Support Us

ސައުދީ އެމްބަސީން ރޭ ބޭއްވި ރޯދަވީއްލުމުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު (ކ) -ފޮޓޯ: މަޖިލިސްގެ އިދާރާ

މި ފޮޓޯގެ ހަގީގަތަކީ މިއީ، ރައީސް ވަހީދު ތަފްސީލް ދެއްވައިފި

މިއަދުގެ ފޮޓޯއަކީ މިއީއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ނަޝީދުގެ އިސްތިއުފާއަށް ފަހު ރައީސްކަމުގެ ހުވާކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއާ ދެ ބޭފުޅުން އެކުގައި ތިއްބެވި ފޮޓޯއެވެ. މި ފޮޓޯއަކީ ސައުދީ އެމްބަސީގެ ފަރާތުން ހޮޓެލް ޖެންގައި ރޭ ބޭއްވި ރޯދަވީއްލުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނަގައިފައިވާ ފޮޓޯއެކެވެ.

މި ފޮޓޯގައި ދެ ބޭފުޅުންގެ މޫނުފުޅުމަތިން ވެސް ފެންނަނީ ނުހަނު އުފާވެރިކަމާއި އެހާމެ ހިނިތުންވުމެކެވެ. އެއީ 2008 ގައި މި ދެ ބޭފުޅުން އެކުގައި، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރުވެސް ފެނިގެންދިޔަ ފަދަ އުފާވެރިކަމަކާއި އުންމީދުން ފުރިގެންވާ ހިނިތުންވެރިކަމެކެވެ. ރަން ތިރީހުގެ ބާނީ ރައީސް މައުމޫނާ ވާދަކުރައްވައި އެ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ނަޝީދު ވަޑައިގަތީ ރައީސް ކަމަށެވެ. ޑރ. ވަހީދު، ނައިބު ރައީސް ކަމަށެވެ. އެކަމަކު ނަޝީދުގެ ވެރިކަމުގެ ހަނީމޫންތެރޭގައި ގައުމުގައި އުފެދިގެންދިޔަ ސިޔާސީ ހަލަބޮލިކަމާއި މަދަނީ ބަސްނޭހުމުގެ ހޫނުގަނޑުގައި، ފެބްރުއަރީ 7، 2012 ގައި ނަޝީދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން ރައީސްކަމުގެ ހުވާ ކުރެއްވީ ޑރ. ވަހީދެވެ. އެ ދެ ބޭފުޅުންގެ ގުޅުމަށް ބުރޫއަރައި، މޫނު ކެނޑިގެންދިޔައީ އެ ހިސާބުންނެވެ.

އެއާއެކު ގައުމުގެ މުޅި ސިޔާސީ އޮއިވަރު ބަދަލުވެ، ރައީސް ނަޝީދާއި އެމް.ޑީ.ޕީގެ އެންމެ ބޮޑު ހަތުރަކަށް ޑރ. ވަހީދު ވެގެންދިޔައެވެ. އަދި އަމިއްލަފުޅަށް ލިޔުއްވި ސިޓީއަކުން ނަޝީދު ދެއްވި އިސްތިއުފާ އަކީ ޑރ. ވަހީދު އަޑީގައި ހުންނަވައިގެން ގެންނެވި ބަގާވާތެއް ކަމަށް ބުނެ، އެމް.ޑީ.ޕީ މުޒާހަރާއަށް ނުކުމެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކޯޓުތަކާއި ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖަހަންފެށިއެވެ. ޑރ. ވަހީދަށް ނިސްބަތްކޮށް ހުތުރު އެކި ނަންނަމުން ހަޅޭއްލަވައި، އުސްފަސްގަނޑަށް ނުކުމެ ފޮތިތައް ދަމައި ކާޅުތައް ކަތިލައި، އަޑުގަދަކުރަމުންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުން ނަޝީދު (ކ) އިސްތިއުފާ ދެއްވަނީ.. 7 ފެބްރުއަރީ 2012

ރައީސް ނަޝީދުގެ ރިޔާސީ ދައުރުގެ ބާކީ ދެ އަހަރު، މި ހަމަނުޖެހުންގަނޑު ތެރޭގައި، އާ ކެބިނެޓަކާއެކު، ޑރ. ވަހީދު ފުރިހަމަ ކުރެއްވިއެވެ.

ނަޝީދު އިސްތިއުފާ ދެއްވީ ބަގާވާތަކުންތޯ ނޫނީ އެހެން ގޮތަކުންތޯ ބެލުމަށް ކޮމަންވެލްތުގެ ބެލުމުގެ ދަށުން ކޮމިޝަނެއް ހަދައި، "ކޯނީ" ރިޕޯޓު ނެރުނެވެ. ނަޝީދުގެ ފަރާތުން ވެސް މަންދޫބަކު ހިމަނައިގެންނެވެ. "ކޯނީ" ތަހުގީގުން ނިންމީ އެއީ ބަގާވާތެއް ނޫން ކަމަށެވެ. އެކަމަކު ނަޝީދާއި އެމްޑީޕީގެ އެންމެން ވެސް އަދިވެސް ބުނަމުން އަންނަނީ އެއީ ކަނޑައެޅިގެން ކުރި ބަގާވާތެއް ކަމަށެވެ.

އަދި އެހެން ކަމެކެވެ. ނަޝީދާއި އެމްޑީޕީގެ މީހުން ވާހަކަ ދެއްކުމުގައި ވެސް ދުވަހަކު ވެސް ކުރީގެ ރައީސްގެ ނަމުން ޑރ. ވަހީދަށް މުހާތަބެއް ނުކުރެތެވެ. މުޅިން ވެސް ބުނަނީ "ކުރީގެ ނައިބު ރައީސް" ކަމަށެވެ. އެމްޑީޕީންނަށް ގަބޫލްނުކުރެވުނަސް، ޑރ. ވަހީދުގެ ނަން ތާރީހުގައި ލިޔެވިގެން ގޮސްފައި ވަނީ ރާއްޖޭގެ ހަތަރު ވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ޑރ. މުހައްމަދު ވަހީދު ހަސަން ކުރައްވަނީ- 8 ފެބްރުއަރީ 2012

ކޮންމެހަކަސް، ފެބްރުއަރީ 7، 2012 ގައި ނަޝީދާއި ރައީސް ވަހީދު ރަސްމީކޮށް މޫނުކެނޑުނު ގޮތަށް، އާންމުންގެ ތެރެއިން އެ ދެ ބޭފުޅުން މިގޮތަށް ފެނިފައެއް ނުވެއެވެ. ރަސްމީ ބައެއް ޖަލްސާއަކަށް ދެ ބޭފުޅުން އެކުގައި ވަޑައިގެން ނަމަވެހެވެ.

ގިނަ ބަޔަކަށް އަޅައިގެންފައި ނުވިޔަސް، އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރައްވަން 18 ނޮވެމްބަރު 2018 ގައި ގަލޮޅު ދަނޑުގައި ބޭއްވި ބިޔަބޮޑު ރަސްމީޔާތުގައި ވެސް ދެ ބޭފުޅުން އެކުގައި ބައިވެރިވެވަޑައިގަތެވެ. ހަތެއް ފެބްރުއަރީ އަށްފަހު ރައީސް ނަޝީދާއި ރައީސް ވަހީދު ފުރަތަމަ ބައްދަލުވެ، ސަލާންގަލާންކޮށް ހެއްދެވީ އެ ދުވަހުއެވެ. ރެއަކީ، އޭގެ ފަހުން އެ ދެބޭފުޅުން ބައްދަލުވި ފުރަތަމަ ފަހަރެވެ. 

"ސައުދީ އެމްބަސީގެ އިފްތާރު ދައުވަތަކަށް އަޅުގަނޑުމެން ދިޔައީ. ދިޔައިރު އަޅުގަނޑަށް އެނގޭ އަޅުގަނޑު އިންނާނީ ރައީސް ނަޝީދު އަރިހުގައިކަން. ދެން ސަލާމް ކޮށްލައި، އަނެއްހެން ހާލުއަހުވާލު އަހާލުމަށް ދެއްކި ވާހަކައެއް ދެއްކުނީ. އިތުރު ވާހަކައެއް އަޅުގަނޑުމެން ނުދައްކަން،" ރޭގެ މި ބައްދަލުވުމާ ބެހޭ ގޮތުން މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއު "އަދިވެސް" އަށް ދެއްވަމުން ރައީސް ވަހީދު މިއަދު ވިދާޅުވިއެވެ.

ގިނަ ބަޔަކަށް ހީވެފައި އޮތީ ހަތެއް ފެބްރުއަރީ އަށްފަހު ރައީސް ނަޝީދާއި ރައީސް ވަހީދު ބައްދަލުނުވާ ކަމަށެވެ. އެހެންވެ އޭގެ ތަފްސީލެއް ވެސް ރައީސް ވަހީދު ދެއްވިއެވެ.

"މީގެ ކުރިން ވެސް ރައީސް ނަޝީދާ ބައްދަލުވިޔޭ. އެއީ ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމީޔާތުގައި ގަލޮޅު ދަނޑުން. އެތަނުން ބަދަލުވެ އަޅުގަނޑުމެން ދެ މީހުން ސަލާން ކުރިން. ދެން އަޅުގަނޑު ފެނުނީމާ ސަލާމްނުކުރައްވަންވީ ސަބަބެއް ނެތެއްނޫންތޯ. އަޅުގަނޑުމެން މުސްލިމުންނަށް ވީއިރު ސަލާމްކުރަންޖެހޭނެ ނޫންތޯ،" ރައީސް ވަހީދު ވިދާޅުވިއެވެ. "އަޅުގަނޑު ވަރަށް އުފާކުރިން ރޭގައި (ރައީސް ނަޝީދާ) ބައްދަލުވީތީ."

ތެދެކެވެ. ރައީސް ވަހީދު ވިދާޅުވި ވާހަކަ މި ފޮޓޯއިން ވެސް ސާބިތުކޮށްދެއެވެ. މި ފޮޓޯއިން ފެންނަ ގޮތުގައި، ރައީސް ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމީޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި ރައީސް ނަޝީދު ސަލާމްކުރައްވާއިރު، އަރިހުގައި ރައީސް ވަހީދު ހުންނެވިއެވެ. އަދި އަނެއް ފަޅީގައި ރައީސް މައުމޫން ވެސް ހުންނެވި އެވެ. އެހެންވެ ބެލެވެނީ ކުރީގެ ތިން ރައީސުން އެއްކޮށް ތިއްބަވަނިކޮށް މޯދީ ވެސް އެތަނަށް ވަޑައިގެންނެވީ ކަމަށެވެ.

ރައީސްކަމުގެ ދެ ވަނަ ދައުރަކަށް ރައީސް ސޯލިހު ވަޑައިގަތުމަށްޓަކައި ރޭސް ފައްޓަވައި، އެމް.ޑީ.ޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ޖެހުނީ ރައީސް ނަޝީދާ ވާދަކުރައްވައިގެންނެވެ. އަދިވެސް އެ ވާދަވެރިކަން ނުނިމެއެވެ. ނަޝީދު ބޭނުންފުޅުވަނީ ކޮންމެ ގޮތަކުން ސޯލިހު މިއަހަރު ބަލިކުރައްވާށެވެ. އެހެންވެ "ފިކުރެއްގެ ދިރުން" ނަމުގައި އެމް.ޑީ.ޕީގެ ތެރޭގައި ފެކްޝަނެއް ހައްދަވައިގެން ގެންދަވަނީ އެހެން ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

"އެއްވެސް ސިޔާސީ ވާހަކައެއް ރޭ ދެކެވުނުތޯ؟ ސިޔާސީ ކޮން ފަޅިއެއްގައިތޯ ތި ހުންނެވީ؟" ރައީސް ވަހީދަށް ދަންނަވާލީމެވެ.

"އިތުރު ވާހަކައެއް އަޅުގަނޑުމެން ނުދައްކަން، ބަނޑުހައިވެފައި ނޫންތޯ ތިބޭނީ. އެހެންވެ ދެން ކެއީ،" ރައީސް ވަހީދު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ނޫންތޯ. އެހެންވެ އެގޮތުގައި އަޅުގަނޑުމެން މިތިބި."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *