Support Us

ސޫރިޔާތެރެއިން އިސްރާއީލަށް އިތުރު ރޮކެޓް ޙަމަލާތަކެއް ދީފި

އިސްރާއީލު ހިފައިފައިވާ ސޫރިޔާގެ ގޯލާނަށް ރޭ ފަތިހު ސޫރިޔާތެރެއިން  ރޮކެޓް ޙަމަލާތަކެއް ދީފިއެވެ.

އިސްރާއީލު ބުނާގޮތުގައި މީގެތެރެއިން ދެ ރޮކެޓް ވެއްޓިފައިވަނީ މީހުން ނޫޅޭ ފަޅު ބިމަކަށެވެ. ތިންވަނަ ރޮކެޓް ވެއްޓިފައި ވަނީ ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ ރޮނގު ކައިރިއަށެވެ. 

މި ޙަމަލާއާ ވިދިގެން އިސްރާއީލުން ސޫރިޔާއަށް ވައިގެ ޙަމަލާތަކެއް ދިނެވެ. އިސްރާއީލުގެ ޢަސްކަރިއްޔާގެ ތަރްޖަމާނު ހާމަކުރި ގޮތުގައި ސޫރިޔާތެރެއިން ފޮނުވައިލި ތިން ރޮކެޓްގެ ތެރެއިން ދެ ރޮކެޓަށް އިސްރާއީލުން ހުރަސްއަޅައި ވައްޓައިލިއެވެ. ތިން ވަނަ ރޮކެޓް ވެއްޓުނީ މީހުން ނޫޅޭ ހާމަ ބިމަކަށެވެ. މި ޙަމަލާއާ އެކު ހިފައިފައިވާ ގޯލާންގެ ބައެއް ހިސާބުތަކުގައި އިންޒާރުގެ ކަށިގަނޑު އެޅުނު އަޑު ޖަޒީރާގެ ރިޕޯޓަރަށް އިވިފައިވާ ކަމަށް އޭނާ ބުންޏެވެ.  

އިސްރާއީލުން އިއްޔެ ހަވީރު ބުނިގޮތުގައި ސޫރިޔާތެރެއިން ތިން ހާމަލާއެއް އައެވެ. މީގެ ތެރެއިން އެކަތި ވެއްޓިފައިވަނީ އުރްދުންތެރެއަށެވެ. ދެވަނަ އެތި ވެއްޓިފައިވަނީ ގޯލާން ތެރެއަށެވެ. ތިންވަނަ އެތި ވެއްޓިފައި ވަނީ ސޫރިޔާތެރެއަށެވެ. 

ސޫރިޔާތެރެއިން ދިން މި ހަ ޙަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކާ ބެހޭގޮތުން އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ޙަމަލާތަކުގެ މަސްއޫލިއްޔަތު ވަނީ އިސްލާމީ ޖިހާދު ޖަމާޢާތުގެ ޢަސްކަރީ ފިޔަކަމުގައިވާ ސަރާޔާ އަލްޤުދްސުން އުފުލައިފައެވެ. 

ސޫރިޔާތެރެއިން ދިން ޙަމަލާތަކަށް ރައްދު ދިނުމަށް ޓަކައި އިސްރާއީލުން ވަނީ ސޫރިޔާއަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އިސްރާއީލުން ޙަމަލާދިން ތަންތާނގެ ތެރޭގައި ސޫރިޔާގެ ޢަސްކަރީ އެކުވެންޏަކާއި ސޫރިޔާ ސިފައިންގެ ކޮށްޓެއް ހިމެނެއެވެ. ސޫރިޔާގެ ދިފާޢީ ވުޒާރާއިން ރޭ ހާމަކުރި ގޮތުގައި ސޫރިޔާގެ ދެކުނު ސަރަޙައްދަށް އިސްރާއީލުން ދިން ރޮކެޓް ޙަމަލާއަށް ސޫރިޔާގެ ވައިގެ ދިފާޢުތަކުން ހުރަސްއެޅިއެވެ. 

ރަމަޟާން މަސް ފެށުމާއެކު އިސްރާއީލުން ދަނީ އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑަމުންނެވެ. އެ މިސްކިތުގައި އަޅުކަން ކުރުމަށް ތިބޭ މީހުންނަށް އުދަނގޫ ކުރަމުންނެވެ. ޔަހޫދީންނަށް މި މިސްކިތުގެ ތެރެއަށް ވަދެ އެމީހުން ފަޞްޙު ޢީދު ފާހަގަކުރުމަށް މަގުތަނަވަސްކޮށްދެމުންނެވެ. މިކަމާ ވިދިގެން ފަލަސްޠީނީން ދަނީ އިސްރާއީލާ ދެކޮޅަށް ޙަމަލާތައް ދެމުންނެވެ. އިސްރާއީލުން ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުގެ ތެރޭގައްޔާއި ފެހިރޮނގު ތެރޭގައި ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ. 

އިސްރާއީލުގެ މި ޢަމަލުތަކާ ދެކޮޅަށް ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ.

ގޯލާންގެ ބިންތަކަކީ ސޫރިޔާގެ ބިންތަކެކެވެ. އިސްރާއީލުން  މި ބިންތައް ހިފީ 1967ގެ ހަނގުރާމައިގައެވެ. މި ބިންތަކުން 1200 އަކަ ކީލޯމީޓަރުގެ ބިން ވަނީ 1981ގައި އިސްރާއީލުގެ ބިންތަކެއް ކަމަށް ހަދައިފައެވެ. މިއީ އދ ގެ ޤަރާރުތަކާ ޚިލާފަށް އިސްރާއީލުން ކޮށްފައިވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *