެ. މިއީ އެ ބަޣާވާތް ގެންނަން ކުރި ނާކާމިޔާބު މަސައްކަތާއި އެ ކުށަށް ޝަރީޢަތުން ކަނޑައެޅުނު ބޮޑު އަދަބުގެ ވާހަކައެވެ.

އޭރު ރަސްކަމުގައި އިންނެވީ ދިވެހި ތާރީޚުގައި އެންމެ ފަހުން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލެވެ. އޭރު ސަރުކާރާއި މުޅި ދައުލަތް ވެސް ހިންގަވަމުން ގެންދެވީ ސިޔާސީ ގޮތުން ބާރުގަދަ ވަޒީރުލްއަޢުޒަމް (ބޮޑުވަޒީރު) އިބްރާހީމް ނާޞިރެވެ. ދުވަސްވަރަކީ ދެކުނު ގަޑުބަޑުގެ ދުވަސްވަރެވެ. ދިވެހީން އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވުމަށް ނިޔަތްގަނެ ދަތުރަށް އޮތީ ފަށައިފައެވެ. ސިފައިންގެ ކޮމާންޑަރަކީ ޢަބްދުލް ޙަންނާން ޙަލީމެވެ. އޯގަސްޓް 3، 1961 ގައި ސިފައިންގެ ސަރުދާރުކަން ނުވަތަ މިހާރުގެ ގޮތުން ނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ޢަބްދުލްޙަންނާނަށް ދެއްވީ ތިން ނަންބަރު ސަރުދާރުގެ މަޤާމުގައި ހުންނަވަނިކޮށެވެ. އެއީ ތިން ދަރަޖައިގެ މަޤާމުގެ ކުރިއެރުމެކެވެ.

ބަޣާވާތުގެ ބައިވެރިންގެ މައްސަލަ ޝަރީޢަތުން ބައްލަވައި ބަޣާވާތް ކުރި ކަމަށް ސާބިތުވީ ސިފައިންގެ 11 ބޭކަލެއްގެ މައްޗަށެވެ. ދުވަހަކީ 13 އޮކްޓޫބަރު 1962 ވީ ހޮނިހިރު ދުވަހެވެ. ވަގުތަކީ ހަވީރު ހަތަރެއް ޖަހާ އެހާކަންހާއިރެވެ. މަހުކަމަތުއް ޝަރުޢިއްޔާގައި ފެށުނު ޝަރީޢަތުގެ މަޖިލިހަކީ ނިޔާ ކަނޑައަޅުއްވުމުގެ މަޖިލީހެކެވެ. ސެޕްޓެންބަރު 30، 1962 ގައި ވަނީ ސިފައިންގެ މި 11 ބޭކަލުންގެ މައްޗަށް ބަޣާވާތުގެ ކުށް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައެވެ.

އުއްތަމަ ފަނޑިޔާރު މަނިކުފާނަކީ އައްޝައިޚު މުޙައްމަދު ޖަމީލު ދީދީއެވެ. އެމަނިކުފާނު އިންނެވީ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ރަސްމީ ހެނދުންކޮޅުގައެވެ. ދައުލަތުން ދައުވާ ކުރެއްވީ ބަންޑާރަ ނައިބު ޞާހިބުއްޞަޢާދާ އަލްއުސްތާޛު އިބްރާހީމް ޝިހާބެވެ. ބަންޑާރަ ނައިބުގެ އެހީތެރިޔަކީ އަލްއުސްތާޛު ޢަދުނާން ޙުސައިނެވެ.

ކުށްވެރިން ހާޒިރުކުރައްވައި، އުއްތަމަ ފަނޑިޔާރު މަނިކުފާނު އެ ބޭކަލުންނަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. އަދި ޙުކުމް އިއްވުމުގެ ކުރިން އެއިން ބޭކަލަކު ބުނުއްވަން ބޭނުންވާ ވާހަކައެއް އޮތްތޯ ސުވާލު ކުރެއްވިއެވެ. އެ ބޭކަލުންގެ މާގިނަ ވާހަކައެއް ނެތެވެ. ކުށްވެރިން އެދުނީ ކުށަށް މަޢާފުކޮށް ދެއްވުމަށެވެ. ހުކުމް އިއްވަން ފެށްޓެވީ އެ ހިސާބުންނެވެ.

ޙުކުމް އިއްވީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 33 ވަނަ މާއްދާއާއި 36 ވަނަ މާއްދާގެ މައްޗަށް ބުރަވެވަޑައިގެންނެވެ. އެންމެ ފުރަތަމަ ނިޔާ އިއްވެވީ މި ބަޣާވާތުގައި އެންމެ އިސް ދައުރެއް ސިފައިންގެ ތެރެއިން އަދާކުރި ފިއްލަދޫ ޙުސައިން މަނިކާއި މަލިންގޭ ސައްޔިދު އަޙްމަދުގެ މައްޗަށެވެ. މި ދެ ބޭކަލުންގެ މައްޗަށް ސާބިތުވި ކުށަކީ ސިފައިންގެ ތެރޭގައި ދެކޮޅުވެރިކަން ހިންގައި، ބައެއް ވެރީން މަޤާމުން ދުރުކޮށް، އަރުވާލައި، އަދި ގޭގައި ބަންދުކޮށް، އެ ބޭކަލުންނަށް ފެންނަ ބަޔަކު ވެރިކަމަށް ލުމަށް ސައްލާކޮށް އެފަދަ ރޭވުމެއް ރާވައި، ހިންގި ކަމަށް އެއްބަސްވެ އިޢުތިރާފުވުމެވެ. މި ދެ ބޭކަލުންގެ އުޤާބާތަކީ 10 އަހަރަށް އަރުވާލުން ކަމަށް ހުކުމްކުރެއްވިއެވެ.

ދެން ޙުކުމްކުރެއްވީ ކަމަނަ ޅަތުއްތުގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށަކީ ކުރީން ދެންނެވުނު ހުރިހާ ރޭވުންތަކެއް ރާވައި، މިފަދަ ކަންކަމަށް ވާހަކަ ދައްކާކަން ދެނެހުރެ އަދި އޭނާއަކީ ސިފައިންގެ ސަރުދާރެއްގެ މަޤާމުގައި ހުންނެވި ބޭކަލެއް ކަމަށް ވުމާއެކު އެކަމުގެ މަޢުލޫމާތު ސިއްރުކޮށްގެން ހުރި ހުރުމެވެ. މީނާގެ މައްޗަށް ޙުކުމް އިއްވީ ހަތް އަހަރަށް އަރުވާލުމެވެ.

މި ތިން ބޭކަލުންގެ އިތުރުން ދެން ކުށް ސާބިތުވި ސިފައިންނަކީ ބޮޑުގަލު މާފަތްގޭ ޅަސީދީއާއި، ގުދަނުގޭ ކާމިލާއި، ކުޅުދުއްފުށީ ޙަސަން ޢަލީއާއި، ކަނޑި އިބްރާހީމް މަނިކާއި، ހިނި މުޙައްމަދު ފުޅާއި، ކޮނޑޭ މޫސާ މަނިކާއި، ކުޅުދުއްފުށީ ދޮން އިބްރާހީމާއި، މަސްއޮޑި ޢީސާފުޅެވެ. މި އަށް ބޭކަލުންގެ މައްޗަށް ސާބިތުވި ކުށަކީ ކުރިން ދެންނެވުނު ރޭވުންތައް ރާވާކަން ދެނެހުރެ އެކަމާ ބައިވެރިވެގެން އެކަމުގެ މަޢުލޫމާތު ސިއްރުކޮށްގެން ތިބިތިބުމެވެ. މި ބޭކަލުންގެ މައްޗަށް ޙުކުމް އިއްވީ ކޮންމެ މީހަކު ފަސް އަހަރަށް އަރުވާލުމަށެވެ.

މި އެންމެންގެ މައްޗަށް ހުކުމްކޮށް ނިމުމުން ހުކުމް ތަންފީޒުކުރުމަށް މަހުކަމަތުއް ދާޚިލިއްޔާއާ ހަވާލު ކުރެއްވީއެވެ. އަދި އެ މަހުކަމާއިން ރާއްޖޭގެ އެކި ރަށްރަށަށް ކުށްވެރިން ފޮނުވާލެއްވިއެވެ. މީގެ ތެރެއިން ބައެއް ބޭކަލުން އަލުން ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވިއެވެ. އަދި ވަރަށް އަގުހުރި ޤައުމީ ޚިދުމަތްތަކެއް ފަހުން ސިފައިން ގޭގައި ކޮށްދެއްވިއެވެ. އޭގެތެރެއިން އެއް ބޭކަލަކީ މި ބަޣާވާތުގައި އިސް ބޭކަލެއްގެ ގޮތުގައި ބެލެވުނު ފިއްލަދޫ ޙުސައިން މަނިކެވެ. އެއީ ފަހުން ސިފައިންގެއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްދެއްވި ސިފައިންގެ އޮފިސަރެކެވެ. ކަނޑުމައްޗަށް ފަރިތަ ތަޖުރިބާކާރު މާލިމީއެކެވެ. ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ކެޕްޓަން ރޭންކުގައެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *