އިސްރާއީލުގެ ބާރުތައް ބުދަވިލޭރޭ ފަތިހު އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި އެ މިސްކިތަށް ވަދެ އަޅުކަންކުރި މީހުންގެ ތެރެއިން ފަސްސަތޭކައެއްހާ މީހުން ހައްޔަރުކުރުމުން ޢަރަބި ލީގުން މިއަދު އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ޢަރަބި ލީގް ބުނިގޮތުގައި މިއީ "ބައިނަލއްއަޤްވާމީ ޤާނޫނާއި އިންސާނީ ޤާނޫނާ ޚިލާފު ހަޑިމުޑުދާރު ޢަމަލެކެވެ." ޢަރަބި ލީގުން ބުނިގޮތުގައި ޤުދްސް ޙިމާޔަތްކުރުމަށް ޓަކައި ޢަރަބިލީގް ދާއިމީ ސިފައެއްގައި ބައްދަލުވުންތައް ކުރިއަށް ގެންދާނެއެވެ. އަދި ޑިޕްލޮމެޓިކް މައިދާނުގައި ޙަރަކާތްތެރިވާން ފަށާނެއެވެ.
ޢަރަބިލީގްގެ އިއްޔެގެ ބައްދަލުވުން ބޭއްވީ އުރްދުނުން އެދިގެން މިޞްރުގެ ރިޔާސަތުގެ ދަށުގައެވެ. އުރްދުނުން ބުނިގޮތުގައި އިސްރާއީލުގެ މި ލާއިންސާނީ ޢަމަލަކީ "އަޅުކަންކުރުމުގެ މިނިވަންކަން" ނައްތައިލުމެވެ. މި ކަމުގެ ސަބަބުން ހަރުކަށި ޢަމަލުތަކުގެ ޠޫފާނެއް އަލުން ފެށިދާނެކަމުގެ އިންޒާރު ޢަރަބިލީގުން ދިނެވެ.
އިއްޔެގެ ބައްދަލުވުމަށްފަހު ޢަރަބި ލީގުން ނެރުނު ބަޔާން ބުނާގޮތުގައި "ތަފާތު ފެންވަރުތަކުގައްޔާއި މައިދާންތަކުގައި ޢަރަބި ލީގް ޙަރަކާތްތެރިވާނެއެވެ. ޤުދްސާއި ޤުދްސުގައި ހުރި އިސްލާމީ އަދި މަސީޙީ މުޤައްދަސާތުތައް ޙިމާޔަތް ކުރުމަށާއި އެ ސަހަރުގެ އަހްލުވެރީންގެ ސިޔާސީ އިޖްތިމާޢީ އިންސާނީ ޙައްޤުތައް ރައްކައުތެރިކުރުމަށް ޓަކައި ޢަރަބި ލީގުން ފިޔަވަޅުތައް އަޅަމުންދާނެއެވެ.
ޢަރަބިލީގުން އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއަށް މިކަމުގައި މި ދެ ޖަމްޢިއްޔާ ގުޅިގެން މަސައްކަތް ކުރުމަށް ޢަރަބިލީގުން ގޮވައިލިއެވެ.
އިސްރާއީލުގެ ޢުދްވާނު ހުއްޓުވުމަށާއި ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކުރުމަށާއި އަޅުކަންކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ޓަކައި ސަލާމަތީ މަޖިލީހުން އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވެސް ޢަރަބިލީގުން ގޮވައިލިއެވެ.
ޢަރަބި ލީޣްގެ ބަޔާނުގައި އިސްލާމީ އަދި މަސީޙީ މުޤައްދަސް ތަންތަނަށް އިސްރާއީލުން ދެމުންދާ ހުރިހާ ބާވަތެއްގެ ޢުދްވާނީ ޙަމަލާތަކާއި މި ތަންތާނގެ ތާރީޚު އޮޅުވައިލުމަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް ކުށްވެރިކޮށްފައި ވެއެވެ.އަދި އަލްމަސްޖިދުލްއަޤްޞާގެ މައްޗަށް އިސްރާއީލުގެ ޤާނޫނުތައް ލާޒިމުކުރަން ހުއްޓައިލުމަށް ވެސް އިސްރާއީލަށް ގޮވައިލައިފައި ވެއެވެ.
ފަލަސްޠީނުގެ މަސްއަލައާ ބެހޭގޮތުން ޔުނެސްކޯއިންނާއި ޔުނެސްކޯގެ ޢާލަމީ ތަރިކައާ ބެހޭ ކޮމެޓީން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރުމަށް ވެސް ޢަރަބި ލީގުން ގޮވައިލިއެވެ. މި ޤަރާރުތައް ބުނާގޮތުގައި އަޤްޞާ މިސްކިތުގެ ހުރިހާ ބައިތަކަކީ މުސްލިމުންނަށް އެކަނި އަޅުކަންކުރުމަށް ޚާއްޞަ ތަންތަނެވެ.



advertisment