ފަރަންސޭސި ރައީސް ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިނގްގެ އަރިހުން ކަންތައްތަކަކަށް އެދިވަޑައިގެންނެވިއެވެ. ރައީސް މެކަރޯންގެ މުހިއްމަތު ވަރަށް ބުރަ ކަމަށް މުޙައްލިލުން ސިފަކުރެއްވިއެވެ. ރައީސް މެކަރޯން ޗައިނާގެ ރައީސް ޝީގެ އަރިހުން އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ރަޝިޔާއަށް ހަތިޔާރު ނުފޮނުވުން ވެއެވެ.
އެމެރިކާގެ އެކްސިއޮސް އޮންލައިން ނޫސް އިއްޔެ ބުނިގޮތުގައި ޔުކްރޭން ހަނގުރާމައިގައި ރައީސް ޕޫޓިނާއެކު ބާޒީނުމެރުއްވުމަށް ވެސް ރައީސް މެކަރޯން ޗައިނާގެ ރައީސް ޝީއަށް ދެންނެވިއެވެ.
ރައީސް މެކަރޯނާއި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ އުރްސޫލާ ވެންޑަރ ލައިނާ އިއްޔެ ބޭޖިންގްގައި ރައީސް ޝީއާ ބައްދަލު ކުރެއްވިއެވެ. ރައީސް މެކަރޯން ރައީސް ޝީއަށް ދެންނެވި ގޮތުގައި "ރަޝިޔާ ހޭޖެއްސުމަށް ޓަކައި" އޭނާ ރައީސް ޝީގެ މައްޗަށް ބަރޯސާވެ ވަޑައިގަންނަވައެވެ.
ފަރަންސޭސި މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި ސުލްޙަ ޤާއިމުކުރުމަށް ޓަކައި ޗައިނާއިން މަސައްކަތް ކުރުމަށް ރައީސް މެކަރޯން އެދިވަޑައިގަންނަވައެވެ. ފަރަންސޭސި މި މަސއޫލުވެރިޔާ ވިދާޅުވި ގޮތުގައި މެކަރޯން އެދިވަޑައިގަންނަވަނީ އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކާ ޚިލާފަށް ޗައިނާއާއެކު ތިލަފަތް ހަމަ ތަވާޒުނު ސިޔާސަތެއް ގެންގުޅެއްވާށެވެ. ޗައިނާއާއެކު ހަރުކަށި ސިޔާސަތެއް ގެންގުޅުމަށް ފަރަންސޭސިވިލާތުގެ ސިޔާސީ ޕާޓީތައް ތާއީދެއް ނުކުރެއެވެ.
އިއްޔެގެ ރަސްމީ ބައްދަލު ކުރެއްވުމުގެ މަސައްކަތު ތާވަލުގައި އެންމެ އިސްކަންދީފައި ވަނީ ޔުކްރޭން ހަނގުރާމައަށެވެ. ހުޅަނގުގެ ޤައުމުތަކުން އެދެނީ ރައީސް ޝީ ޔުކްރޭންގެ ރައީސް ޒިލެންސްކީއާ ބައްދަލު ކުރެއްވުމަށެވެ. ރައީސް ޕޫޓިނާ ބައްދަލު ކުރެއްވި ގޮތަށެވެ. މެކަރޯން ރައީސް ޝީއަށް ދެންނެވި ގޮތުގައި ރައީސް ޝީގެ "ބޮޑު ރަޙްމަތްތެރިޔާ ޕޫޓިނަށް" ހަތިޔާރު ދެއްވައިފިނަމަ އޭގެ ނަތީޖާ ވަރަށް "ނުބައިވާނެ" އެވެ. އެމެރިކާއާއި ހުޅަނގުގެ ގިނަ ޤައުމުތަކުން ވަނީ ރައީސް ޝީގެ ބާރަ ނުކުތާގެ ޞުލްޙައިގެ މަޝްރޫޢާ ދެކޮޅު ހަދައިފައެވެ. އެ ޤައުމުތަކުން ތުހްމަތުކުރާ ގޮތުގައި ޝީގެ މަޝްރޫޢަކީ "ޑިޕްލޮމެޓިކް ހިޔާވަހިކަމެއް" ހޯދައިދިނުމަށް ޗައިނާއިން ކުރާ "އޮޅުވައިލުމުގެ" މަސައްކަތެކެވެ.
އެހެނަސް ރައީސް މެކަރޯން ވިދާޅުވާ ގޮތުގައި ޝީގެ މަޝްރޫޢު ނަމޫނާ މަޝްރޫޢަކަށް ނުވިޔަސް "އެއީ ޞުލްޙައަށް މަގު ހުޅުވައިލަ ދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފާނެ މަޝްރޫޢަކަށް ވެދާނެ"އެވެ.
ރައީސް މެކަރޯން ދެކެވަޑައިގަންނަވާ ގޮތުގައި ބޭޖިންގް އެއްފަރާތަށް ލުމަށް މަސައްކަތް ކުރުމަށްވުރެ ރަނގަޅުވާނީ ބޭޖިންގާ ގުޅިގެން ޗައިނާގެ ސިޔާސަތު ބަދަލު ކުރުމަށް މަސައްކަތްކުރުމެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ޗައިނާއާއެކު ވާހަކަދައްކާ ޤައުމަކަށް ރަޝިޔާ އެކަނި ވިޔަދީގެން ނުވާނެ ކަމަށް މެކަރޯން ވިދާޅުވިއެވެ.
ރައީސް ޝީ، ރައީސް މެކަރޯނާ ބައްދަލު ކުރެއްވިއިރު އޭނާގެ ސިޔާސަތަށް އެއްވެސް ބަދަލެއް އަންނާނެކަމުގެ އެއްވެސް އިޝާރާތެއް ނުދެއްވައެވެ.
ޕޮލިޓޯ މަޖައްލާ ބުނާގޮތުގައި މެކަރޯނާ ވާހަކަފުޅު ދެއްކެވިއިރު ޝީގެ ފުށުން ފެނިގެން ދިޔައީ ހުޅަނގުގެ ސިޔާސަތާ މެދު ޗައިނާ ކެތްމަދުވަމުންދާ ތަނެވެ.
ޔޫރަޕްގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މަސްއޫލުވެރިޔާ ވޮންޑަރ ލައިނަށް ޗައިނާއިން ކީ މަރްޙަބާ ވަރަށް ފިންޏެވެ. ރައީސް މެކަރޯނާއެކު ރައީސް ޝީ ހޭދަކުރެއްވި ވަގުތު ނިސްބަތުން މާ ދިގެވެ.
މިއަދު ރައީސް ޝީ ރައީސް މެކަރޯނާއެކު މެންދުރުގެ މަސައްކަތު ފަރިއްކޮޅެއް ވެސް ބޭއްވެވިއެވެ.



advertisment