Support Us

ކޮލަމް ކޯދު: ފަސް މީހުން އެއްވެއްޖެނަމަ- 2

ޗައިނާގެ ފަސް މީހުން އެއްވެއްޖެ ނަމަ ހިކުމަތުގެ ބަހެއް ބުނެއެވެ.

ޖަޕާނުގެ ފަސް މީހުން އެއްވެއްޖެ ނަމަ އާލަތެއް އުފައްދައެވެ.

އެމެރިކާގެ ފަސް މީހުން އެއްވެއްޖެ ނަމަ ފިލްމެއް ކުޅެ ނެރެއެވެ.

ފަރަންސޭސީންގެ ފަސް މީހުން އެއްވެއްޖެ ނަމަ، ފޮތެއް ލިޔެއެވެ.

އަރަބިންގެ، މުސްލިމުންގެ، ފަސް މީހުން އެއްވެއްޖެ ނަމަ،

  1. ދީނީ ފަސް ޖަމާއަތް އުފައްދައެވެ.
  2. ސިޔާސީ ފަސް ޕާޓީ އުފައްދައެވެ.
  3. ފަސް ގާނޫނެއް ހަދައެވެ.
  4. އަދި ކޮންމެ މީހަކު ވެސް އޭނާއަކީ ރައީސް ކަމަށް ދައުވާ ކުރެއެވެ.
  5. ދެން، މަޝްވަރާކުރުމުގެ އެއްވެސް ޖަލްސާއެއް ބޭއްވުމެއް ނެތި، އިއްތިހާދުތައް، (އެލައިންސްތައް) އުފައްދައެވެ. އަދި، އެ އިއްތިހާދުތަކުގެ މެދުގައި ދެބަސްވެ، އަރާރުންވާން ފަށައެވެ. ދެން އެއްބަޔަކު އަނެއް ބަޔަކު ފިތުނަ އުފައްދާ ކަމަށް ގޮވައި، އެއްބަޔަކު އަނެއް ބަޔަކު ކާފަރުންނަށް ހަދާލައެވެ. އެއަށް ފަހު، ހަތިޔާރު ގަނެ އެތެރެކުރެއެވެ. އަދި އެންމެފަހުން، ހަނގުރާމަ ވެސް ފަށައެވެ.

ދެން ދިވެހިންގެ ފަސް މީހުން އެއްވެއްޖެ ނަމަ… (ކިޔުންތެރިއެއްގެ އެހީގައި ހުސްތަން ފުރާލެވޭ ގޮތް ވެއްޖެއެވެ! ހުރިހާ ޝުކުރެއް ކިޔުންތެރިއާއަށެވެ!)

  1. ފަސް ޕާޓީ ހަދައެވެ.
  2. އޭގެ ތެރެއިން ހަތަރު ޕާޓީ ވެގެން އިއްތިހާދެއް ހަދައެވެ.
  3. ދެން އިއްތިހާދުން އަނެއް ދެ ޕާޓީއަކީ ވަގުންގެ ޕާޓީތައް ކަމުގައި ދައްކައެވެ.
  4. އިއްތިހާދުން، ބޭރުގެ ބާރުތައް ތަނުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވައްދައި، އެމީހުންގެ އެހީއާ ވެސް އެކުގައި، އިންތިޚާބު ކާމިޔުބުކުރުމުގެ މަސައްކަތް ފަށައެވެ.
  5. ދެން ވަރަށް ވެސް ރަންގީނު، ކުލަތަކުން ފުރިގެންވާ ކެބިނެޓެއް އެކުލަވާލައެވެ.
  6. ދެން ރަންގީނު ކެބިނެޓު އުވާލައި، ކެބިނެޓުގައި އެއްކުލަ ޖައްސައި، އިއްތިހާދު ވެސް އުވާލައެވެ.
  7. ދެން ކާޅު ކޮންފަރެންސުގެ ނިންމުމަށް ވީގޮތަށް، އަލުން 'ގުއި ކެއުން' ހުއްދަކޮށް، ކުރިން ވެސް އޮންނަ ޑިކްޓޭޓަޝިޕް ޕާޓީގެ ނަމުގައި ހިންގާލައި، ކުރީގައި ހިންގި ހުރިހާ ފަސާދައިގެ އަމަލެއް ހިންގައި، އެކަންކަމީ ކުރީގެ ސަރުކާރުތަކުގެ ކަންކަމުގައި ބުނެ، ކުރީގެ ސަރުކާރުތައް ބަދުނާމުކުރެއެވެ.
  8. ދެން، ދާއިމަށް ވެރިކަން ދެމެހެއްޓުމަށްޓަކައި، ބޭރުގެ އަސްކަރީ ބާރުތައް ގެނެސް، އެ ބާރުތައް ބާރުވެރިކުރުވައި، ތަނުގެ އަސްކަރީ ބާރުގެ ބާރު ކަނޑުވައިލައެވެ.
  9. ދެން މިއީ ޒަމާނުގެ ގޮތް ކަމަށް ދައުވާކޮށް، އެކަން ދިފާއުކުރެއެވެ.
  10. ދެންހެއްޔެވެ؟ ދެން ކަނު، ލޯ މަރައިގެން ތިބި، ހަނދާން ވަރަށް ވެސް ބަލި ރައްޔިތެއް، ގައުމުގައި ބޭރު ސިފައިންގެ ބައެއް ގާއިމުކޮށް، އެ މީހުންގެ މައްޗަށް ރައްޔިތުންގެ ފައިސާ ޚަރަދުކޮށް، ގައުމުގެ ދާޚިލީ ކަންތަކުގެ ތެރެއަށް ވެއްދި މީހުންނަކީ ބަތަލުން ކަމަށް ހަދައި އެ ފަދަ ބައިގަނޑެއް ވެރިކަމަށް ގެންނަން އުޅެއެވެ.
  11. ދެން، މި ވާހަކަ ބުނެވިއްޖެ ނަމަ:

ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ ވީ ހެމުން!

(ތަރުޖަމާއެއް އިތުރު ކޮށްލުމަކާއެކު)