Support Us

ކޮލަމް ކޯދު: ބަލިބަލާ ކަށިގަނޑު އުފެއްދުމާ ވިދިގެން މެދުވެރިވި ގެއްލުމެއްގެ ވާހަކަ

ޑޮކްޓަރުން ގެންގުޅޭ ބަލިބަލާ ނުވަތަ ހުންބަލާ ކަށިގަނޑު އުފެއްދީ ފަރަންސޭސި ވިލާތުގެ މީހެއް ކަމަށްވާ ރެނޭ ލައެނެކް އެވެ. މީލާދީ ސަނަތުން 1818 ހިސާބުގައެވެ. މިއަދު ފާހަގަކޮށްލަން ބޭނުންވަނީ މިއުފެއްދުމާ ގުޅިގެން- ބައެއް މީހުންގެ ނަޒަރުގައި-، އަދިއަދަށް ދާންދެންވެސް ކުރިމަތިވެފައި އޮތް ގެއްލުމެއްގެ ވާހަކައެކެވެ. އޭގެ ކުރީގައި، ފަައިދާއެއް ކޮށްފާނޭ އެހެން ވާހަކައެއް ވެސް ލިޔެލާނަމެވެ.

ސްޓެތެސްކޯޕަަށް ނަންދިނީ ވެސް މި ނަންގަތް މުޚްތަރިއު، އިންވެންޓަރު، ރެނޭ އެވެ. ޔޫނާނީ ބަހުގެ ސްޓެތޮސް، 'މޭ' އާއި ސޮކޯޕްސް 'އިމްތިހާނުކުރުން' މި ދެލަފްޒު އެއްކޮށްލައިގެންނެވެ. އާދެ، ސްޓެތެސްކޯޕަކީ 'މޭ އިމްތިހާނުކުރާ' ކަށިގަނޑެވެ. ނުވަަތަ މޭ ބަލާ ކަށިގަނޑެވެ. އަދި، އެ އާލަތުގެ ޒަރިއްޔާއިން ހިތުގެ ތެޅުން ހުރި ނެތްގޮތް ބަލައި، މީހަކަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތައް ހޯދައިގަތުމުގެ އެހީތެރިކަން ލިބިގަނެއެވެ.

މި ކަށިގަނޑު އިޚްތިރާއުކުރަން ރެނޭ އަށް މެދުވެރިކުރިވި ސަަބަބެއް ވެއެވެ. މި ކަށިގަނޑު އިޚްތިރާއުކުރުމުގެ ކުރިން، ހިތުގެ ތެޅުން ބަލަނީ ބަލި މީހާގެ މޭގައި ޑޮކްޓަރު ކަންފަތް ޖައްސައިގެންނެވެ. އަންހެނެއްގެ މޭގައި ކަންފަތް ޖެއްސުން ރެނޭއަށްވީ ލަދުވެތި ކަމަކަށެވެ. އެހެންވެ، އެކަން ކުރަން އެހާ ފަސޭހަ ކަމަށް ނުވިއެވެ.

ދެން މިކަމާ ވިސްނަނިކޮށް ރެނޭއަށް ފެނުނީ ކުޑަކުދިން އެތެރެ ހޮއި އޮނު ފަދަ ދަނޑިކޮޅުން ކުޅެން އުޅޭ މަންޒަރެވެ. އެ ފަދަ ދަނޑިކޮޅެއްގެ އެއްކޮޅުގައި ކަންފަތް ޖައްސާލާފައި އަނެއްކޮޅުން އަޑެއް ލައްވާލީމާ އެ އަޑު ގަދަވެގެން ކަންފަތައް ވާސިލުވާކަމެވެ. ދެން ރެނޭ ކަރުދާސްކޮޅެއް އޮޅާލައި ހޮއި ދަނޑިކޮޅެއްހެން ހަދައި، އެއްކޮޅު ކަންފަތުގައި އަދި އަނެއްކޮޅު މީހެއްގެ މޭގައި ޖައްސާލުމުން ހިތުގެ މަސައްކަތްކުރުމުގެ އަޑު މާ ސާފުކޮށް އިވޭކަން ފާހަގަކުރިއެވެ. އާދެ، ރެނޭގެ ލަދުވެތިކަމާއި ދެން އެކަމާ ވިދިގެން ކުރެވުނު މި ތަޖުރިބާ ވެގެން ދިޔައީ ބަލިބަލާ ކަށިގަނޑު އުފައްދަން ދިމާވި ސަބަބަށެވެ!

ދެން މިކަމުން އޮތް ގެއްލުމަކީ ކޮބާ ހެއްޔެވެ؟ އެންމެންނަކީ ރެނޭ ފަދަ ލަދުވެތި މީހުން ނޫންކަން ހަނދާންކޮށްލަން ޖެހެއެވެ. ތަފާސްހިސާބު ބަލާ މީހުން ބުނާ ގޮތުގައި، ރެނޭ ބަލި ބަލާ ކަށިގަނޑު ނުއުފެއްދި ނަމަ، މަދުވެގެން ޒުވާން ފިރިހެން ކުދިންގެ %90، ޑޮކްޓަރުންނަށް ވާން ބޭނުންވީހެވެ. ޒުވާން އަންހެން ކުދިންގެ މޭގައި ކަންފަތް ޖަހައިގެން ހިތުގެ ވިންދުގެ އަޑު އެހުމަށެވެ! އާދެ މިފަދަ އެދުމެއްގައި ޑޮކްޓަރުންނަށް ވުމުގެ އެދުން އޮތް ޒުވާނުން ހިތާހިތާ ބުނާ ކަހަލައެވެ. ރެނޭއަށާއި އޭނާ އުފެއްދި ޑޮކްޓަރުން ބަލި ބަލާ ކަށިގަނޑަށް ހަލާކުހުއްޓެވެ!