Support Us

ކޮލަމް ކޯދު: ފިޔޯޑޯރ ޑޮސްޓޮއެވްސްކީގެ ވާހަކަކޮޅެއް- ދޮގު ހަދަން ފަސޭހަވާ ގޮތް

ފިޔޯޑޯރ ޑޮސްޓޮއެވްސްކީ އަކީ ރަޝިޔާގެ ލިޔުންތެރިއެކެވެ. ދިގު ވާހަކައާއި ކުރުވާހަކައިގެ ފަލްސަފާވެރި ލިޔުންތެރިއެކެވެ. މީލާދީ ސަނަތުން 19ވަނަ ގަރުނުގައި އުޅުނު އަދީބެކެވެ. އޭނާގެ މަޝްހޫރު ލިޔުންތަކުގެ ތެރޭގައި ކްރައިމް އެންޑް ޕަނިޝްމަންޓު (ކުށާއި ޖަރީމާ)، ދަ އިޑިއެޓް (ސޭކު މޮޔަ މީހާ)، ދަ ކަރަމަޒޯވެ ބުރަދާސް (ކަަރަމަޒޯވްގެ އަޚުން) މި ވާހަކަތައް ހިމެނެއެވެ. އޭނާގެ ވާހަކަތަކުގެ މައިގަނޑު މައުޟޫއެއްގެ ގޮތުގައި އިންސާނީ ނަފްސާނީޔަތުގެ މައްޗަށް ބަލާލެވިފައި ވެއެވެ. ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން، ހަލަބޮލިވެފައި އޮތް މުޖުތަމާއެއްގައި އިންސާނާ އަމަލުތައް ކުރާ ގޮތާ މެދު ވާހަކަދެއްކިފައި ވެއެވެ.

އޭނާގެ ކަރަމަޒޯވްގެ އަޚުން، މިފޮތުގައި އޭނާ ލިޔެފައި އޮވެއެވެ. "ހުރިހާ ކަމަކަށް ވުރެ ބޮޑަށް ވެސް ބަލަން ޖެހޭނީ ކަލޭގެ އަމިއްލަ ނަފްސުގެ މައްޗަށް ދޮގު ނުހެދުމަށެވެ. އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ދޮގު ހަދައި، އަދި އެ ދޮގުތަކުގެ ވާހަކަ އަމިއްލައަށް އަޑުއަހަންވެއްޖެ ނަމަ، އޭނާގެ އަމިއްލަ ނަފްސުގެ ކިބައިގައި، ނުވަތަ އޭނާގެ ވަށައިގެން، ފެންނަން އޮންނަ ތެދު ވަކިކުރަން ނޭނގޭ ހިސާބަށް އޭނާގެ ކަންތައްތައް ހިނގައިދާނެއެވެ. އަދި، އެހެންވެ، އޭނާއަށާއި އެެހެން މީހުންނަށް ކުރާ އިހުތިރާމު ގެއްލޭނެއެވެ. އެ އިހުތިރާމުގެ ގެއްލުމުން އޭނާގެ ކިބައިން މީހުންނަށް އަޅާލައި ލޯބިކުރުމުގެ ސިފަ ނެތިގެން ދާނެއެވެ."

އާދެ، މިތަނުގައި ޑޮސްޓޮއެވްސްކީ ބުނެފައިވަނީ ވަރަށް ވެސް މުހިއްމު ވާހަކައެކެވެ. ދޮގު ހެދުމުގެ ނުރައްކަލެވެ. އެކަމުގެ ސަބަބުން ތެދާއި ދޮގު ވަކިކުރަން ނޭނގުމެވެ. މާނައަކީ ކޮންމެ އެއްޗެއް ވެސް ބުނަން ޖެހިލުން ނުވުމެވެ. ކިތަންމެ ބޮޑު ބުހުތާނެއް ވެސް ހަދާލާކަށް ފަހެއް ނުޖެހޭނެއެވެ. މިކަމުގެ ސަބަބުން އޭނާގެ އިންސާނީ ކަރާމާތް، އޭނާ އިންސާނަކަށްވާތީ ލިބެން ޖެހޭ ގަދަރާއި އިހުތިރާމު ގެއްލެއެވެ. އަދި، މީހުންނަށް އަޅާލުމާއި ލޯބިދިނުމުގެ އެކަށޭނަކަން ވެސް އޭނަގެ ކިބައިން ނެތިދެއެވެ.

މިފަދަ މަންޒަރުތައް އަޅުގަނޑުމެންގެ ތެރެއިން ވެސް ފެނެއެވެ. އެއްވެސް ޖެހިލުމެއް ނެތި، އެންމެންގެ ކުރިމަތީގައި ކޮންމެ ފަދަ ބޮޑު ބުހުތާނު ދޮގު ހަދާލަން ކެރޭ މީހުންނެވެ. ނޫސްތައް ބަލާލުމުން މީގެ މިސާލުތައް ފެންނާނެއެވެ. މިތަނުގައި ފާހަގަކޮށްލުން މުހިއްމީ ޑޮސްޓޮއެވެސްކީ އިޝާރަތްކުރާ ފަދައިން، ދޮގު ހެދުމުގައި ހައްދުފަހަނާއެޅުމުގެ ސަބަބުން، އެފަދަ މީހުންނަށް ވަނީ ނަފްސާނީ ބައްޔެއް ޖެހިފައެވެ. އެމީހުންނަށް އެމީހުންގެ ކުރިމަތީގައި އެމީހުންގެ އަމިއްލަ ނަފްސު ބޮޑުވުމުގެ ސަބަބުން، ކަންކަން އޮޅިދަނީއެވެ. އެހެން އެންމެން ކުޑަވެ، އެހެން އެންމެން ކުޑަކުދީން ހެން، އެފަދަ އެމީހުން ބުނާއެއްޗެއް، އެފަދަ މީހުންގެ އަނގައިން ނިކުންނާތީ ގަބޫލުކުރާނެ ކަމަށް ބެލެވެނީއެވެ. އެހެންވެ، ހަގީގަތަކަށް ބެލުމުގެ ބޭނުމެއް ނެތި، ތެދަކީ ދޮގު ކަމަށްވެ، ދޮގު ތެދަށް ވެގެން ދަނީއެވެ.

ނަފްސަނީ މި ބަލިން ސަލާމަތްވުމަށްޓަކައި، ޑޮސްޓޮއެވްސްކީ ބުނެފައި އޮތް ފަދައިން އަމިއްލަ ނަފްސަށް އޮޅުވާލައި ދޮގު ހެދުން ދޫކޮށްލަން ޖެހެއެވެ. އެކަމުގެ ސަބަބުން ތިމާގެ ކިބައިގައި ހުންނަން ޖެހޭ އިންސާނީ މާތް ސިފަތަކުގެ އެންމެ ކުޑަ މިންވަރުވެސް ނެތި އުނިވެގެންދާތީއެވެ.