ކިތަންމެ ލޯބިން އުޅޭ ދެމަފިރިއެއް ނަމަވެސް ކޮންމެވެސް މައްސަލަތަކެއް ހުންނާނެއެވެ. އެ މައްސަލަތަކަށް ފަރުވާ ނުކުރެވޭނަމަ ލޯބި ކަމީނާވާނެއެވެ. ނިކަމެތިވާނެއެވެ. ވީމާ ލޯބި މަރާމާތުކުރަންޖެހެއެވެ. ތާޒާކުރަންޖެހެއެވެ. އެކަން ކުރެވޭނީ އެކަކު އަނެކަކަށް ލޯބިދިނުމުގައި ސަމާލުކަންދީގެންނެވެ. "ލޯބިން" އެކުގައި ހޭދަކުރާ ވަޤުތުވެސް ގިނަކޮށްގެންނެވެ.
ވިސްނާލައިފިނަމަ ރަމަޟާން މަހަކީ ﷲ ތަޢާލާއާ ގުޅުންތައް ރަނގަޅުކުރާ މަސް ފަދައިން ދެމަފިރިންގެ ގުޅުންވެސް ރަނގަޅުކުރަން ލިބޭ އެންމެ އަގުހުރި ފުރުޞަތެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ރޯދަހިފާނަމަ އެކަން އަންނާނީ ފުރިހަމަވަމުންނެވެ. އެހެނީ ރޯދަވެރިޔާ ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކީ ވީހައި ގިނައިން އަޅުކަންކުރުމެވެ. ރަމަޟާން މަހު ފުރިހަމަ ގޮތުގައި އަޅުކަން ކުރެވޭނީ ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންނެވެ.
އެއިގެ ތެރޭގައި އަނބިމީހާ ލައްވާ ކައްކުވާވަރު މަދުކުރުމާއި ނަމާދުވަގުތައް ޖެހުމުން ތިމާ ޖަމާއަތުގައި ނަމާދުކުރުމަށްފަހު އަނބިމީހާއަށް ވަގުތު ހުސްކޮށްދޭން އެހީތެރިވުމާއި (ކުދިންބެލުން ފަދަ ކަންކަމާ ހަވާލުވެ) ރޭއަޅުކަންކުރުމުގައި ގުޅިގެން ނަމާދުކުރުން ފަދަ ކަންކަން ހިމެނެއެވެ.
މިސާލަކަށް ތަރާވީޙް ނަމާދަށާއި ދަމުނަމާދަށް މިސްކިތަށް ދާނަމަ ދެމަފިރިން އެކުގައި ނަމާދަށް ދިއުމާއި އަދި ގޭގައި ކުރާނަމަ ދެމަފިރިންގެ ޖަމާޢަތުގައި ކުރުމެވެ.
ދެން ބަލައިލަންވީ ނުކައި ހުންނަ ހުރުން ރޯދައަކަށް ހެދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަމަށެވެ. ލޯބިން މުޢާމަލާތުކުރުން، ހުތުރު ބަސް ނުބުނުން، ރުޅިނައުން، އެކަކު އަނެކަކަށް އެހީތެރިވުން، ހިތްހެޔޮކުރުން، މާފުކުރުން ފަދަ ދެމަފިރިއެއްގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާނެ ގިނަ ކަންތައްތަކެއް މިބައިގައި ހިމެނިގެންވެއެވެ.
މިކަންކަމަށް ވިސްނައިލުމުން އެނގެނީ ރޯދަހިފަންވީ ގޮތުގައި ރޯދަހިފައި ރަމަޟާން މަސް ނިންމައިފިނަމަ އެ ދެމަފިރިއެއްގެ މައްސަލަތައް އޮންނާނީ ޙައްލުކުރެވިފައިކަމެވެ. ދެމަފިރިންގެ ލޯބި އޮންނާނީ ތާޒާކުރެވިފައިކަމެވެ.
ވީމާ ރަމަޟާން މަސް އައުމުން ﷲ ތަޢާލާއާ ކުއްތަންވާން މަސައްކަތްކުރާ ފަދައިން އަދި އެ މަސައްކަތުގެ ތެރެއިން ދެމަފިރިންގެ ގުޅުމުގައިވެސް މަރާމާތުކުރަން ހުރި ކަންކަން މަރާމާތުކޮށް ލޯބި ތާޒާކުރަންވާނެއެވެ! ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ވެސް އެއީއެވެ!




advertisment