ޖަރްމަނުގެ މުސްތަޝާރުގެ ނައިބު ރޮބަރޓް ހެޕިކް މިއަދު ޔުކްރޭންގެ ވެރިރަށް ކިޔީވަށް ވަޑައިގެންފިއެވެ.
އޭނާގެ އަރިހުގައި ވިޔަފާރިވެރީންގެ ކުޑަ ވަފްދެއް ވެސް ގެންދެވިއެވެ. މި ދަތުރުފުޅުގައި އޭނާ ބަހުސްކުރެއްވީ ޔުކްރޭން އަލުން ބިނާކުރުމާއި ހަކަތައިގެ މައިދާނުގައި އެއްބާރުލުމާ ބެހޭގޮތުންނެވެ.
ރޮބަރޓް ހެޕިކަކީ ޖަރްމަނުގެ ހަކަތަޔާ ބެހޭ ވަޒީރުވެސްމެއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ޔުކްރޭނަށް މި ވަޑައިގަތީ ހަނގުރާމައަށްފަހު ޔުކްރޭން އަލުން ބިނާކުރުމާ ބެހޭގޮތުން ޔުކްރޭނަށް އުންމީދު ދެއްވާށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ވުނަކުރުމުގެ މަޝްރޫޢުތައް ހިންގުމާ ބެހޭގޮތުން މިހާރު ވަނީ ޤަރާރުތައް ކަނޑައެޅިފައެވެ. ޖަރްމަނުގެ ޞިނާޢަތާބެހޭ އިއްތިޙާދުގެ ރައީސް ޒެގްފްރެޑް ރޮސްފޯރަމް ވިދާޅުވި ގޮތުގައި އެބޭފުޅުންގެ މި ދަތުރުފުޅުން އިޝަރާތްކޮށްދެނީ ޖަރްމަނުގެ ޞިނާޢަތްތެރިކަން އޮތީ ޔުކްރޭނާއެކުގައި ކަމެވެ.
އަނެއްކޮޅުން ޔުކްރޭނުގެ ޚާރިޖީ ވަޒީރުގެ ނައިބާ ހާމަކުރެއްވި ގޮތުގައި ޔޫރަޕްގެ މަޖިލީހުގެ އަމީން ޢާންމު މާރިޔާ ބޮރިޗް މިއަދު ކިޔީވަށް ވަޑައިގެންފިއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ "ރަޝިޔާގެ ޢުދްވާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ފުރޭފުކޮށް ރެކޯޑްކުރެއްވުމަށް ޓަކައެވެ. މި ރެކޯޑްތަކުގައި ހަނގުރާމައިގެ މުޖްރިމުން ފާހަގަކުރާނެއެވެ."
މީގެ އިތުރަށް އޭނާ ވިދާޅުވާ ގޮތުގައި މިއަދު ޔުކްރޭނަށް ޔުނެސްކޯގެ ޑިރެކްޓަރު ޖެނެރަލް އޮޑްރީ އަޒޫލާއި ވެސް ވަޑައިގަންފިއެވެ.
އަނެއްކޮޅުން ޕޯލެންޑުން މިއަދު ހާމަކުރި ގޮތުގައި ޔުކްރޭންގެ ރައީސް ޒިލެންސްކީ ބުދަދުވަހު ވޯރސޯއަށް ރަސްމީ ޒިޔާރަތެއް ކުރައްވާނެއެވެ. ޕޮލެންޑްގެ އާރް އެމް އެފް ރޭޑިއޯ ބުނާގޮތުގައި މި ދަތުރުފުޅުގެ ތެރޭގައި ޕޯލެންޑްގައި ތިބި ޔުކްރޭނުގެ ރެފިޔުޖީންނާ ބައްދަލު ކުރައްވާނެއެވެ.
ޕޯލެންޑުން މިއަދު ހާމަކުރިގޮތުގައި މިގް29 މަރުކާގެ ހަނގުރާމަމަތީ ފުރަތަމަ މަތިންދާބޯޓު އެ ޤައުމުން ޔުކްރޭނަށް ދީފިއެވެ. ޕޯލެންޑުން ބުނާގޮތުގައި މި ކަމުގެ ސަބަބުން ޔުކްރޭންގެ ވައިގެ ދިފާޢު ވަރުގަދަވެގެންދާނެއެވެ. ސްލޮވޭކިޔާއިން ވަނީ މިފަދަ މަތިންދާބޯޓުތައް ކިޔީވަށް ދޭނެކަމަށް ބުނެފައެވެ.
ހަނގުރާމައިގެ މައިދާނަށް ބަލާއިރު ރަޝިޔާގެ ނޫސް އޭޖެންސީއެއް ކަމުގައިވާ ނޮވޮސްޓީ ބުނާގޮތުގައި މިހާރު ހަނގުރާމަ ހިނގަމުންދަނީ ބަޚްމޫތުގެ މެދުތެރޭގައެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި ރޫސީ ސިފައިން ބަޚްމޫތުގެ އެންމެ ބޮޑު ރޭލްވޭ އިސްޓޭޝަނާ ވަރަށް ކައިރިވެއްޖެއެވެ. އެހެނަސް ޔުކްރޭނުގެ ރިޔާސީ ގަނޑުވަރުން ބުނާގޮތުގައި މި ސަހަރު އަދިވެސް އޮތީ ކިޔީވްގެ ބާރުގެ ދަށުގައެވެ.ޔުކްރޭން ސިފައިންގެ އިރުމަތީ ބާރުތަކުގެ ވެރިޔާ ވިދާޅުވާ ގޮތުގައި ޔުކްރޭން ސިފައިން ދަނީ ބަޚްމޫތު ދިފާޢު ކުރަމުންނެވެ. އެހެނަސް އެނގިރޭސިވިލާތުގެ ގާރޑިއަން ދުވަހު ނޫސް ބުނާގޮތުގައި ހަނގުރާމަ ހިނގަމުންދަނީ ސަހަރުގެ މެޔަރުގެ އޮފީސް ކައިރީގައެވެ.
ރަޝިޔާގެ ވެގްނަރ ހަނގުރާމަވެރީންގެ ރައީސް ވިދާޅުވާ ގޮތުގައި އޭނާގެ ހަނގުރާމަވެރީން ބަޚްމޫތުގެ މޭޔަރުގެ އޮފީސް ޢިމާރާތުގެ މައްޗަށް ރަޝިޔާގެ ދިދަ މިއަދު ނަގައިފިއެވެ. ބަޚްމޫތުގެ ހުޅަނގު ބިތުގައި ޔުކްރޭން ސިފައިންގެ ފައުޖެއް އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ. ވެގްނަރގެ ރައީސުގެ ޓެލެގްރާމު އޯޑިއޯއެއް ބުނާގޮތުގައި ރަޝިޔާ ސިފައިން މިހާރު ދަނީ ރަށުގެ އިދާރީ އޮފީހާއި ރަށުގެ މެދުތެރޭގައި ރޫސީ ދިދަ ނަގަމުންނެވެ.



advertisment