Support Us

ފިންލެންޑް ނޭޓޯއާ ގުޅުމުން ރަޝިޔާއިން ފިޔަވަޅު އަޅަނީ

ނޭޓޯގެ މެންބަރަކަށް ފިންލެންޑް ރަސްމީކޮށް ވުމާ ވިދިގެން އެކަމަށް ރައްދު ދިނުމަށް ޢަސްކަރީ ފިޔަވަޅުތައް އަޅާނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ގްރޮޝްކޯ ވިދާޅުވި ގޮތުގައި ރަޝިޔާއިން އެ ޤައުމުގެ ހުޅަނގާއި ހުޅަނގު އުތުރު ނާރެސްތަކުގައި ޢަސްކަރީ ސަލާމަތީ ބާރުތައް ވަރުގަދަކުރާނެއެވެ.

ނޭޓޯއިން ފިންލެންޑްގައި ސިފައިންނާއި ޢަސްކަރީ ބާރުތައް މަރްކަޒުކޮށްފިނަމަ މޮސްކޯއަށް އިތުބާރުކުރެވޭ މިންވަރަށް އެ ޤައުމުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވާ ގޮތުގައި ފިންލެންޑަކީ ނޭޓޯއަށް ވަރަށް މުހިއްމު ދައުލަތެކެވެ. ފިންލެންޑްގެ ސަބަބުން ނޭޓޯ ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެއެވެ. ބްރަސަލްސްގައި ހުންނަ ނޭޓޯގެ މަރްކަޒުގައި މިއަދު ވަނީ ފިންލެންޑްގެ ދިދަ ނަގައިފައެވެ.ފިންލެންޑްގެ ދިފާޢީ ވުޒާރާގެ ދިފާޢީ ސިޔާސަތްތަކާބެހޭ ޑިރެކްޓަރު ޖެނެރަލް ޔާން ކޮސިލާ ވިދާޅުވިއެވެ. "ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ސަލާމަތީ ވެށްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ފިންލެންޑަށް ނޭޓޯއަށް ވަންނަން ޖެހުނީ މިހެންވެގެންނެވެ."

ކޮސިލާ ޖަޒީރާއަށް ވިދާޅުވިގޮތުގައި އެ ޤައުމު ނޭޓޯއަށް ވަންވަނުމަކީ އެއްވެސް ފަރާތަކާ ދެކޮޅަށް ކުރި ކަމެއްނޫނެވެ. އެހެނަސް އަމާޒަކީ ފިންލެންޑްގެ ޤައުމީ ސަލާމަތް ވަރުގަދަކުރުމެވެ.

ޔުކްރޭނާ ފިންލެންޑް ވަރަށް ތަފާތު

އަނެއްކޮޅުން ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް މި މަސްއަލައާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވި ގޮތުގައި ޔުކްރޭނާ ފިންލެންޑްގެ ތަފާތަކީ އަސާސީ ކަމެކެވެ. އޭނާ ވިދާޅުވިއެވެ. "ފިންލެންޑަކީ ދުވަހަކު ވެސް ރަޝިޔާއާ އިދިކޮޅު ޤައުމެއް ނޫނެވެ. ރަޝިޔާއާ ފިންލެންޑާ ދެމެދުގައި އަރާރުމެއް ހިނގައިފައެއް ނުވެއެވެ."

ޔޫރަޕްގެ އިއްތިޙާދު ދުޝްމަނަކަށް ވެއްޖެ

މި ސިޔާޤުގައި ވާހަކަފުޅު ދައްކަވަމުން ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވިއެވެ. "ޔޫރަޕްގެ އިއްތިޙާދަކީ މިއަދު ރަޝިޔާއާ ދުޝްމަނުވެފައިވާ ޤައުމުތަކެކެވެ. އެކަމުގެ ސަބަބުން އެ ޤައުމުތަކަށް މިހާރު ވަނީ ރަޝިޔާ ގެއްލިފައެވެ."

"އާރގިޔުމެންޓީ އައި ފެޓްކީ" އޮންލައިން ޞަފްޙާއާ ވާހަކަފުޅު ދައްކަވަމުން ލެވްރޯވް ވިދާޅުވިއެވެ. "ތެޔޮ ހަމަކަށް ތެޔޮ ހަމެއް ދޭ އުޞޫލުން ރަޝިޔާގެ މަޞްލަޙަތާ އެއްގޮތަށް އެ ޤައުމުތަކާއެކު ރަޝިޔާއިން މުޢާމަލާތުކުރާނެއެވެ."

ލެވްރޯވް އިތުރަށް ވިދާޅުވިއެވެ. "ހުޅަނގުން މަސައްކަތްކުރަނީ ރަޝިޔާއާ ޗައިނާ ޖެއްސޭތޯއެވެ. ހުޅަނގުން ޗައިނާ ކައިރީ ބުނަނީ ރަޝިޔާއަށް ވުރެ ޗައިނާ މިއަދު މާމޮޅެވެ. މޮސްކޯއިން މިއަދު އޮތީ ޗައިނާއަށް ބަރޯސާ ވެގެންނެވެ. ޗައިނާއަށް ހުޅަނގުން ލިބޭ ފައިދާ މާ ބޮޑުވާނެއެވެ. އަވަހަށް މިކޮޅަށް އަންނާށެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *