ޔަމަނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާއާއި ޢުމާނުގެ ގުޅިފައިވާ ބޮޑު ވަފްދެއް ވަރަށް އަވަހަށް ޔަމަނުގެ ވެރިރަށް ޞަންޢާއަށް ދާނެކަމަށް ރޮއެޓަރޒްއިން ބުނެފިއެވެ.
މި ވަފްދުގެ ބައިވެރީންނާ ޙަވާލާދީ ބުނާގޮތުގައި މި ވަފްދު ޞަންޢާއުގައި ޔަމަނު ހަނގުރާމަ ދާއިމީ ސިފައެއްގައި ހުއްޓުމާ ބެހޭގޮތުން "އަންޞާރުﷲ" ޖަމާޢަތާއެކު ވާހަކަދައްކާނެއެވެ. އަންޞާރުﷲ ޖަމާޢާތަކީ ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޙޫޘީންގެ އިސްވާރުންނެވެ.
މީގެ އަށް އަހަރު ކުރިން ޔަމަނުގައި ފެށިފައިވާ އަހްލީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެޙެގޮތުން މި ހަފުތާގައި ފެށޭ ވާހަކަދެއްކުންތައް ނަތީޖާއަކާ ހަމައަށް ވަރަށް ދާނެކަމަށް ލަފާކުރެވެއެވެ. ރޮއެޓަރޒް ލަފާކުރާ ގޮތުގައި މިއަންނަ ފިޠުރު ޢީދުގެ ކުރިން ހަނގުރާމަ ހުއްޓުމާބެހޭ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.
މި ވާހަކަދެއްކުންތަކުގައި އެންމެ އިސްކަންދެވޭނީ ޔަމަނުގެ ކަނޑުގެ ބަނދަރުތަކާއި ވައިގެ އެންމެހައި ބަދަރުތައް ހުޅުވުމާއި މުވައްޒަފުންނަށް މުސާރަދިނުމާއި ޤައުމު އަލުން ބިނާކުރުމާއި ޔަމަނުގެ މަސްއަލައަށް ސިޔާސީ ޙައްލެއް ގެނައުން ވެއެވެ.



advertisment