Support Us

ގާސިމްގެ ޝައުގުވެރި އެހެން ވާހަކައެއް!

ގަޑިން މިހާރު މެންދަމުން އަލިވެ 2.10 ހިނގީއެވެ. އަޅުގަނޑު އޮތީ ދެބަދޭތެރޭގައެވެ. ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. އެއީ ހާއްސަ މެސެޖެކެވެ. އާންމުކޮށް މި ގަޑީގައި، ނޫނީ ފަތިސްވުމުގެ ކުރީން ހަމަ ކޮންމެ ރެޔަކު ވެސް އަންނަ މެސެޖެކެވެ. އެ މެސެޖަކަށް އިންތިޒާރު ކުރެވޭ މެސެޖެކެވެ. ފޯނު ހުޅުވައި ބަލައިލައިފީމެވެ.

އަޅުގަނޑުގެ ފޯނުގެ ސްކްރީން ޝޮޓެއް ނަގައިފައިވާ މި ފޮޓޯގެ ތިރީގައި އެ ވަނީ ދެންމެ ލިބުނު، މިއަދުގެ މެސެޖެވެ. (އޭގެ މަތީގައި އެ ވަނީ އިއްޔެ ރޭ މެންދަމުން އަލިވެ 3.15 ގައި ލިބުނު މެސެޖެވެ.)

ކޮންމެ މެސެޖެއްގެ ވެސް އެންމެ ފުރަތަމަ އޮންނަނީ އިސްލާމީ ރިވެތި ސަލާމެވެ. ދެން، ދުވަހުގެ ތަހުނިޔާއެވެ. "ބާއްޖަވެރި ދުވަހަކަށް އެދެން،" މިހެންނެވެ. ދެން އެ ވަނީ ބަގަރާ ސޫރަތުގެ އާޔަތަކާއި އޭގެ މާނައެވެ. ދިވެހިންނާއި އިނގިރޭސީންނެވެ. އަދި ދުވަހުގެ ތަހުނިޔާ ވެސް ދެ ބަހުން ލިޔެފައިވެއެވެ. ދުވަހުގެ ތާރީހުވެސް ޖަހައިފައި ވެއެވެ. އަދި ރަމަޒާން ކަރީމު ވެސް ޖަހައިފައިވެއެވެ.

ދެންމެ އެ ލިބުނީ ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ މެސެޖެވެ. އަޅުގަނޑުގެ ފޯނަށް، އާދަކޮށް ކޮންމެ ދުވަހަކު، ތަހުނިޔާގެ މި މެސެޖުތައް އަންނަތާ، ހީވާ ގޮތުން މިއީ ތިން ވަނަ ރޯދަ މަހެވެ. އެއީ ކާކު ފޮނުވާ މެސެޖުތަކެއް ހެއްޔެވެ؟ ކީއްވެ ފޮނުވާ މެސެޖުތަކެއްހެއްޔެވެ؟ ކޮންމެ މީހަކު ވެސް މިހާރު ކުރާނެ ސުވާލަކީ އެއީއެވެ. ޖަވާބު ބޭނުން ނަމަ އިތުރަށް ކިޔާލާށެވެ.

ދުވަހުގެ ތަހުނިޔާ މެސެޖު ފޮނުވުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެކަހަލަ އެތައް މެސެޖެއް އަޅުގަނޑުގެ ފޯނަށް ވެސް ލިބެއެވެ. ބައެއް މީހުން އާދަކޮށް ފޮނުވައެވެ. އަނެއް ބަޔަކު ދޭތެރެއަކުން ފޮނުވައެވެ. އަނެއް ބަޔަކު ހުކުރު ދުވަހުގެ ތަހުނިޔާ ފޮނުވައެވެ. އެ މެސެޖުތަކަށް އެހާ ފަރުވާތެރި ކަމެއް ނުދެވެނީ ހަގީގަތުގައި އެއީ ކޮންމެވެސް ބަޔަކު ތައްޔާރުކޮށްފައި ހުންނަ ޕޯސްޓުތަކަކަށް ވާތީއެވެ. އެ މީހަކަށް ލިބުމުން އެހެން ރައްޓެހިންނަށް ފޯވަޑް ކޮށްލަނީއެވެ. އޭގެ ތެރެއިން ބައެއް މެސެޖުތަކަކީ އިނގިރޭސި ނޫނީ އަރަބި ޕޯސްޓުތަކެކެވެ. ދިވެހި ޕޯސްޓުތައް ވެސް ހުރެއެވެ. ބައެއް ޕޯސްޓުތަކުގައި އެ ޕޯސްޓުގެ އަސްލު ހެދި މީހާގެ ނަން ވެސް އޮވެއެވެ. އެހެން ނަމަވެސް، އެ ވަރު ބަލައިލުމެއް ނެތި އަނެކަކަށް ފޯވާޑްކޮށްލަނީއެވެ. (މިހެން ދެންނެވިޔަސް ދުވަހުގެ ތަހުނިޔާގެ މެސެޖު، ކޮންމެ ދުވަހަކު ބައިތަކުން ތައްޔާރުކުރައްވާފައި ފޮޓޯއަކާއެކު ފޮނުއްވާ ޅެންވެރިއެއް ވެސް އުޅުއްވައެވެ.)

އެކަމަކު މި މެސެޖުތައް ތަފާތެވެ. މި މެސެޖުތައް ފޮނުއްވަނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު ގާސިމް އިބްރާހީމެވެ. އެ މަނިކުފާނުގެ ދުވަހުގެ ތަހުނިޔާ މެސެޖުތައް އަޅުގަނޑުގެ ފޯނަށް ލިބޭތާ މިހާރު ދެ އަހަރަށްވުރެ ގިނަވެދާނެކަން ޔަގީނެވެ. (ފޯނު ބަދަލުވެފައިވާތީ އެންމެ ފުރަތަމަ ލިބުނު މެސެޖު ފެންނާކަށް ނެތެވެ.)

ގާސިމަކީ، ގަބޫލްކުރެވޭ ގޮތުގައި ވަރަށް ބުރަކޮށް އުޅުއްވާނެ ބޭފުޅެކެވެ. ވިޔަފާރި އާއި ސިޔާސީ ކަންތައްތަކުގެ އިތުރުން އާއިލާގެ ކަންތައްތަކުގައި އެ މަނިކުފާނު އަބަދުމެ އުޅުއްވާނީ ވަރަށް އަވަދިނެތިކަން ޔަގީނެވެ. ނަމަވެސް، ކިތަންމެ ބުރަކޮށް އެ މަނިކުފާނު އުޅުއްވިޔަސް، ހަމަ ކޮންމެ ރެޔަކު ވެސް އެ މެސެޖުތައް ގަވައިދުން ލިބެއެވެ. އާންމު ގޮތެއްގައި އެ މެސެޖު ލިބޭނީ މެންދަމުން އަލިވެ ދޭކާއި ހެނދުނު ހަޔަކާ ދެމެދުގައެވެ. ގިނަ ރެރޭ ފަތިސް ނަމާދުގެ ކުރިން ލިބޭނެވެ. މިއީ ކޮން ފަދަ ބޮޑު އަޖައިބެއް ހެއްޔެވެ؟

އަޅުގަނޑުގެ ފޯނަށް ލިބޭ، ދުވަހުގެ ތަހުނިޔާގެ އެހެން މެސެޖުތަކަށްވުރެ މި މެސެޖުތަކަށް އަޅުގަނޑަށް ސަމާލުކަން ދެވުނީ ކެނޑިނޭޅި ގަވައިދުން އެ މެސެޖުތައް އަންނަމުންދާތީ އާއި އަދި އެއް މެސެޖެއް ތަކުރާރުވެފައި ހުންނަކަން ފާހަގަނުވާތީއެވެ. ހުންނަނީ މުޅިންވެސް އާ މެސެޖުތަކެވެ. އާޔަތްތަކާއި ހަދީސްތަކާއި އިބުރަތްތެރި ނަސޭހަތްތަކާއި ދުއާތަކެވެ. ކޮންމެ ދުވަހެއްގެ ވެސް ފެށުމަކަށް ހަމަ އެންމެ ކަމުދާ މެސެޖުތަކެކެވެ.

ރިޔާސީ ހުރިހާ އިންތިހާބެއްގައި އެހެން ބޭފުޅުންނަށް ވެރިކަން ހޯއްދަވައިދެއްވަން މިހާތަނަށް މަސައްކަތް ކުރެއްވި، އެހެނަސް ރިޔާސީ ރޭހަށް މި ފަހަރު އަމިއްލަފުޅަށް ކުރިމަތިލައްވާން ތައްޔާރުވެވަޑައިގަންނަވާ ގާސިމް އެހާ ބުރަކޮށް އުޅުއްވަމުން ވެސް، އެކަމަށް ވަގުތު ހުސްކުރައްވައި މި މެސެޖުތައް މި ގޮތަށް ފޮނުއްވާތީ މި ވާހަކަ އެހެން މީހަކާ ހިއްސާކޮށްލީމެވެ. އެއީ ވެސް ކުރީގެ ނޫސްވެރިއެކެވެ. މޮޅު ކޮލަމިސްޓެކެވެ. އޭނާ ވެސް ބުނީ އެ މެސެޖުތައް އޭނާއަށް ވެސް ގަވައިދުން ލިބޭ ކަމަށާއި އޭނާ ވެސް ވަރަށް ޝައުގުވެރިކަމާއެކު ކޮންމެ ދުވަހަކު އެ މެސެޖުތައް ބަލާ ހަދާ ކަމަށެވެ. އެހެންވެ ގަބޫލްކުރެވުނީ ވަރަށް ގިނަ ބަޔަކަށް ގާސިމް މި މެސެޖުތައް ފޮނުއްވާނެ ކަމެވެ.

ގާސިމް މެސެޖު ކުރައްވަނީ އޭނާގެ ރީތި ނަންބަރުން، ވަޓްސްއަޕުންނެވެ.

މި ވާހަކަ ދައްކަމުން ގޮސް އަޅުގަނޑުމެން ދެ މީހުންނަށް ވެސް ކުރެވުނީ އެއް ސުވާލެކެވެ. އެއީ ހަމަ އެ ސުވާލެވެ. ތިޔަ ބޭފުޅުންގެ ހިތުގައިވެސް މިހާރު އުފެދިފައިވާ ސުވާލެވެ. ގާސިމް އެހާ ބުރަކޮށް އުޅުއްވަމުން ވެސް، އެކަމަށް ވަގުތު ހުސްކުރައްވައި ގަވައިދުން ކޮންމެ ރެއަކު މެސެޖުތައް ފޮނުއްވަނީ ކިހިނެއް ހެއްޔެވެ؟ އެހެންވެ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުމަށްފަހު އަޅުގަނޑުމެންނަށް އެއްބަސްވެވުނީ އެއީ ގާސިމްގެ މުވައްޒަފަކު ލައްވާ ތައްޔާރުކޮށް، އޮޓޯ ސިސްޓަމަކުން ފޮނުއްވަމުން ގެންދަވާ މެސެޖުތަކެއް ކަމަށެވެ. އެ ފޮނުވާ ކަމެއް ވެސް ގާސިމަކަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެނީ ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންގެ މީސްމީޑިއާ ހެންޑްލްތައް ބަލަހައްޓާން ހާއްސަ މުވައްޒަފުން ތިބޭތީއެވެ. އެހެންވެ ގާސިމް ވެސް ކަން ކުރައްވާނީ އެހެން ކަމަށް ބެލެވުނީއެވެ.

އެކަަމަކު ވެސް އަޅުގަނޑުގެ ހިތުގައި އަދިވެސް ސުވާލު އުފެދެއެވެ. އެއީ ހަމަ މުވައްޒަފަކު ލައްވާ ގާސިމް ކުރައްވާ ކަމެއްބާވައެވެ؟ ނޫނީ ގާސިމް އަމިއްލަފުޅަށް ފޮނުއްވާ މެސެޖުތަކެއްބާވައެވެ؟ އެ މެސެޖު ލިބޭ ހަމަ ކޮންމެ ފަހަރަކު ހިތުގައި އެ ސުވާލު އުފެދެއެވެ. އެހެންވެ އަޅުގަނޑު ހިތަށް އެރީ އެ ސުވާލުގެ ޖަވާބު ހޯދަން ގާސިމަށް ގުޅުމަށެވެ. އެހެންވެ އެ މެސެޖު ލިބޭ ދަނޑިވަޅުގައި ގާސިމަށް މެސެޖުކުރާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އެންމެ ސުވާލެއް ކޮށްލަން ގުޅާލަން ބޭނުން ކަމަށް ދަންނަވައެވެ. ނަމަވެސް ޖަވާބެއް ނުދެއްވައެވެ. (އިއްޒަތްތެރި ބޭބޭފުޅުންނަށް ސީދާ ގުޅުމަކީ އަޅުގަނޑު އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ގުޅަން ބޭނުން ކަމަށް މެސެޖެއް ކޮށްލަނީއެވެ. އެ ބޭފުޅަކު ބޭނުންވިއްޔާ ގުޅުއްވާނެ ކަމަށް ބަލާފައެވެ.)

އަޅުގަނޑުގެ މެސެޖަށް ގާސިމް އެއްވެސް ޖަވާބެއް ނުދެއްވުމުން، ކުރިން ކުރެވުނު ހީ ޔަގީނާ ގާތްވިއެވެ. ސަބަބަކީ ގާސިމް އަމިއްލަފުޅަށް މެސެޖު ކުރެއްވި ނަމަ، އަޅުގަނޑު ފޮނުވި މެސެޖުވެސް އޮންނަންވާނީ ގާސިމަށް ފެނިވަޑައިގެންފައި ކަމަށްވާތީއެވެ. އެހެންވެ އެ ވާނީ މުވައްޒަފަކު ލައްވާ ގާސިމް ފޮނުއްވާ މެސެޖުތަކެއް ކަމަށް ނިންމީއެވެ. އެހެން ނަމަވެސް އެގޮތަށް ނިންމޭކަށް އަދި ނެތެވެ. އެކަން ކަށަވަރުކުރަން ބޭނުންވެއެވެ. އެހެންވެ މިރޭ، ދެލޯ މަރައިފައި ގާސިމަށް ސީދާ ގުޅައިފީމެވެ. ގާސިމް ވަގުތުން ފޯނު ނެންގެވިއެވެ. އަޅުގަނޑު ކުރަން ބޭނުންވާ ސުވާލު ވަގުތުން ދަންނަވައިފީމެވެ.

"އަޅުގަނޑު އަމިއްލައަށް މެސެޖު ފޮނުވަނީ. އެކަމަކު އަޅުގަނޑަށް އެ އެއްޗެތި ތައްޔާރުކޮށްދެނީ އެހެން ބޭފުޅެއް،" ގާސިމް، 72، ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ދުވަހުގެ ތަހުނިޔާ މެސެޖުތައް ފޮނުއްވަން އެންމެ ފުރަތަމަ ފެއްޓެވީ ކޮވިޑް-19ގެ އާލަމީ ވަބާގެ ލޮކްޑައުން ތެރޭގައި، ރަށު ބަންދުގައި ހައްޔަރުވެފައި ސަން އައިލެންޑު ރިސޯޓުގައި ހުންނެވި ދުވަސްވަރުއެވެ.

"ކޮވިޑްތެރޭގައި އެކަން ފެށުނީ. އޭރުއްސުރެ ފޮނުވަން. އެކަމަކު މިހާރު މި ފޮނުވާ ގޮތަށް ގުރުއާނުގެ އާޔަތަކާއި އޭގެ މާނަ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔެފައި ގުޑްމޯނިން މެސެޖު ފޮނުވާތާ މިހާރު ހައެއްކަ މަސް ވެދާނެ،" ގާސިމް ވިދާޅުވިއެވެ. "އެންމެ ކުރިން ފޮނުވީ އިރުއަރާ މަންޒަރެއް ކަހަލަ މަންޒަރެއް ލާފައި، މީހަކު ބުނާ މޮޅު ބަހެއް ލާފައި ގުޑްމޯނިން ޖަހާފައި. އެކަމަކު މިހާރު މި ފޮނުވާ ގޮތަށް (ގުރުއާނުގެ އާޔަތަކާއި އޭގެ މާނަ ހިމަނައިގެން) ފޮނުވީމާ މާ މީނިންގފުލް (މާނަހުރި ކަމެއްގެ) ގޮތުގައި އަޅުގަނޑަށް ފެނުނީ. އޭގެން ދީނީ ގޮތުން ވެސް ބަޔަކަށް އެއްޗެއް އޮޅުންފިލާނެ. އަނެއްކާ ﷲގެ ހުކުމްފުޅުތަކާއި އެންގެވުންތައް މި އަންނަނީ."

ގާސިމް ވިދާޅުވީ އެ މަނިކުފާނުގެ ދުވަހުގެ ތަހުނިޔާ މެސެޖުތައް ފޮނުއްވަނީ ހަމައެކަނި ދިވެހިންނަށް އެކަނި ނޫން ކަމަށާއި ބޭރުގެ އެކިއެކި މީހުންނަށް ވެސް ފޮނުއްވާ ކަމަށެވެ. އިނގިރޭސި ބަހުން ވެސް ލިޔެފައި އޮންނަނީ އެހެންވެގެން ކަމަށެވެ.

ގާސިމްގެ ދުވަހުގެ ތަހުނިޔާ މެސެޖުތައް ގާތްގަނޑަކަށް ދޮޅުހާސް މީހުންނަށް ކޮންމެ ރެއަކު ފޮނުއްވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެކަން ކުރައްވަނީ ވަޓްސްއަޕް ބްރޯޑްކާސްޓް މެސެޖުގެ ތެރެއިން ގްރޫޕުތަކެއް ހައްދަވައިގެންނެވެ. މިއިން ކޮންމެ ގްރޫޕެއްގައި 50 މީހުން ތިބޭނެ ކަމަށާއި އެ އެންމެނަށް މެސެޖްތައް ފޮނުވާލުމަށް ދެތިން މިނިޓުވެސް ނުނަގާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކުރިން ފޮނުވަނީ ކޮންމެ މީހަކަށް ވަކިވަކިން. އޭރުވެސް ހަތަރު ސަތޭކައެއްހާ މީހުންނަށް ފޮނުވަން. ފަހުންފަހުން އައިސް ބްރޯޑްކާސްޓް ގްރޫޕު ހަދައިގެން (ގަނޑުކޮށް) ފޮނުވޭކަން އެނގުނީމާ އެކަން ދަސްކޮށްގެން، މިހާރު ފޮނުވަނީ ގަނޑުކޮށް. މިހާރު ދޮޅު ހާސް މީހުންނަށް ފޮނުވަން. ދެތިން މިނިޓްއިރު ނުނަގާނެ އެކަމަކަށް،" ގާސިމް ވިދާޅުވިއެވެ. "ގާތް މީހުންނަށާއި އެހާ ގާތް ނޫނަސް، ދަންނަ ރައްޓެހިންނަށް އަޅުގަނޑު މެސެޖު ފޮނުވަނީ."

ގާސިމްގެ ދުވަހުގެ ތަހުނިޔާ މެސެޖުތައް ފޮނުއްވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ހުރިހައި މެސެޖުތަކެއް ވެސް ފޮނުއްވައިފައި ހުންނަނީ އާންމު ގޮތެއްގައި ވަރަށް ދަންވަރު އެވެ. މެންދަމުން އަލިވެ ދޭކުން ފެށިގެން ފަތިސްވުމާ ދެމެދުއެވެ. ގާސިމް އެހާ ބިޒީކޮށް އުޅުއްވާފައި ރޭގަނޑު އަވަހާރަފުޅު ވެސް ނުލައްޕަވަނީބާވައެވެ؟

"ނޫން ނޫން. އަޅުގަނޑު ނިދަން. (ރޯދަ މަހުގެ) ކުރިން ދޭއް ޖަހާކަންހާއިރު ނިދަނީ. އެކަމަކު ކޮންމެ ރެއަކު ވެސް ފަތިސް ނަމާދަށް ހޭލަން 4.30 ހާއިރު. މި ރޯދަ މަހު މި ނިދަނީ ފަތިސް ނަމާދު ކޮށްގެން. އެހެން މަސްމަހު ފަތިސް ނަމާދަށްފަހު ނުނިދަން. އެހެންވެ ފަތިސް ނަމާދުގެ ކުރިން ނޫނީ ނަމާދުގެ ފަހުން ދޭތެރެއަކުން މެސެޖުތައް ފޮނުވާލަނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ހުރިހާ ޕޯސްޓެއްވެސް ފަރުމާކޮށްފައި ހުންނަނީ ވަރަށް ނަލަކޮށެވެ. އެއިން އެއްވެސް ޕޯސްޓެއްގައި ގާސިމްގެ ނަމެއް ނޯވެއެވެ. އެހެންވެ، ގުޑްމޯނިން މެސެޖް ފޮނުވަން ބޭނުންވާ މީހުންނަށް ވެސް އެ މެސެޖުތައް ފޯވާޑްކޮށްލެވޭނެއެވެ.

އަޅުގަނޑުގެ ހިތުގައި ހުރި ހުރިހާ ސުވާލަކަށް ގާސިމް ޖަވާބު ދެއްވައިފިއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އަދި މިހާރުގެ ސިޔާސީ އޮއިވަރާ ބެހޭ ގޮތުން ވެސް ގާސިމް ވަރަށް ވާހަކަ ދެއްކެވިއެވެ. މިއަދުގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުންނާއި އެ މަނިކުފާނުގެ ރިޔާސީ ރޭހާ ބެހޭ ގޮތުން ވެސް އާންމުކޮށް ނުދައްކަވާ، ވަރަށް ތަފާތު ވާހަކަތައް ގާސިމް ދެއްކެވިއެވެ. ގައުމުގެ އަދުގެ ހާލަތާއި ރާއްޖޭގެ ކުރިމަގާ ދޭތެރޭ އެ މަނިކުފާނުގެ އުންމީދުތައް ހުރި ގޮތުގެ ވާހަކަ ވެސް ވަރަށް ތަފްސީލްކޮށް ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް ނޫހުގައި ޖަހާކަށް ގާސިމް އަދި ބޭނުންފުޅެއް ނޫނެވެ. (އެހެންވެ އެ ވާހަކަ ބޭއްވީއެވެ. މާފުކުރައްވާށެވެ.)

ގާސިމްގެ ސީދާ ސާދާ ޖަވާބުތަކުން މި މެސެޖުތަކާ ބެހޭ ހުރިހާ ކަމެއް ވަރަށް ސާފުވެއްޖެއެވެ. އެހެންވެ އަޅުގަނޑަށް ދެން ހަމަޖެހިލައިގެން ނިދާލެވިދާނެކަންނޭނގެއެވެ. އެހެންވެ އުޅުނީ ނިދާށެވެ. އެކަމަކު އަދި ނިދޭކަށް ނެތެވެ. ތިރީގައި މިވާ މެސެޖުގައި އެ ބުނަނީ އެހެންނެވެ.

ގާސިމަށް ވެސް އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ބާއްޖަވެރި ދުވަހަކަށް އެދެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
131
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *