ދެ ޤައުމުގެ ދެމެދުގައި އިތުބާރު ބަދަލުކުރުމަށާއި އެއްބާރުލުމުގެ މަޖާލު ފުޅައު ކުރުމަށް ޓަކައި އީރާން– ސުޢޫދީ އެއްބަސްވުން ތަންފީޒު ކުރެވެމުންދާ ގޮތް ބަލައި މި އެއްބަސްވުމަށް މަގުފަހިކޮށްދިނުން މުހިއްމު ކަމަށް ސުޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާނާއި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން ވިދާޅުވެއްޖެއެވެ.
ބޭޖިންގްގައި މިއަދު ބައްދަލުކުރެއްވުމަށް ފަހު އެ ދެބޭފުޅުން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެ ސަރަޙައްދަށް އަމާންކަމާއި ހަމަޖެހުމާއި ފާގަތިކަން ތަނަވަސްވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ތެރެއިން އެ ދެ ޤައުމުގެ އެންބެސީތައް ހުޅުވޭނެއެވެ. އަދި ވައިގެ ދަތުރުފަތުރުތައް ވެސް އަލުން ފެށޭނެއެވެ.
މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާން ބުނާގޮތުގައި ދެ ވަޒީރުން 10 މާރިޗުގެ އެއްބަސްވުން އަކުރުންއަކުރަށް ތަންފީޒު ކުރައްވަން އެދިވަޑައިގަންނަވައެވެ. އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ހަރުދަނާކޮށް އައު އުސްމިންތަކަކާ ހަމައަށް އުފުއްލަވަން ބޭނުންފުޅުވެއެވެ. އަދި 1998 ވަނައަހަރުގެ މޭމަހުގެ 27 ގައި ރިޔާޟާއި ޠަހަރާން އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދާއި ވިޔަފާރިއާއި ފަންނިއްޔަތާއި ސައެންސާއި ކުޅިވަރާއި ސަޤާފަތާއި ޒުވާނުންނާ ބެހޭ މައިދާންތަކުގައި ގުޅުންތައް ފުޅައު ކުރުމަށް ވެސް ދެ ވަޒީރުން އެއްބަސްވެ ވަޑައިގަތެވެ. އެޕްރިލް 17، 2001 ގައި އީރާނާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުމާ ބެހޭގޮތުން އެއްބަސްވެފައިވާ އެއްބަސްވުމަށް އަލުން ޢަމަލުކުރަން ފެށުމަށް ވެސް ސުޢޫދީވަޒީރާއި އީރާނުގެ ވަޒީރު އެއްބަސްވެވަޑައިގަތެވެ.
ދެ ވަޒީރުންގެ ގުޅިފައިވާ ބަޔާން ބުނާގޮތުގައި ޗައިނާގައި އެ ދެ ޤައުމު އެއްބަސްވެފައިވާ ގޮތުގެ މަތިން އެ ދެ ޤައުމުގެ އެންބެސީތައް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ހުޅުވޭނެއެވެ. މީގެ އިތުރަށް ޖިއްދާއާއި މަޝްހަދުގައި އެ ދެ ޤައުމުގައި ކޮންސަލް ވެސް ހުޅުވޭނެއެވެ.
މި ބަޔާނުގައި ރިޔާޟާއި ޠަހަރާނުން ޗައިނާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކްރު އަދާކޮށްފައިވެއެވެ. ޗައިނާއިން އަދާކުރި މެހެމާންދާރީއަށާއި މި އެއްބަސްވުން އެކުލަވައިލުމުގައި ޗައިނާއިން ކުޅުނު ދައުރުގެ މުހިއްމުކަން ދެ ވަޒީރުން ވެސް ފާހަގަކުރައްވައިފައި ވެއެވެ. އަދި ސްވިޒަރލޭންޑުން އެ ދެ ޤައުމުގެ މަޞްލަޙަތުތައް ބަލަހައްޓައިދިނުމުގައި އަދާކޮށްފައިވާ ދައުރަށް ޓަކައި ސްވިޒަރލެންޑަށް ވެސް ދެ ވަޒީރުން ޝުކްރު އަދާކުރެއްވިއެވެ.
މި ބައްދަލުވުން ނިމުމާއެކު ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން އީރާނުގެ ވަޒީރު ޢަބްދުﷲޔާނަށް ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތުމަށް ދަޢުވަތު އެރުއްވިއެވެ.މި ދަޢުވަތަށް އޭނާ ޝުކްރު އަދާކުރައްވައި ސުޢޫދީ ވަޒީރު ބިން ފަރަޙާނަށް އީރާނަށް ޒިޔާރަތް ކުރެއްވުމަށް ވެސް ދަޢުވަތު އެރުއްވިއެވެ. ބިން ފަރަޙާނުވެސް މި ދަޢުވަތު ޤަބޫލުކުރައްވައި ޝުކްރު އަދާކުރެއްވިއެވެ.



advertisment