Support Us

ކޮލަމް ކޯދު: ކުރުވާހަކަ- އިސްޓާލިން އާއި އަތްބަލާ މީހާ

އެއް ދުވަހަކު، ސޯވިއެޓު ޔުނިއަންގެ މުސްތަބިއްދު ވެރިޔާ، އިސްޓާލިންގެ ދަރުބާރަށް މީހަކު ދިޔައެވެ. އެއީ ކީއްކުރާ މީހެއްތޯ އިސްޓާލިން އެހުމުން، އޭނާއަކީ އަތް ބަލާ މީހެއް ކަމާއި، ކުޑަ އަގެއް ދިނުމުން، އިސްޓާލިންގެ އަތް ބަލާފައި އޭނާގެ މުސްތަގުބަލު އޮތް ގޮތް ބުނެދެވިދާނެކަން އެމީހާ ބުންޏެވެ.

ދެން، އިސްޓާލިން، އޭނާގެ ޖައްލާދަށް އަމުރުކުރިއެވެ. އެ އަތް ބަލާ މީހާގެ ގަޔަށް ބަޑިޖަހައި މަރާލާށެވެ!

އަތްބަލާ މީހާ މަރަން ގެންދިޔުމުން، ހާޒިރުވެ ތިބި މީހުންނާ މުޚާތަބުކޮށް އިސްޓާލިން ބުންޏެވެ. އޭނައަށް ހަގީގަތުގައި ވެސް މުސްތަގުބަލު ބުނެދޭން އެނގޭ ނަމަ، އަހަރެން ގާތަކަށް އޭނަ ނައީހެވެ!

ޝައްކެއް ނެތް ގޮތުގައި، އިސްޓާލިންގެ އިސްތިބްދާދިއްޔަތާއި އޭނާގެ ރަހުމުކުޑަކަން، މިވާހަކަ ކިޔައިދިން މީހަކު މިވާހަކައިން ދައްކުވައިދޭން ބޭނުންވެއެވެ. ވާހަކަ ހަގީގަތަކަށް ނުވި ކަމުގައި ވިޔަސް ވެހެވެ. އެހެންކަމަށް ވިޔަސް، މިވާހަކައިގައި ވެސް މެސެޖެއް އެކުލެވިދާނެތާއެވެ! މި ވާހަކައިގައި އެކުލެވޭ މެސެޖަކީ މިއީ ހެއްޔެވެ؟

މިވާހަކައިގެ މައިގަނޑު މެސެޖަކީ، އަތްބަލާ މީހުންނާއި އަދި މިނޫންވެސް މިފަދަ ހީލަތާއި މަކަރުގެ އަމަލުތައް ހިންގާ މީހުންގެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަން ބުނެދިނުމެވެ.

މިފަދަ ހީލަތްތެރި އަމަލުތަކުގެ ތެރޭގައި ތަފާތު ކަންތައްތައް ހިމެނެއެވެ. ބައްޔެއް ވާއިރަށް، އެކަމަކީ ޖިންނި ޝައިތޯނުންގެ ކަމެކޭ ނުވަތަ ސިހުރާ ގުޅޭ ކަމެކޭ ބުނެވެއެވެ. ދެން، މިކަމާ ވިދިގެން، ގޭގޭގެ ތަންތަން ހަލާކުކޮށް، ތަކެތި އަންދާ ހެދުމަކީ ވެސް މިހާރު އާންމުވެއްޖެ ކަމެކެވެ. ހަދާފައި އޮތް ސިހުރު ހޯދުމުގެ ނަމުގައެވެ. އަަދި ބަލިމީހަކީ، އަންހެނެއް ނަމަ، އެކަން ޖިންނި ޝައިތޯނުންނާއި ނުވަތަ ސިހުރާ މަތިކޮށް، އޭނާއާ ވީހާވެސް ކައިރިވެ، ގައިގޯޅިވުމަށް އޮތް ވަސީލަތަކަށް އޭނާއަށް ޖެހިފައި ކަމަށް ބުނާ ޖިންނި ޝައިތޯނުންނާއި ސިހުރުގެ ކަންތައް ވެގެން ދެއެވެ.

މީގެ އިތުރުން، ރުގުޔާކުރުން ވެސް މި ފަދަ އަމަލުތަކުގެ ތެރޭގައި މިހާރު ހިމެނިއްޖެއެވެ. ރުގުޔާއަކީ ވެސް، މީހުންގެ މުދަލާއި ފައިސާ ބާތިލު ގޮތުގައި 'ކެއުމަށް' އޮތް، އަދި، އެކަމަށް ޝަރުއިއްޔަތު ލިބިގެންވާ ކަމަކަށް ހަދައިފިއެވެ.

އިސްޓާލިން ބުނި ފަދައިން މިއިން ކަމެއްގައި ކުޑަވެސް ހަގީގަތެއް އޮތް ނަމަ، އެކަން ކުރާ މީހުން ބަލިވެއްޖެ ނަމަ، ނުވަތަ، އެމީހުންގެ ގާތް މީހަކު ބަލިވެއްޖެ ނަމަ، އެމީހުން ކަންތައް ކުރާ ގޮތް ތަފާތެވެ. އެމީހުން ސިހުރު ފަންޑިތަ ހަދާކަށް ނޫޅެއެވެ. ނޫން ނަމަ، ރުގުޔާކުރާކަށް ވެސް ނޫޅެއެވެ. އެމީހުން ދުވެފައި ދަނީ ހޮސްޕިޓަލަށެވެ! މީހުން ބަލިވެ އިނދެ، ވިހަން ކައިރިވެ، ވިހެއުން ލަސްވުމުން، ފަންޑިތަ ހަދާ އުޅުނު މީހަކު، އޭނާގެ އަމިއްލަ އަނބި މީހާ ބަލިވެ އިނދެ، ވިހަން ކައިރިވެ، ވިހެއުން ލަސްވުމުން، ފަންޑިތަ ހެދުމުގެ ބަދަލުގައި، އަންހެނުން ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ފަދައިންނެވެ.

މިފަދަ ހީލަތްތަކާއި މަކަަރު ހަދާ މީހުންނަށް، އެމީހުން އެކުރާ ކަމެއް ކުރުމުގެ ފުރުސަތު ލިބެނީ އެމީހުން ލައްވައި އެފަދަ ކަންތައްތައް ކުރުވަން މީހުން އުޅޭތީއެވެ. އެމީހުންގެ ހީލަތާއި މަކަރު ބޭޒާރުވުމުން، އެންމެން ވެސް ރުޅިއާދެއެވެ. ނަމަވެސް، އޭރު އޮންނަނީ ރުޅިއައުމުގެ ވަގުތު ފާއިތުވެ، ވީ ގެއްލުމެއް ވެފައެވެ. މިފަދަ ކަންތައްތައް ހުއްޓުވަންވެއްޖެ ނަމަ، އެންމެ ފުރަތަމައިނުން ވެސް، އެ ކަހަލަ މީހުންނަށް އެ ފުރުސަތު ނުދޭންވީއެވެ. ބަލިވުމުން، ބޭސްފަރުވާކުރުމަށް ޚާއްސަކުރެވިފައިވާ ތަންތަނަށް ގޮސް، ބައްޔަށް ބޭސްކުރަން އުޅެންވީއެވެ.