Support Us

އިސްރާއީލުން އަޤްޞާއަށް ވަދެގަން މަސްއަލަ ސަލާމަތީ މަޖިލީހަށް

 އިސްރާއީލުން އަޤްޞާ މިސްކިތަށް ވަދެ އެތާނގައި އަޅުކަންކުރުން މަނާކުރުމާއި އަޅުކަންކުރަމުންދާ މީހުންނަށް އަނިޔާކުރި މަސްއަލައާމެދު ބަޙުސްކުރުމަށް ޓަކައި ސަލާމަތީ މަޖިލީހުގެ ބަންދު ބައްދަލުވުމެއް މިއަދު ބޭއްވުމަށް ކަނޑައަޅައިފިއެވެ. މި ބައްދަލުވުން ބޭއްވުމަށް ގޮވައިލީ ޗައިނާއާއި އަރަބި އިމާރާތް ގުޅިގެންނެވެ. 

ރޭގައި ވެސް އިސްރާއީލުގެ ބާރުތަކުން އަޤްޞާ މިސްކިތަށް ވަދެ  އަޅުކަންކުރަން ތިބި މީހުންނަށް އަނިޔާކޮށް 350 މީހަކު ހައްޔަރުކުރިއެވެ. 

ޗައިނާއާއި އިމާރާތުން ބުނާގޮތުގައި އެ ދެ ޤައުމުން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވައިލީ "ބަރަކާތްތެރި އަޤްޞާ މިސްކިތަށް އިސްރާއިލުން ވަދެ އަޅުކަންކުރަން ތިބި މީހުންނަށް އަނިޔާކުރުމުގެ ސަބަބުން ފަލަސްޠީނުގެ ބިމަށް ވެރިވަމުންދާ ނުތަނަވަސްކަމާމެދު ބަޙުސްކުރުމަށް ޓަކައެވެ."

އެކުވެރި ޢަރަބި އިމާރާތަކީ ސަލާމަތީ މަޖިލީހުގެ ދާއިމީނޫން މެންބަރެކެވެ.ޗައިނާއާއި އިމާރާތުން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މި ބާއްވަނީ އުރްދުނާއި ފަލަސްޠީނާއެކު ވިލަރެސްކޮށްގެންނެވެ. 

އިޙްތިޖާޖުގެ މުޒާހަރާތައް

އަޤްޞާ މިސްކިތަށް ނަޞްރު ދިނުމަށް ޓަކައި ފަލަސްޠީނުގައި ރޭ  ފެހިރޮނގުތެރޭގައި މުޒާހަރާތައް ބޭއްވުނެވެ. މި މުޒާހަރާތައް ނައްތައިލުމަށް ޓަކައި އިސްރާއީލުން ހަރުކަށި ބާރުތައް ބޭނުންކުރިއެވެ. 

ރޭ އުއްމުލް ފަޙްމު ގެ ރައްޔިތުން އިސްރާއީލާ އިދިކޮޅު ލިޔުންތައް ހިފައިގެން މުޒާހަރާ ފެށުމުން އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މި މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުންކުރިއެވެ. ކަރުނަގޭހާއި އަޑުބޮމާއި ރަބަރު ވަޒަން ބޭނުންކުރިއެވެ. އިސްރާއީލު ފުލުހުން އެއްލި އަތުބޮމެއް ގޮވުމުގެ ސަބަބުން ފަލަސްޠީނުގެ ޒުވާނަކު ޒަޚަމުވިއެވެ. 

އިސްރާއީލުގެ ބަދީޢޫތު އަޙްރަނޫތު ދުވަހު ނޫސް ބުނާގޮތުގައި މުޒާހަރާގެ ބައިވެރީން އިސްރާއީލު ފުލުހުންނާ ދިމާއަށް ގައު އުކިއެވެ. މުޒާހަރާގެ ބައިވެރިން މަގު 65 ހުރަސްކޮށް ކުރިއަށްދާން މަސައްކަތް ކުރިއެވެ. މި މުޒާހަރާތައް ހުއްޓުވުމަށް ޓަކައި އިސްރާއީލު ފުލުހުން މައްޗަށް ބަޑިވެސް ޖެއްސެވެ.

އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުގައި ޙައިފާއާއި ޢައްރާބާއާއި ރީނާއާއި ކަފްރު ކުންނާއާއި ސަޚްނީނާއި ޝަފާ ޢަމްރު ފަދަ އެތައް ރަށެއްގައި އަޤްޞާއަށް ނަޞްރު ދިނުމަށް ޓަކައި މުޒާހަރާތައް ބޭއްވިއެވެ. 

ރޭ ވެސް އަޤްޞާއަށް ވަން

އިސްރާއީލުގެ ސަލާމަތީ ބާރުތައް ރޭ ވެސް ތަރާވީޙު ނަމާދު ނުނިމެނިސް އަޤްޞާ މިސްކިތަށް ވަދެގަތެވެ. އެމީހުން ވަދެ ކަރުނަގޭސް ބޭނުންކޮށްގެން ނަމާދުކުރަން ތިބި މީހުން މިސްކިތން ބޭރަށް ލިއެވެ. އިޢުތިކާފަށް ތިބެން ބޭނުންވާ މީހުންނަށް އަޤްޞާ މިސްކިތުގެ ޤިބްލީ މުޞައްލާ ގައި ތިބުން މަނާކުރިއެވެ.

ރޭ މެންދަމުން އަލިވިތަނާ އިސްރާއީލު ފުލުހުން އަޤްޞާ މިސްކިތަށް އަލުން އަރާ އަޅުކަން ކުރަން ތިބި އެތައް ބަޔަކަށް އަނިޔާކޮށް 350 މީހުން ހައްޔަރުކުރިއެވެ. އެމީހުން ކަރުނަގޭހާއި އަޑުބޮމާއި ރަބަރު ވަޒަންފަދަ ހަތިޔާރުތައް ބޭނުންކުރިއެވެ. 

​​​​​​​​​​​​​​

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *