Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ސިންގާއިން ގެންގުޅުނު ހިމާރެއްގެ ވާހަކަ

އެއްދުވަހަކު ސިންގާއިންގެ ޖަމާއަތެއް ނިކުމެ ވަރަށް ބުރަ މަސައްކަތަށް ފަހު، ހިމާރެއް ޝިކާރަކުރިއެވެ. ދެން، ސިންގާގެ ތެރެއިން ސިންގާއެއް ބުންޏެވެ. "ތިޔަ ހިމާރު މަރާލައިކާނެ ކަމެއް ނެތެވެ."

އެ ސިންގާ ބުނި ބަސް އަހައި، ސިންގާތައް އެ ހިމާރު އެ އެއްޗެހީގެ ދަރިއެއްގެ ގޮތުގައި ގެންގުޅުނެވެ. ކަމޭ ހިތައި ރަނގަޅަށް ބެލިއެވެ. އެންމެ ފަހުން، ހިމާރުގެ ވަލާއު، އިޚުލާސްތެރިކަމާއި ވަފާތެރިކަން، ސިންގާގެ ޖަމާއަތަށް ދެވުނެވެ.

ދެން، އެ ހިމާރު، ހިމާރުންގެ ޖަމާއަތުގެ ތެރެއަށް، އޭގެ ޒައީމެއްގެ ގޮތުގައި، ސިންގާގެ ޖަމާއަތުން ފޮނުވިއެވެ. ސިންގާތަކުގެ ތާއީދާ އެކު، އެ ހިމާރު ހިމާރުންގެ ޖަމާއަތުގެ ތެރެއަށް އައުމުން، ހުރިހާ ހިމާރުތައް ވެސް އޭތި ދެކެ ބިރުގަނެ، އެއަށް އިހުތިރާމުކޮށް، އެއަށް ތަބާވިއެވެ.

އެ ޒައީމު ހިމާރާ އެއްވެސް ހިމާރެއް ދެކޮޅުހަދައިފި ނަމަ، އޭތި ހައްޔަރުކޮށް، ސިންގާއިން ޒިޔާރަތްކުރާ ދުވަހަށް، އެ އެއްޗެހީގެ ކޮއްތެއްގެ ގޮތުގައި ބޭއްވެއެވެ.

މިހެން ކަންތައްވެ ދިޔުމުން، ސިންގާއިންނަކަށް ހިމާރު ޝިކާރަކުރަން ނިކުންނާކަށް ނުޖެހެއެވެ. އެކަމަށް ތަމްރީނުކުރެވުނު ހިމާރު އެކަން ހަމަޖައްސައިދެއެވެ. ދެން، ޒައީމު ހިމާރުގެ ވާހަކަ ހެއްޔެވެ؟ އޭތިވީ ހިމާރުންގެ ތެރޭގައިވި ސިންގާވެރި ހިމާރަކަށެވެ. ނަމަވެސް، ސިންގާއިންގެ ތެރޭގައި އޭތި އޮންނަންޖެހެނީ ހަމަ ހިމާރެއްގެ ގޮތުގައެވެ. ނަމަވެސް، ހިތާމައަކީ މިކަމެއް، ޒައީމު ސިންގާވެރި ހިމާރަށް ވެސް، އަދި، ހިމާރުންގެ ޖަމާއަތުގެ ހިމާރުންނަށް ވެސް ނޭނގެއެވެ!

އާދެ، މި ވާހަކަ ރަމްޒުކޮށްދެނީ، އިސްތިއުމާރީ ބާރުތައް, އެ ބާރުތަކުގެ ދަށުގައިވާ ގައުމުތަކުން ފޭބުމަށް ފަހު، އެ ބާރުތަކުގެ ފައިދާއަށްޓަކައި މަސައްކަތްކުރާނެ އޭޖެންޓުންތަކެއް އެ ގައުމުތަކުން ހޮވާލެވިގެން އުފެއްދި މީހުންނާއި އެމީހުން އަދާކުރަމުން ދިޔަ ދައުރަށެވެ. މީގެ އިތުރުން، ބޮޑެތި ގައުމުތަކުން ކުދި ގައުމުތައް ކޮންޓުރޯލުކުރުމަށްޓަކައި މި ވާހަކައިގައި ނަންގަނެވިދިޔަ ސިންގާވެރި ހިމާރު ޒައީމުން ވެސް އުފައްދައި ބޮޑެތި ގައުމުތަކުގެ ޚިދުމަތުގައި ބައިތިއްބައެވެ.