ގަދަކަމުން ވަޒަންވެރިކޮށްފައިވާ ޔަހޫދީންނަށް ޚާއްޞަ ހިނގައިލުމެއް ހުޅަނގު އައްސޭރީގައި މިއަދު ބޭއްވުމުގެ ހުއްދަ އިސްރާއީލު ސިފައިން ދީފިއެވެ.
މި ހިނގައިލުން ފެށުމަށް ހަމަޖައްސައިފައި ވަނީ ނާބްލުސްގެ ޒަޢުތަރު ހުރަހާ ހިސާބުންނެވެ. އިސްރާއީލުގެ ޗެނެލް 12 ބުނާގޮތުގައި ޖެއްސުންކުރުމުގެ މި ހިނގައިލުމުގައި އިސްރާއީލުގެ ހަރުކަށި މާލީ ވަޒީރު ސުމުތުރިޗާއި ޤައުމީ ސަލާމަތާ ބެހޭ ހަރުކަށި ވަޒީރު ބިން ޣަފީޜާއި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ބަރްލަމާނުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ހާއާރްތިސް ދުވަހު ނޫސް ބުނާގޮތުގައި މި ހިނގައިލުން ޙިމާޔަތް ކުރުމަށް ޓަކައި އިސްރާއީލު ސިފައިންގެ ޚާއްޞަ ފައުޖެއް އޮންނާނެއެވެ.
ފަލަސްޠީނުގެ ޚާރިޖިއްޔާއިން ރޭ ވަނީ މި ހިނގައިލުން ބޭއްވުން ކުށްވެރިކޮށްފައެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒީރުންނާއި ބަރްލަމާނުގެ މެންބަރުން ޝާމިލުވާ ގޮތަށް 27 ބޭފުޅަކު މި ހިނގައިލުމުގައި ބައިވެރިވެ ވަޑައިގަންނަވާނެތީ ފަލަސްޠީނުން އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.
ފަލސްޠީނުގެ ބަޔާން ބުނާގޮތުގައި މިއީ އިސްރާއީލު ސަރުކާރުން ރަސްމީކޮށް ބައިވެރިވެގެން ވަޒަންވެރިކުރުވުމުގެ ސިޔާސަތު ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތަށް ދޭ ހިތްވަރެކެވެ.
ފަލަސްޠީނުން ބުނާގޮތުގައި އެ ސަރުކާރުން ދަނީ މިކަމާދެކޮޅަށް އެޅެން ހުރި ޤާނޫނީ ފިޔަވަޅުތަކަކީ ކޮބައިތޯ ދިރާސާކުރަމުންނެވެ. އދގެ ސަލާމަތީ މަޖިލީހަށާއި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށާއި އދގެ ތަޙްޤީޤު ކޮމެޓީއަށާއި ބައިނަލްއަޤްވާމީ ކޯޓުތަކަށް މި ކަމުގެ ޝަކްވާ ހުށައަޅާނެކަމަށް ފަލަސްޠީނު ސަރުކާރުން ބުންޏެވެ.
މި ދިޔަ އަހަރު އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގައި "އަވީތާރު" ނަކަށް ކިޔާ ޔަހޫދީ އާބާދީއެއް ބިނާކުރުމުގެ މަޝްރޫޢެއް ފަށާއިފައެވެ.
މި ރަމަޟާން މަސް ފެށުމާ ވިދިގެން ޔަހޫދީންވަނީ އަޤްޞާ މިސްކިތަށް ވަދެ ނަމާދުކުރާ މީހުންނަށާއި އަޅުކަން ކުރަން ތިބޭ މީހުންނަށް ޖެއްސުންކުރަން ފަށައިފައެވެ. މި ކަމުގެ ސަބަބުން އިސްރާއީލާ ފަލަސްޠީނު މީހުންނާ ދެމެދުގައި ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.މަސްރަޙު ވަނީ ވަރަށް ހޫނުވެފައެވެ.



advertisment