ލުބްނާނުތެރެއިން ލައިފައި އިސްރާއީލުގެ އުތުރުގެ ބައެއް ރަށްތަކަށް ދެވުނު ރޮކެޓް ޙަމަލާތަކާ ވިދިގެން އެ ޙަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ރޭ ފަތިހު ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ.
މި ޙަމަލާ ދިންތާ ދިހަވަރަކަށް މިނެޓް ތެރޭގައި އިސްރާއީލުގެ ސަދީރޫތުގައި އިންޒާރުގެ ކަށިގަނޑު އެޅިގެން ދިޔައެވެ. މިއީ ޙަމާސުން ދިން ރޮކެޓް ޙަމަލާއަކާ ވިދިގެން ދެވުނު އިންޒާރެކެވެ.
ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔަކަމުގައިވާ ޢިއްޒުއްދީނުލް ޤައްސާމު ފައުޖު ބުނާގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކަށް ބިމުން ޖައްވަށް ފޮނުވޭ ރޮކެޓްތަކުން އެ މީހުން ހުރަސްއެޅިއެވެ.
ފަލަސްޠީނުގެ މަދަނީ ދިފާޢާ ބެހޭ އިދާރާ ބުނާގޮތުގައި އިސްރާއީލުން ބޮމުގެ ޙަމަލާތައް ދީފައިވަނީ ޣައްޒާ ސަހަރުގެ އިރުމަތީ ފަރާތުގައި އޮންނަ ބިމަކަށެވެ.މި ޙަމަލާގެ ސަބަބުން އެ ހިސާބާ ކައިރީގައި ހުރި ޢިމާރާތެއް ވެއްޓުނެވެ. މި އިދާރާގެ ތަރްޖަމާނު މަޙްމޫދު ބަޞަލު ވިދާޅުވި ގޮތުގައި މި ޙަމަލާގެ ސަބަބުން މީހަކަށް ކަމެއް ނުވެއެވެ. އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި ވެއްޓުނު ގެއަކީ ފަޅު ގެއެކެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނިގޮތުގައި އިސްރާއީލުން ޣައްޒާގެ ތަންތަނަށް ދިން ޙަމަލާތަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އިސްރާއީލުގެ ޢަސްކަރިއްޔާއިން ހާމަކުރި ގޮތުގައި އިސްރާއީލުން ޙަމަލާދިނީ ޣައްޒާގެ ދެ ބިންގަރާހަކަށާއި ހަނގުރާމަ މަތީ ވަސީލަތްތައް އުފައްދާ ދެ ތަނަކަށެވެ.އިސްރާއީލުން ތުހްމަތުކުރާ ގޮތުގައި މިއީ ޙަމާސުގެ މަރްކަޒުތަކެކެވެ.
އިސްރާއީލުގެ ޢަސްކަރީ ބަޔާން ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ޙަމަލާތަކުގެ އެއް އަމާޒަކީ ބައިތު ޙަނޫން ސަރަޙައްދުގެ ބިންގަރާސް މަގަކާއި ޚާން ޔޫނުސްގެ ބިންގަރާސް މަގެކެވެ. މި ދެ ތަނަކީ 2021 ގެ މޭމަހުގައި އިސްރާއީލުން ދިން ޢުދްވާނުގައި ހަލާކުކޮށްލައިފައިވާ ދެ ބިންގަރާހެކެވެ. މި ދެ ތަން ބިނާކުރެވޭތޯ ޙަމާސުން މަސައްކަތް ކުރަމުންދާ ކަމަށް އިސްރާއީލުން ބުންޏެވެ.
ފަލަސްޠީނުގެ ޖިހާދީ ޖަމާޢާތްތަކުން ރޭ ނެރުނު ގުޅިފައިވާ ބަޔާން ބުނާގޮތުގައި "އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކަށް ކުރިމަތިލުމަށް އެ ޖަމާޢަތްތަކުން އޮތީ ރަނގަޅަށް ތައްޔާރުވެގެންނެވެ."
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ރޭ ވިދާޅުވިގޮތުގައި ދެކުނު ލުބްނާނުތެރެއިން އިސްރާއީލަށް ދެވުނު ރޮކެޓް ޙަމަލާތައް ދިނީ ޙަމާސުންނެވެ. އެކަމުގައި ޙިޒްބުﷲ ގެ ބައިވެރިވުމެއް ނެތެވެ. އޭނާ ވިދާޅުވިގޮތުގައި "އިސްރާއީލަށް މި ދިން ޙަމަލާތަކުގެ އަގު ޙަމާސަށް ދައްކަން ޖައްސުވާނަމެވެ."
އިސްރާއީލު ސިފައިންގެ ތަރްޖަމާނު އަވީޚާއި އަދްރަޢީ ވިދާޅުވި ގޮތުގައި ލުބްނާނު ސަރުކާރުން ވެސް މި ޙަމަލާއަށް ޒިންމާވާން ޖެހޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކަމުގައި އީރާނުގެ އަތެއް ވޭތޯ އިސްރާއީލުން މި ދަނީ ބަލަމުންނެވެ. އިސްރާއީލުގެ ޢަސްކަރީ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި ދެކުނު ލުބްނާނުގެ ތެރެއިން އުތުރު އިސްރާއީލުގެ ރަށްތަކަށް 34 ރޮކެޓް ފޮނުވައިލައިފާ ވެއެވެ. ފަލަސްޠީނުގެ މުޖާހިދުން އިތުރު ޙަމަލާއެއް ދީފާނެތީ ބިރުން އުތުރު އިސްރާއީލުގެ ރަށްތަކުގެ މީހުން ރޭ ތިބީ ރައްކައުތެރިވުމަށް ޓަކައި ބިންގަރާސްތަކަށް ވަދެއެވެ.
އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ހާއާރްތިސް ބުނާގޮތުގައި މިއީ އަޤްޞާ މިސްކިތުގެ ޙާދިސާތަކާ ގުޅިފައިވާ ޙަމަލާތަކެކެވެ.



advertisment