Support Us

ޖަވާހިރެއްގެ އަގު އެނގޭނީ ތާޖިރެއްގެ އަތުގައި ޖެހުމުންނެވެ.

އެއީ ބަނގުލަދޭޝްގައި އުޅުނު ދަނޑުވެރިއެކެވެ. އެއް ދުވަހަކު އޭނާ ދަނޑު ހެއްދުމަށްޓަކައި މުޑުވަށްކުރުމަށް ފަސްގަނޑު ޖަހަމުން ދިޔައެވެ. ކުއްލިޔަކަށް އޭނާ ގެންގުޅުނު މަށަންދަތި ހަރު އެއްޗެއްގައި އަޅައިގަތެވެ.

އެއީ ކޯންޗެއްތޯ ދެނެގަތުމަށް ރަނގަޅަށް ކޮނެގެން ބެލިއިރު އެއީ ބޮޑު ފޮށްޓެކެވެ. ބަލާބެލުމަށް ހީވަނީ ކުރީ ޒަމާނުގައި މީހުން ޚަޒާނާ ކުރުމަށް ބޭނުންކުރާ ޒާތުގެ ފޮށްޓެއްހެނެވެ. އެހެންކަމުން ދަނޑުވެރިޔާ ވީއުފަލެއްގެ ބޮޑުކަމުން އަވަސްއަވަހަށް އެފޮށި ނަގައި ހުޅުވައިލިއެވެ. ރަނގަޅަށް ބެލިއިރު އޭގައި ހުރީ ހިލަތަކެކެވެ. މިކަމާ ދަނޑުވެރިޔާ ވަރަށް ބޮޑަށް މާޔޫސްވިއެވެ. ނަމަވެސް މި ހިލަތައް އުކާލުމުގެ ބަދަލުގައި ދަނޑުވެރިޔާ އެފޮށި ހުރި ގޮތަށް ދަނޑުގެ އެއް ފަރާތެއްގައި ބެހެއްޓިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ދަނޑުވެރިޔާ އިންދި ގަސްތައް ހެދި މޭވާ އަޅައި ފައްކާވިއެވެ. އަދި އެ މޭވާތައް ކެއުމަށްޓަކައި ދޫނިތައް ބައިބަޔަށް އަންނަން ފެށިއެވެ. އެހެންކަމުން މިދޫނިތައް ފައްސާލުމަށްޓަކައި ދަނޑުވެރިޔާ އެއްކަލަ ހިލަތައް އެތަންމިތަނަށް އުކަމުން ދިޔައެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ދަނޑުވެރިޔާ އާދައިގެ މަތިން ދަނޑަށް އަންނަ ދޫނިތައް ފައްސަމުން ދިޔައެވެ. އެގޮތުން އެއްކަލަ ފޮށިން ނަގައި ދޫނިތަކާ ދިމާއަށް ހިލަޔަކަށްފަހު ހިލައެއް އުކަމުން ދިޔައެވެ. އެ ވަގުތު ދަނޑު ކައިރިން ހިނގައިފައިދިޔަ މީހެއްގެ ކުރިމައްޗަށް ދަނޑުވެރިޔާ އެއްލި ދެ ހިލަކޮޅު ވެއްޓުނެވެ. މި މީހަކީ އިތާމުތާއި ރޫބީއާއި ޑައިމަންޑު ފަދަ އަގުބޮޑެތި ޖަވާހިރުގެ ވިޔަފާރިކުރާ މީހެކެވެ. މި މީހާ އޭނާގެ ކުރިމައްޗަށް ވެއްޓުނު ދެ ހިލަކޮޅު ރަނގަޅަށް ބަލާލިއެވެ. އެއަށްފަހު ދެ ހިލަކޮޅު ހިފައިގެން ދަނޑުވެރިޔާގެ ގާތަށް ދިޔައެވެ. އަދި 5،000 ޑޮލަރަށް އޭނާއަށް އެ ހިލަކޮޅު ވިއްކުމަށް އެދުނެވެ. ދަނޑުވެރިޔާ ހީކުރީ މި މީހާ އޭނާއަށް މަލާމާތްކުރަނީ ކަމަށެވެ. އެހެންކަމުން ދަނޑުވެރިޔާ ޖެއްސުމުގެ ރާގެއްގައި ނޫނެކޭ ބުންޏެވެ. އެހިނދު އެމީހާ އަނެއްކާވެސް އެ ހިލަކޮޅަށް 50,000 ޑޮލަރުގެ އަގެއް ހުށަހެޅިއެވެ. އަދި އެއީ ހިލަތަކެއް ނޫން ކަމަށާއި އެއީ ވަރަށް އަގުބޮޑު ޖަވާހިރުތަކެއް ކަމުގައި ބުނެދިނެވެ.

އެ މީހާ މިހެން ބުނުމާއެކު ދަނޑުވެރިޔާއަށް ބާރަށް ރޮއިގަނެވުނެވެ. އަދި ބުންޏެވެ. އަހަރެން އަތުގައި މިހާރު އޮތީ އެންމެ ދެ ޖަވާހިރެވެ. އެހެން ހުރިހާ ޖަވާހިރެއް އެތަންމިތަނަށް އުކައި ހުސްވެއްޖެއެވެ.

އިބުރަތް:

މި ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ އިބުރަތަކީ ކިތަންމެ ބޮޑު ނިއުމަތެއް ލިބުނަސް އެކަމުގެ އަގުވަޒަން ކުރެވޭނީ އެކަން ދަންނަ މީހަކަށް ކަމެވެ. އަދި އެއްޗެއްގެ މުހިންމުކަން އެނގޭނީ އެ އެއްޗެއް ބީވެދިޔުމުން ކަމެވެ. ނިކަން ވިސްނާލަބަލާށެވެ. އަހަރުމެންގެ ދިރިއުޅުމުގެ ކޮންމެ ވަގުތުކޮޅަކީވެސް ވަރަށް އަގުހުރި ވަގުތުކޮޅެކެވެ. ނަމަވެސް ވިސްނާލުމެއް ނެތި އަހަރުމެން މިދަނީ އެ ވަގުތުތައް ބޭކާރުކޮށްލަމުންނެވެ. ދަނޑުވެރިޔާ ވެސް އޭނާއަށް ލިބުނު އަގުބޮޑު ޖަވާހިރުތައް އުކާލި ފަދައިން އަހަރެމެންވެސް މިދަނީ އަހުރެމެންނަށް ލިބިފައިވާ އަގުހުރި ވަގުތުތައް ބޭކާރު ގޮތުގައި ނަގާލަމުންނެވެ. އަހަރުމެންނަށް މި ބޭކާރު ކުރެވުނީ ކިހާ އަގުބޮޑު ވަގުތު ތަކެއްކަން މާދަމާ، ގިޔާތްމަތް ދުވަހުން ވިސްނޭނެއެވެ. އެހެންނަމަވެސް އޭރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް އަޒުމް ކަނޑައަޅަންވީ ދުނިޔޭގައި ދިރިއުޅުމަށް ލިބިފައި މިވާ ކުޑަކުޑަ ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށެވެ. އަދި ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަނެ ބޭކާރު ގޮތުގައި ވަގުތު ހޭދަނުކޮށް ވީހާވެސް ގިނައިން ހެޔޮ އަމަލުކުރުމަށެވެ. މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތްކޮށް އަންނަން އޮތް ބޮޑު ދުވަހަށް ތައްޔާރުވުމަށެވެ.

ނޯޓު: މި ވާހަކައަކީ މުހައްމަދު އަބޫ ޔޫސުފްގެ "20 ރިމައިންޑަރސް" ފޮތުގައި ޝާއިއުކޮށްފައިވާ ވާހަކައެއްގެ ތަރުޖަމާއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *