...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އެތަކާއި ހިންޏެއްގެ ވާހަކަ

އެއްދުވަހަކު އެތަކާއި ހިންޏެއް ބަންޑާރަ ހަނޑޫ ގުދަނަށް ވަނެވެ. ވައްކަން ކުރުމުގެ ނިޔަތުގައެވެ. އޭގެ ބުރިކަށި މައްޗަށް ހަނޑޫ ބަސްތާއެއް ލައިގެން އެތް ނިކުމެގެން ހިނގައި ގަތެވެ. ހިނިވެސް، ހަނޑޫ ގުދަނުގެ ބިންމަތިން ހަނޑޫ ފުކެއް ނަގައިގެން ހިނގައިގަތެވެ.

އެތުގެ ނަސީބު ރަނގަޅުކަމުން ވެސް ކަންނޭނގެއެވެ. ހަނޑޫ ގުދަނުން ހަނޑޫ ބަސްތާއެއް ހިފައިގެން އެތް ދިޔަތަނެއް، ހަނޑޫ ގުދަނުގެ ފާރަވެރިޔާއަކަށް ނުފެނުނެވެ. ނަމަވެސް، ހިނީގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ. ހަނޑޫ ފުކެއް ތުނބު ޖައިގެން، ކުޑަކުޑަ ހިނި ދިޔަތަން، ހަނޑޫ ގުދަނުގެ ހުޝިޔާރު ފާރަވެރިޔާގެ ތޫނުފިލި ލޮލުގައި އަޅައިގަތެވެ. އަދި، ހިނި ހިފައި ހައްޔަރުކޮށް ސިފައިންނާ ހަވާލުކުރިއެވެ.

އަނެއް ދުވަހު ރަށުގެ ހުރިހާ ބޮޑެތި ނޫސްތަކުގައި، ހިނީގެ ވައްކަމުގެ ޖަރީމާގެ ވާހަކަ، މައި ސުރުޚީއެއްގެ ގޮތުގައި ލިޔެވިފައި އޮތެވެ. އަދި، ވަރަށް ހަރުކަށި އިބާރާތުން ހިނީގެ ފާސިދު އަމަލު ކުށްވެރިކުރެވިފައި ވެސް އޮތެވެ. ނަމަވެސް، އެތުގެ ވާހަކައެއް ނެތެވެ. ވާނީ ވެސް އެހެންތާއެވެ! ބަންޑާރަ ހަނޑޫ ގުދަނުން، ހަނޑޫ ބަސްތާއެއް ވަގަށްނަގައިގެން އެތް ދިޔަ ކަމެއް އެކަކަށް ވެސް ނޭނގޭ ވިއްޔާއެވެ. އަނެއްކޮޅުން، ގުދަނުގައި ހަނޑޫ ބަސްތާތައް ފުނިޖަހައިފައި އޮންނައިރު، އެންމެ، ހަނޑޫ ބަސްތާއެއް އުނިވިޔަސް، އެކަން ފާހަގައެއް ނުކުރެވޭނެ ވެސްތާއެވެ! ނަމަވެސް، ބިންމަތިން އުނިވާ ހަނޑޫ ފުއް އޮތް ތަން ވަރަށް ސާފުކޮށް ފެންނަން ވެސް އޮންނާނެތާއެވެ.

ކޮންމެއަކަސް، ހިނީގެ ވައްކަމުގެ ގަޒިއްޔާ ތަހުގީގުކޮށް، ހިނީގެ މައްސަލަ ޝަރީއަތަށް ފޮނުވުނެވެ. ހެއްކާއި ގަރީނާއާ ވެސް އެކުގައެވެ. ހިނި ތުނބުގައި ހަނޑޫ ފުއް އޮތް ފޮޓޯ ޝަރީއަތަށް ފޮނުވުނެވެ. އަދި ހަނޑޫ ފުކުގައި ކުޅު ހުރުމުން، ޑީ.އެން.އޭ،ގެ ޓެސްޓު ހަދައި ބެލިއިރު، އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، ހިނީގެ ކުޅުކަން އެނގި ސާބިތު ކުރެވުނެވެ. އަދި، ހިނީގެ ތުނބުގައި އޮތް ހަނޑޫ ފުކާއި ގުދަނުގައި ހުރި ހަނޑުލާއި އަޅާ ކިޔުމުން، އެ ހަނޑޫ ފުކަކީ ގުދަނުން ނެގިފައިވާ ހަނޑޫ ފުކެއްކަން ވެސް ވަރަށް ސާފުކޮށް ޝަރީއަތަށް ސާބިތުކޮށް ދެވުނެވެ.

ކޮންމެ އަކަސް، ޝަރީއަތުގައި ހިނީގެ ކުށް ސާބިތުވިއެވެ. އަދި، ބަންޑާރަ ހަނޑޫ ގުދަނުން ހަނޑޫ ފުކެއް ވަގަށްނެގި ކަމުގެ ކުށުގައި ހިނީގެ މައްޗަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. އެ މުއްދަތުގެ ތެރެއިން ފަސްއަހަރު އޮތީ ބުރަ މަސައްކަތް ވެސް ކުރަން ޖެހޭ ގޮތުގައެވެ.

މި ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ބޮޑެތި ބިޔަ ޖަނަވާރުތަކަށް ގާނޫނުތަކުން ސަލާމަތްވުމުގެ މަގު ފަހިވެފައި އޮންނަ ކަމެވެ. އެތަކީ ބޮޑު ބިޔަ އެއްޗަކަށްވެ، އޭގެ ބުރިކަށި މައްޗަށް ހަނޑޫ ބަސްތާ ލުމުން، ފާރަވެރިޔަކަށް ވެސް ނޫނީ ގާނޫނަކަށް ވެސް އެ ހަނޑޫ ބަސްތާ ފެންނަ ގޮތެއް ނުވެއެވެ. ފާރަވެރިޔާ ވެސް އަދި ގާނޫނު ވެސް މާ ކުރީއެވެ. އެހެންވެ، އެތް ބޮޑުވީމައި، ފާރަވެރިޔާއަށް ވެސް، އަދީ ގާނޫނުގެ ލޮލަށް ވެސް، އެތުގެ ބުރިކަށި މަތީ އޮންނަ އެއްޗެއް ނުފެންނަނީއެވެ. އަނެއް ކޮޅުން ގާނޫނީ އަދާލަތުގެ ތިލަފަތަށް އެތެއް ލާނީ ކިހިނެއް ހެއްޔެވެ؟ އޭރުން ހަލާކުވާނީ ތިލަފަތް ނޫން ހެއްޔެވެ؟ އަދާލަތުގެ އެ ތިލަފަތުގައި ބޮޑެތި ބިޔަ ޖަނަވާރުތައް ލެވޭހާ ބާރެއް ނުހުންނާނެ ނޫން ހެއްޔެވެ؟ އަނެއްކޮޅުން ކުދި ކުދި ޖަނަވާރުތައް އަތުލައި ގަތުމަކީ ދާދި ފަސޭހަކަމެވެ. އެ ޖަނަވާރުތަކުގައި އެއްވެސް އާރެއް ބާރެއް ވެސް ނެތީމައެވެ.

ދެން، އެތް ކަންތައް ކުރީ ކިހިނަކުން ކަމަށް ހެއްޔެވެ؟ ރޯދަމަސް ވެސް ވީމައި، ޖަންގަލީގެ ހިނިތަކާއި އަދި ވެސް އެހެން ކުދި ޖަނަވާރުތަކަށް ހަނޑޫ ބަސްތާއިން ހަނޑޫ ކޮޅެއް ދިނީއެވެ.

އަނެއް ދުވަހު، ރަށުގެ ކުދި ބޮޑު ހުރިހާ ނޫސްތަކުގައި އެތުގެ ދީލަތިކަމުގެ ވާހަކަ ލިޔެފައި އޮތެވެ. އަދި، ރަށުގެ މުފްތީ، އެންމެންނަށް ޚާއްސަ އިލްތިމާސެއް ވެސް ކުރެއްވިއެވެ. އެތުގެ ދީލަތި ކަމަށްޓަކައި އެންމެން ވެސް އެތަށް ހެޔޮ ދުއާކުރުމަށެވެ. ދުޅަ ހެޔޮ ސިއްހަތަކާއި ތަނަވަސް ދިރިއުޅުމެއް ވެސް އެތަށް ދެއްވުމަށް އެދިއެވެ. އެތުގެ ދީލަތި އިހުސާންތެރިކަމަށްޓަކައި އެކަމުގެ ހެޔޮ ޖަޒާ އެތަށް ދެއްވުމަށް އެދިވެސް މެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.