އިސްރާއީލުގެ ސަލާމަތީ ބާރުތައް ރޭގެ ތަރާވީޙު ނަމާދު ނިމުނުތަނާހެން އަޤްޞާ މިސްކިތަށް ވަދެ އެ މިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްޠީނު އެންމެން އެ މިސްކިތުން ބޭރަށް ލައިފިއެވެ.
އިސްރާއީލުގެ ބާރުތަކުން އިޢުތިކާފަށް ތިބި މީހުން ބޭރަށް ލީ ގަދަބާރުންނެވެ. އެމީހުންގެ އަމުރަށް ބޯނުލަނބައިފިނަމަ ހައްޔަރު ކުރާނެކަމުގެ އިންޒާރު ވެސް ދިނެވެ.
އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ހަރުކަށި ވަޒީރު އީތުމާރު ބިން ޣަފީރު ޔަހޫދީންނަށް އަޤްޞާ މިސްކިތަށް ވަދެގަތުމަށް ވަނީ ގޮވައިލައްވައިފައެވެ. އިސްރާއީލުގެ ޢިބްރީ މީޑިއާތައް ބުނާގޮތުގައި ބިން ޣަފީރު ވިދާޅުވިއެވެ. "ޤުދްސުގެ ޙަރަންފުޅުތެރެއަށް ވަދެ ފުރައިލުމަށް އަހުރެން ޔަހޫދީންނަށް ގޮވައިލަމެވެ."
ބިން ޣަފީރު އިސްރާއީލުގެ ޗެނެލް 12 ގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. "ޤުދްސުގެ ޙަރަމަކީ ޔަހޫދީންގެ އެންމެ މުޤައްދަސް ތަނެވެ. އަހުރެމެން އެތަން ދޫކޮށެއް ނުލާނަމެވެ."
އަޤްޞާ މިސްކިތަށް ވަދެގަތުމަށް ގޮވައިލުން
މި ހަފުތާގައި އަންނަ ޔަހޫދީ "ފަޞްޙު" ޢީދުތެރޭގައި އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑައި އެ ތަނަށް ވަދެގަތުމަށް ޤުދްސުގައި ވަޒަންވެރިކުރުވައިފައިވާ ޔަހޫދީ ޖަމާޢަތްތަކުން ގޮވައިލަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މި ޖަމާޢަތްތަކުން ރާވަމުންދަނީ އަޤްޞާ މިސްކިތަށް ވަދެ އެމީހުންގެ ޤުރްބާންތައް ކަތިލައި މި ޠާހިރު މިސްކިތް މުޑުދާރުކޮށް ނަޖިސްކުރުމަށެވެ.
މި ގޮތަށް އެ ޤުރްބާން ކަތިލެވޭތޯ ޔަހޫދީން ކޮންމެ އަހަރަކުވެސް މަސައްކަތް ކުރެއެވެ. އެހެނަސް ފަލަސްޠީނު މީހުންގެ ހިތްވަރާ ހެދި ޔަހޫދީންނަށް ވަނީ އެކަން ނުކުރެވިފައެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި ޔަހޫދީން މިހާރު ދަނީ ހެދުނާއި ހަވީރު އަޤްޞާ މިސްކިތަށް ވަދެ އެތާނގެ ޙުރްމަތް ކަނޑަމުންނެވެ.
މި އަހަރުގެ ރަމަޟާންމަސް ފެށުމާއެކު މި މިސްކިތަށް އަޅުކަން ކުރުމަށްދާ މުސްލިމުންނަށް ޔަހޫދީން ދަނީ ޖެއްސުންކުރަމުން ދަތިކުރަމުންނެވެ. ޣައްޒާއިން އެއްވެސް މީހަކަށް އިރުމަތީ ޤުދްސަށް ނުދެވޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. ހުޅަނގު އައްސޭރީން އިރުމަތީ ޤުދސަށް ދެވޭނީ ޢުމުރުން 55 އަހަރުވީ ފިރިހެނުންނަށެވެ.
ޙަމާސް ޖަމާޢަތުންނާއި އިސްލާމީ ޖިހާދު ޖަމާޢަތުން ދަނީ ފަލަސްޠީނު މީހުންނަށް ދަތުރުކޮށްފައި އަޤްޞާ މިސްކިތަށް ދިޔުމަށް ގޮވައިލަމުންނެވެ.



advertisment