މުޞްޙަފު އެންދުމަށް ޓަކައި ސްވިޑްންގައި މުޒާހަރާތައް ބޭއްވުން މަނާނުކުރެވޭނެ ކަމަށް ސްވިޑްންގެ ހައިކޯޓުން މިއަދު ނިޔާ އިއްވައިފިއެވެ.
މި ނިޔާއާ ވިދިގެން ކީރިތި ޤުރްއާނުގެ އިތުރު ކޮޕީތައް އެ ޤައުމުގައި އަންދަމުންގެންދާނެ ކަމަށް ރިޕޯޓަރުން ބުނެއެވެ. ސްވިޑްންގެ ފުލުހުން މިފަދަ މުޒާހަރާތައް ބޭއްވުން މަނާކުރީ މި ކަމުގެ ސަބަބުން މުޖްތަމަޢު ހަލަބޮލިވެ ނުތަނަވަސްވެ އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުމަށް ނުބައި އަސަރުތައް ކުރަމުންދާނެތީއެވެ.
ހުސްވި ފެބްރުވަރީމަހު ސްވިޑްންގެ ވެރިރަށުގައި ހުންނަ ތުރްކީ އެންބެސީ ކުރިމަތީގައި މުޞްޙަފެއް އަންދައިލަން އުޅުމުން ފުލުހުން ވަނީ އެ ކަން މަނާކޮށްފައެވެ. އެއީ "އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ހަރުކަށި ގަޑުބަޑުތައް ހިނގައިފާނެތީއެވެ. ފުލުހުން މި ކަން މަނާކުރުމުން މިކަން ކުރަން ބޭނުންވާ ހަރުކަށި މީހުން މަސްއަލަ ކޯޓަށް ހުށައެޅިއެވެ. ކޯޓުން އިއްވި ނިޔާ ބުނާގޮތުގައި މިއީ ޤާނޫނުއަސާސީ ޖާމިނުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމެކެވެ."
ކޯޓުން ބުނާގޮތުގައި ފުލުހުންނަށް މި ކަން މަނާކުރުމަށް ޓަކައި އެކަށީގެންވާ ދަލީލުތަކެއް ހުށައެޅިފައެއް ނުވެއެވެ.
ހުސްވި ޖަނަވަރީމަހު ކަނާތު ފިޔައިގެ ޙައްދުފަހަނަޅައިފައިވާ ރަސްމޮސް ބެލޮޑިން ސްޓޮކްހޮލްމުގައި ތުރްކީ އެންބެސީ ކުރިމަތީގައި މުޞްޙަފެއް އަންދައިލުމުން އިސްލާމީ ދުނިޔޭގައި ވަނީ އެކަމާ ދެކޮޅަށް އިޙްތިޖާޖުތައް ބާއްވައިފައެވެ. މި ކަމުގެ ސަބަބުން ސްވިޑްނަށް ވަނީ ނޭޓޯއަށް ވަނުމަށް ކުރާ މަސައްކަތަށް ވެސް ހުރަސްއެޅިފައެވެ.



advertisment